އެއީ 2020 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އެ އަހަރުގެ ފަހު ކޮޅު ރާއްޖޭގެ ރިސޯޓްތައް ފުރި އިކޮނޮމިކް ބޫމް އެއް އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވިއެވެ. އެހެން ނަމަވެސް، މާބޮޑު އަލިކަމެއް އެއަހަރު އެކަމުން ނުފެނުމުން އެކަމަށް ހަޖޫ ޖެއްސެވި އެތަކެއް ބޭފުޅަކު، އޭރު ވެސް އަދި މިހާރު ވެސް އެބަ ތިއްބެވެ.

މި އަހަރަކީ 2020 ނޫން ނަމަވެސް، ރައީސް އެ ވިދާޅުވުމުގައި މިއަދު އަސްލުކޮށް ވެސް ކުލަ ޖެހެން ފަށައިފިއެވެ. އިގްތިސާދީ ބޫމް އަކަށް ރާއްޖެ ދަތުރުކުރަން ފަށައިފިއެވެ.

މި ކަމަށް ހެކިދޭ ކަންކަން ބައިވަރެވެ. ވޯލްޑް ބޭންކުން ދާދި ފަހުން ނެރުނު ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ފަދަ އިގްތިސާދީ އެކި ރިޕޯޓްތަކުން މި ކަމަށް ހެކި ދެއެވެ. ނިމިދިޔަ އަހަރުގެ އިގްތިސާދީ ދުވެލި 7.6 ޕަަސެންޓުން 12.4 ޕަސެންޓަށް މަތިވި ނަމަވެސް، މި އަހަރުގެ އިގްތިސާދީ ދުވެލި އެއަށް ވުރެ ވެސް މަތިވާނެ ކަމަށް އެ ބޭފުޅުން އަންދާޒާ ކުރެއެވެ. އެކަމަށް އެންމެ ބޮޑު ޙިއްސާއެއް ކުރަނީ ވެސް ފަތުރުވެރިކަމުގެ ދާއިރާއިންނެވެ.

ފަތުރުވެރިން ރާއްޖެއައިސް ވެލާނާ އެއާރ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑްގެ ކުރިން ރާއްޖޭގެ ފަތުރުވެރިން އެންމެ ގިނައިން އައީ ޗައިނާއިންނެވެ. ތިން އަހަރުގެ ދިގު މުއްދަތަކަށް ފަހު އެކަން ތަކުރާރު ވާން އުޅުމުގެ މަންޒަރު ފެންނަން ފަށާއިރު، މިއީ ރާއްޖޭގެ އިގްތިސާދަށް ކިހާ މުހިއްމު ބައެއްތޯ ބެލުމަކީ މުހިއްމު ކަމެކެވެ.

ޗައިނާގެ ފަތުރުވެރިންގެ ދައުރު އަބަދުވެސް ބޮޑު!

ޗައިނާ އަކީ ފާއިތުވެ މިދިޔަ ހައެއްކަ އަހަރު ރާއްޖޭގެ މާކެޓު ލީޑަރޭ ބުނުމަކުން ގޯހަކަށް ނުވާނެއެވެ. ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މާކެޓު ލީޑަރުގެ ގޮތުގައި އޮތީ ޗައިނާއެވެ.

ދެހާސް އަށާރަ ވަނަ އަހަރު ދެ ލައްކަ އަށްޑިހަ ތިން ހާހަށް ވުރެ ގިނަ ފަތުރުވެރިން ޗައިނާއިން ރާއްޖެއަށް އައެވެ. މި އަދަދަކީ ދެވަނައަށް އޮތް ޖަރުމަނަށް އެ އަދަދާ ގާތް ވެސް ނުކުރެވޭ އަދަދެކެވެ. އެ އަހަރު ޖަރުމަނުން ރާއްޖެ އައީ އެއްލައްކަ ސަތާރަ ހާހަށް ވުރެ ގިނަ ފަތުރުވެރިންނެވެ.

ފަތުރުވެރިން ރާއްޖެއައިސް ވެލާނާ އެއާރ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެހާސް ނަވާރަ ވަނަ އަހަރު ދެ ލައްކަ އަށްޑިހަ ހަތަރު ހާހަށް ވުރެ ގިނަ ޗައިނާގެ ފަތުރުވެރިން ރާއްޖެއައެވެ. އެ އަހަރު ދެވަނަ އޮތް އިންޑިޔާއިން އާދެވުނީ އެއްލައްކަ ފަސްދޮޅަސް ހާހަށް ވުރެ ގިނަ ފަތުރުވެރިންނެވެ.

މި އަދަދުތަކަކީ އެވްރެޖްކޮށް ރާއްޖޭގެ މާކެޓުގެ 16 ޕަސެންޓެވެ.

