ސޯލް (އެޕްރިލް 13): އުތުރުކޮރެޔާ އިން މިއަދު ފޮނުވާލި މިސައިލެއްގެ ބައެއް ކަނޑަށް ވެއްޓިއްޖެ ކަމަށް ދެކުނު ކޮރެޔާގެ ބުނެފި އެވެ. ދެކުނު ކޮރެޔާގެ ދިފާޢީ ވުޒާރާއިން މިއަދު ބުނި ގޮތުގައި ސޯލްގެ ހުޅަނގުން 165 ކިލޯމީޓަރު ދުރަށް ކަނޑަށް މިއަދު ހެނދުނު ވެއްޓިފައި ވަނީ އުތުރުކޮރެޔާ އިން މިއަދު ފޮނުވާލި މިސައިލެއްގެ ފުރަތަމަބައި ކަމަށް ބެލެވޭ ކަމުގަ އެވެ.

ޖަޕާނުގެ ދިފާޢީ ވަޒީރު ނާވްކީ ޓަނަކާ ވިދާޅުވީ އުތުރުކޮރެޔާ އިން މިއަދު ފޮނުވާލި މިސައިލް ޖައްވުގައި ދަތުރުކުރީ ދެތިންމިނިއްޓުވަންދެން ކަމަށާއި އެއަށް ފަހު އެ މިސައިލް ކަނޑަށްވެއްޓިފައިވާ ކަމުގަ އެވެ. މިސައިލްގެ އެއްވެސް އަސަރެއް ޖަޕާނަށް ނުކުރާކަމަށް ޓަނަކާ ވިދާޅުވި އެވެ. އެމެރިކާއިންބުނީ އުތުރުކޮރެޔާއިން މިއަދު މިސައިލެއް ތަޖްރިބާކުރިކަން ޔަގީންނުވާ ކަމަށާ އުތުރުކޮރެޔާގެ މިސައިލެއް ނޫނީ ރޮކެޓެއްގެ ބައެއް ކަނޑަށް ވެއްޓުނުކަން ނުވަތަ ނޫންކަން ވެސް ކަށަވަރުކޮށްދޭން ނޭނގޭ ކަމުގަ އެވެ.

އުތުރުކޮރެޔާ އިން ވަނީ އެޤައުމުން ޖައްވަށް ސެޓަލައިޓެއް ފޮނުވަން ކުރިމަސައްކަތް ކާމިޔާބުނުވިކަމަށް އެއްބަސްވަފަ އެވެ. އުތުރުކޮރެޔާގެ ރަސްމީ ނޫސްއެޖެންސީ ބުނީ ސެޓަލައިޓާ އެކު ފޮނުވާލި "ޔުންހާ 3" މަރުކާގެ ރޮކެޓް ވެއްޓިފައި ވަނީ ސެޓަލައިޓް އޭގެ އޯބިޓާހަމައަށް ވާސިލްވުމުގެ ކުރިން ކަމުގަ އެވެ. އޯބިޓާހަމައަށް ސެޓަލައިޓް ވާސިލްވުމުގެ ކުރިން ރޮކެޓް ވެއްޓޭން މެދުވެރިވި ސަަބަބުތައް އުތުރުކޮރެޔާގެ ސައެންސްވެރިން ބަަލައި ދިރާސާ ކުރަމުންގެންދާ ކަމަށް ވެސް އެޤައުމުގެ ރަސްމީ ނޫސްއެޖެންސީ ބުނެ އެވެ.

އުތުރުކޮރެޔާ އިން ޖައްވަށް ފޮނުވުމަށް ތައްޔާރުވަމުންދިޔަ ސެޓަލައިޓާއި އެސެޓަަލައިޓް ފޮނުވުމަށް ބޭނުންކުރާ "ޔުންހާ 3" މަރުކާގެ ރޮކެޓް އުދުއްސާލާނެ ކަމަށް އެޤައުމުން ބުނެފައި ވަނީ އަންނަ އާދީއްތަ ދުވަހުއެވެ. އާދީއްތަ ދުވަހުގެ ކުރިން ސެޓަލައިޓް ފޮނުވާލި ސަބަބެއް އެޤައުމުން ހާމަކޮށްފައެއްނުވެ އެވެ.

ދެކުނު ކޮރެޔާއާއި ޖަޕާނާ އަދި އެމެރިކާގެ މަސްއޫލުވެރިންގެ މިވާހަކަތަކަށް އުުތުރުކޮރެޔާ އެއްވެސް ޖަވާބެއް ނުދެއެވެ. (ރޮއިޓާސް)