13 Apr 2012, 14:37
ބިސާއޮ (އެޕްރިލް 13): އެފްރިކާގެ ޤައުމެއް ކަމަށްވާ ގިނީ ބިސާއޮގެ ސިފައިން އެޤައުމުގެ ވެރިރަށް ބިސާއޮގެ ބޮޑުބައެއް ހިފައި ޤައުމީ ޓީވީ އާއި ވެރިކަންކުރާ ޕާޓީގެ އޮފީސް އެމީހުންގެ ބާރުގެ ދަށަށް ގެނަސްފި އެވެ.
ބިސާއޮ އިން ލިބޭ ޚަބަރުތައް ބުނާގޮތުން މިއީ ޤައުމުގެ ވެރިކަން ބަދަލުކޮށްލުމަށް ސިފައިން ޢަސްކަރީ އިންޤިލާބެއް ގެންނަން ކުރި މަސައްކަތެކެވެ. ޢަސްކަރީ އިންޤިލާބެއް ގެނަސް ޤައުމުގެ ވެރިކަން ބަދަލުކޮށްލިކަން ގިނީ ބިސާއޮގެ ސިފައިން އިއްލާންކޮށްފައެއްނުވެ އެވެ. އަދި މިއިންޤިލާބު ކާމިޔާބުވިކަން ނުވަތަ ނޫންކަން ވެސް ކަށަވަރުވަފައެއް ނުވެ އެވެ.
މަންޒަރުދުށް މީހުންނާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ވެރިރަށް ބިސާއޮގެ މައިމަގުތަކާއި ސަރުކާރުގެ އޮފީސް ޢިމާރާތްތަކާއި ރައީސާއި ބޮޑުވަޒީރުގެ އޮފީސްތަކާއި ގަނޑުވަރުތައް ވަނީ ސިފައިން ހިފައިފަ އެވެ. މިތަންތަން ހުންނަ ސަރަޙައްދުގައި މިއަދު ހެނދުނު ބަޑީގެ ޙަމަލާތަކެއް ބަދަލުކުރެވުނު ކަމަށް މަންޒަރުދުށްމީހުން ބުނެ އެވެ. ސިފައިންގެ އިންޤިލާބީ ޙަރަކާތާގުޅިގެން ބޮޑުވަޒީރު ކާލޮސް ގުމޭސް އާއި އިންތިޤާލީ ރައީސް ރާއިމަންޑޫ ޕެރޭރާ ވީނުވީތަނެއް އެނގިފައެއްނުވެ އެވެ.
ގިނީ ބިސާއޮގެ ބޮޑުވަޒީރު ކާލޮސް ގުމޭސް އަކީ ބޮޑުވަޒީރުކަމުގެ މުއްދަތު ހަމަވެފައިވާ ބޭފުޅެއް ނަމަވެސް އޭނާ މިހާތަނަށް ގެންދެވީ ބޮޑުވަޒީރުކަމުގެ މަޤާމް އަދާކުރައްވަމުންނެވެ. ގުމޭސް ގެ އޮފީސް ޙިމާޔަތްކުރުމުގައި ޙަރަކާތްތެރިވި ފުލުހުން ބުނިގޮތުގައި ސިފައިން އެއޮފީސް ހިފުމަށް މަސައްކަތްކުރުމުން ފުލުހުންނާއި ސިފައިންނާ ދެމެދު ހަތިޔާރުގެ ކުރިމަތިލުންތަކެއް ހިނގި އެވެ. ނަމަވެސް ހަތިޔާރު އަޅައިގެންތިބި ސިފައިންގެ ކުރިމަތީގައި ފުލުހުން ބަލިވެގެންދިޔުމާ އެކު ސިފައިން ގުމޭސްގެ އޮފީސް ހިފީކަމަށް ފުލުހުން ބުނެ އެވެ.
މިދިޔަ ޖަނަވަރީ މަހު ގިނީ ބިސާއޮގެ ރައީސް މާލަމް ބަކާއި ސިންހާ އަވަހާރަވުމާ ގުޅިގެން މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ވަނީ އެޤައުމުގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރު ބާއްވާފަ އެވެ. ނުވަ ކެންޑިޑޭޓަކު ވާދަކުރި މިއިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގެ 50 ޕަސެންޓް ނުލިބުމުން އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އެޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. ބޮޑުވަޒީރު ކާލޮސް ގުމޭސް އާއި ކުރީގެ ރައީސެއް ކަމަށްވާ ކޮންބާ ބާލާ އަކީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެބޭފުޅުން ކަމަށްވާތީ އެދެބޭފުޅުންގެ މެދުގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އެޕްރީލްމަހުގެ 29 ވަނަ ދުވަހުއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ގާތްވަމުންދާއިރު މިދެކެންޑިޑޭޓުންގެ ސަޕޯޓަރުންގެ ދެމެދުގައި ވާދަވެރިކަންވަނީ ވަރަށް ބޮޑުވެފައެވެ. މިދެކެންޑިޑޭޓުންގެ ތެރެއިން ކުރީގެ ރައީސެއް ކަމަށްވާ ކޮންބާ ބާލާ އަކީ ގިނީ ބިސާއޮގެ 25% މީހުން ނިސްބަތްވާ ބްލާންތީ ދަރިކޮޅުގެ ބޭފުޅެކެވެ. ގިނީ ބޮސާއޮގެ ސިފައިންގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައިމީހުން ނިސްބަތްވަނީ މި ދަރިކޮޅަށެވެ. ގިނީ ބިސާއޮ ޕޯޗްގަލްގެ އިސްތިއްމާރުނ މިނިވަންވީ 1974 ގައެވެ. މިނިވަންވުމަށް ފަހު މިޤައުމަކީ ޢަސްކަރީ އިންޤިލާބުތަކާއި ސިޔާސީ ކަތިލުންތައް ގިނަ ޤައުމެކެވެ.
ހުޅަނގު އެފްރިކާގެ އިޤްތިސާދީ ޖަމާއަތް ކަމަށްވާ އީކުއާސް އިންވަނީ ގިނީ ބިސާއޮއަށް ގެންނަން މަސައްކަތްކުރީ ޢަސްކަރީ އިންޤިލާބެއް ކަމަށްސިފަކޮށް އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. (ބީ.ބީ.ސީ)