ކޮވިޑްގެ ތެރޭގައި އެންމެ ބޮޑަށް އަސަރު ކުރީ ޗައިނާއަށް ނަމަވެސް، 2020 ވަނަ އަހަރު ހަވަނައަށް ރާއްޖެއަށް އެންމެ ގިނައިން އައީ ޗައިނާގެ ފަތުރުވެރިންނެވެ. އެއްވަނައިގައި އޮތް އިންޑިޔާ އަށް ވުރެ ގާތްގަޑަކަށް ދެ ގުނަ މަދުވި ނަމަވެސް، އެ އަހަރު ވެސް ތިރީސް ހަ ހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައެވެ.

ޗައިނާގެ ފަތުރުވެރިންގެ އަދަދުތައް 2020 ގެ ފަހުން ދަށްވިއިރު، އެކަން އެހެން މެދުވެރިވި މައިގަނޑު ސަބަބަކީ ކޮވިޑާއެކު ޗައިނާ ފުރަބަންދު ވުމެވެ. ދެ ގައުމުގެ ދެމެދުގައި ސީދާ ފްލައިޓްތައް ނޭޅުމަކީ އޭގެ އެންމެ ބޮޑު ސަބަބެވެ.

މިއީ އިގްތިސާދަށް ހަމަ "ބޫމް"އެއް!

ދެހާސް ވިހީގެ ފަހުން ގާތްގަޑަކަށް ތިން އަހަރު ފަހުން ޗައިނާގެ ޑައިރެކްޓް ފްލައިޓުތައް ރާއްޖެއަށް މިއަދު ދަތުރުތައް ފަށާއިރު، މިއީ ޕްރީ ޕެންޑަމިކުގެ ހާލަތަށް ދިޔުމަށް ރާއްޖެއަށް ލިބޭނެ ބޮޑު ފުރުސަތެކެވެ.

"ޕެންޑަމިކުގެ ކުރިން ރާއްޖޭގެ ލީޑިން މާކެޓު ދޯ އެއީ. އެހެންވީމާ ފުލް ފްލެޖުގައި ޗައިނާ މީހުން އަންނަން ފަށާއިރަށް ލީޑިން މާކެޓަށް ބަދަލުވާނެ،" ވަރަށް ޔަގީން ކަމާ އެކު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓަރ މައުސޫމް ސަން އަށް އިންޓަވިއު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވި ބީދާއިން ޗައިނާގެ މާކެޓަށް ރާއްޖެ ހުޅުވާލުމާއެކު، ރާއްޖޭގެ ލީޑިން މާކެޓަށް ޗައިނާ ވުމަކީ އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އޭގެން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެކެެވެ. ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން އެންމެ ބޮޑު ހިއްސާ އެއް ކުރަނީ ފަތުރުވެރިކަން ކަމުގައި ވީއިރު، މި ފަހަރުގެ ޗައިނާގެ މާކެޓާ އެކު ރާއްޖެއަށް އެކަމުން ލިބޭނެ ކުރިއެރުމަށް އެންމެން މިތިބީ ފެންބޮވައިގަނެފައެވެ.

"އަޅުގަނޑުމެން މި ބަލަނީ މި އަހަރު، މުޅިން ޕްރީ ޕެންޑަމިކުގެ ކަންތައްތަކަށް އަލުން ރުޖޫއަ ވާނެ ކަމަށް،" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މާހިރެއް ކަމުގައިވާ މުހައްމަދު ރިޔާޒް ވެސް ގަބޫލުކުރައްވަނީ އެގޮތަށެވެ.

"ޗައިނާގެ މާކެޓަކީ ވަރަށް ބޮޑު އޮކިއުޕެންސީއެއް ހިފަހައްޓާ ބައެއް. އަދި ވަކިން ޚާއްސަކޮށް އަޅުގަނޑުމެންގެ އޮފް ސީޒަނުގައި އެމީހުން އޮކިއުޕެންސީ ވަރަށް ހައިވާނެ، އެއީ އެބޭފުޅުންގެ ހައި ސީޒަން،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވި ފަދައިން، ޗައިނާ މާކެޓުގެ ޚާއްސަ ކަމަކީ ވެސް އެއީއެވެ. ޔޫރަޕުން ޓޫރިސްޓުން އައުން މަދުވާ، ރާއްޖޭގެ އޮފް ސީޒަނުގައި ޗައިނާގެ ފަތުރުވެރިން، މި މާކެޓު ހިފަހައްޓާ މިންވަރެވެ.

ފަތުރުވެރިން ރާއްޖެއައިސް ވެލާނާ އެއާރ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އޮފް ސީޒަނަކީ މޭ އިން އޮގަސްޓު ގެ ނިޔަލަށް ވާއިރު، ޖޫން އަދި ޖުލައި މަހު ޗައިނާ އިން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު އިތުރުވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، 2017 ވަނަ އަހަރުގެ ޖުލައި އަދި ފެބްރުއަރީ މަހަކީ ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކުރި މަހެވެ. އެގޮތުން އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރި އެއްލައްކަ ސަތާރަ ހާހަށް ވުރެ ގިނަ މީހުންގެ ތެރެއިން ތިރީސް ފަސް ހާހަށް ވުރެ ގިނަ މީހުންނަކީ ޗައިނާގެ ފަތުރުވެރިންނެވެ.

