18 Jan 2023, 09:23
ބޮލީވުޑްގެ ގިނަ ލަވަތަކުންނާއި ޓެލެވިޒަން ޝޯވްތަކުން ފަނޑިޔާރެއްގެގޮތުގައި ފެނިފައިވާ ނެށުންތެރިޔާ ނޯރާ ފަތްހީގެ އާ ލަވައެއް ޓީ-ސީރީސްއިން ގެނެސްދިނުމަށް ނިންމައިފިއެވެ.
ބޫޝަން ކުމާރް ޕްރޮޑިއުސްކުރާ މިލަވައިގެ ފުރަތަމަ ޕޯސްޓަރުވެސް މިހާރުވަނީ ނެރެފައެވެ. އެކްޓަރު ރާޖް ކުމާރް ރާއޯއާއެކު ނޯރާ ފެނިގެންދާ މިލަވައަކީ 1995ވަނަ އަހަރު ރިލީޒްވި ފިލްމު "ބޭވަފާ ސަނަމް"އަށް ލަވަކިޔުންތެރިޔާ ސޯނަމް ނިގަމް ކިޔައިދީފައިވާ ހިތްގައިމު ލަވަ "އައްޗާ ސިލާ ދިޔާ ތޫނޭ"އެވެ. މިލަވަ ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ނިންމާފައިވަނީ މިމަހުގެ 19ވަނަ ދުވަހުކަމަށް ޓީ-ސީރީސްއިން ވަނީ ބުނެފައެވެ.
މިފަހަރުގެ ލަވަ ގެނެސްދެނީ، ފިލްމު "ގުޑް ނިވްސް" "ބާލާ" އަދި "ކޭސަރީ"އަށް ލަވަކިޔައިދީ މިއުޒިކް ތައްޔާރުކޯށްދީފައިވާ ލަވަކިޔުންތެރިޔާ ޕްރަތިކް ބައްޗަން ނުވަތަ މަޝްހޫރު ނަމުންނަމަ ބީ.ޕްރާކްއެވެ. ޕްރާކްގެ އަޑުން ލަވަ ގެނެސްދޭއިރު މިލަވައިގެ މިޒަމާނަށް ފެތޭގޮތަށް ލަވައިގެ މިއުޒިކް ތައްޔާރު ކޮށްދީފައި ވަނީ، ޒުވާން މިއުޒިކް ކޮމްޕޯސަރ ރާޖިވް ކުމާރް(ޖާނީ)އެވެ. ބޫޝަން ކުމާރް ލަވަ ޕްރޮޑިއުސްކުރުމުގައި އިސް ދައުރެއް ކުޅޭއިރު ލަވަ ޑައިރެކްޓް ކުރާނީ އަރްވިންދްރަ ޚައިރްއެވެ.
ނޯރާ ފަތްހީ އެންމެ ފަހުން ކުޅުނު ސިންގަލް ލަވަތަކުގެތެރޭގައި، ޕާންޖާބަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ ގުރޫ ރަންދާވާއާއެކު ކުޅުނު ލަވަ "ޑާންސް މެރީ ރާނީ"، ޕާކިސްތާންއަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ ޒެކް ނައިޓްއާއެކު ކުޅުނު ލަވަ "ޑާޓީ ލިޓްލް ސީކްރެޓް" ހިމެނެއެވެ.
ނޯރާ ކުޅެފައިވާ ލަވަތަކުގެތެރެއިން ދާދިފަހުން ރިލީޒްވި ފިލްމު "ތޭންކް ގޯޑް"ގެ 'މަނިކޭ މަގޭ ހިތޭ'އަކީ ދިވެހީންގެތެރޭގައި ވެސް ބޮޑު މަޤުބޫލުކަމެއް ހޯދި ލަވައެކެވެ. ކުރީގެ މަޝްހޫރު ލަވަ 'ދިލްބަރް'ގެ ފަހުގެ ލަވައިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ނޯރާއަކީ ހިންދީ ސިނަމާގައި މިވަގުތުހުރި އެންމެ ކާމިޔާބު އެއް ނެށުންތެރިޔާއެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ލަވަކިޔުންތެރިޔާ އަރިޖިތް ސިންގްގެ އަޑުން ކިޔާދާފައިވާ ލަވަ "ޕަޗްތާއުނގީ"އަކީ ބޮޑު މަޤުބޫލުކަމެއް ލިބުނު ލަވައެކެވެ. ބައެއް ހިންދީ ފިލްމުތަކުންވެސް ފެންނަ ނޯރާވަނީ ދާދިފަހުން ނިމުނު ވާލްޑް ކަޕްގެ ރަސްމީ ލަވައިގައި އިންޑިއާ ރަމްޒުކޮށްދީ މި މުބާރާތް ނިންމާލި ރަސްމިއްޔާތުގައިވެސް އިންޑިއާ ރަމްޒުކޮށްދީފައެވެ.