ދެހާސް އަށާރަ ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި އެއް ލައްކަ ބާވީސް ހާސް މީހުންގެ ތެރެއިން ގާތްގަޑަކަށް ތިރީސް ފަސް ހާސް މީހުންނަކީ ޗައިނާގެ ފަތުރުވެރިންނެވެ.

ރާއްޖޭގައި ތިބޭ މުއްދަތު ކުރު ވެދާނެ، އެކަމަކު އެކަން ފޫބެއްދޭނެ!

މި ވަގުތު ރާއްޖެއަށް އެންމެ ގިނައިން އަންނަނީ ރަޝިޔާގެ މާކެޓުންނެވެ. އޭގެ ފަހަތުން ޖަރުމަނު، އިޓަލީ އަދި އިންޑިޔާ ފަދަ ގައުމުތައް ހިމެނޭއިރު އާންމު ގޮތެއްގައި މި ގައުމުތަކުން އަންނަ ފަތުރުވެރިން ރާއްޖެއަށް އައިސް ހަތް ދުވަހާއި އަށް ދުވަހާއި ދެމެދުގެ ދުވަސްތެއްގައި މަޑު ކުރެއެވެ. ނަމަވެސް މި އަދަދު އެވްރެޖް ގޮތެއްގައި ޗައިނާގެ މާކެޓާ އެކު މަދުވާނެއެވެ.

ޗައިނާގެ ފަތުރުވެރިންނަކީ ލާރި ހުރި މުއްސަނދިންނެވެ. އަދި ވަކިން ޚާއްސަކޮށް، ތިން އަހަރުގެ މަޑު ކުރުމަކަށް ފަހު ޗައިނާގެ ޑައިރެކްޓް ފްލައިޓުތައް ރާއްޖެއަށް އައުމަކީ އޭގެ ސަބަބުން އެ މީހުން ހަމަ އެކަނި ރާއްޖޭގައި މަޑުކުރާނެ ކަމެއް ވެސް ނޫނެވެ.

ފަތުރުވެރިން ރާއްޖެއައިސް ވެލާނާ އެއާރ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކި ގައުމުތަކުގެ އެކި ސިޓީ ތަކަށް އެމީހުންގެ ދަތުރުތައް ފެށޭނެ އިރު، ރާއްޖޭގައި އެވްރެޖް ގޮތެއްގައި ޗައިނާގެ ފަތުރުވެރިން މަޑު ކުރާނީ ހަތަރު ދުވަހާ ފަސް ދުވަހާ ދެމެދުއެވެ.

"ޗައިނާގެ ފަތުރުވެރިން އަންނަން ފެށީމާ އެވްރެޖް ޑިއުރޭޝަން އޮފް ސްޓޭ ދަށް ވެދާނެ. އެއީ ޗައިނާގެ ފަތުރުވެރިން ޢާންމު ގޮތެއްގައި ތިބޭނީ ހަތަރު ފަސް ދުވަސް ވަންދެން. މިހާރު އެވްރެޖްކޮށް، ކޮންމެ ޓޫރިސްޓަކު ވެސް 8.2 ދުވަސް ރާއްޖެގައި އެބަ ހުރޭ،" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

ރާއްޖޭގައި ޗައިނާގެ ފަތުރުވެރިން އައިސް ތިބޭ މުއްދަތު މަދު ވުމަކީ އޭގެ ސަބަބުން ރާއްޖޭގެ ޢާމްދަނީ އަށް ކުޑަ ނަމަވެސް އަސަރެއް ކުރާނެ ކަމެކެވެ. ނަމަވެސް، ބޮޑު މާކެޓަކާ އެކު އެ އަދަދު ފޫބެއްދުމަކީ ކުރެވޭނެ ކަމެކެވެ.

މި އަހަރު ރާއްޖޭގެ ޓާގެޓު ކަމަށް ބެޖެޓު ފޮތުގައި އޮތީ 1.8 މިލިއަން ފަތުރުވެރިން ގެނައުމެވެ. އެ އަދަދަކީ އެކި ގޮތްގޮތުން ބަލައި، ދިރާސާ ކޮށް ޖަހާފައި އޮތް އަދަދަކަށް ވީ ނަމަވެސް އިގްތިސާދީ ގޮތުން ގައުމުތަކަށް އަންނަ ލޮޅުން ތަކުން އެ އަދަދަށް ބަދަލެއް އަތުވެދާނެއެވެ.

ނަމަވެސް، މި އަހަރު ނިމޭއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާނީ ޗައިނާއިން ކަމުގައި ގިނަ މީހުން ގަބޫލު ކުރެއެވެ. މިއީ ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމެކެވެ. ޗައިނާގެ މާކެޓާއެކު އޮތީ އުފާވެރި ކަމެވެ.