މިދިޔަ އާދިއްތަ ދުވަހު ބޭއްވި ގޯލްޑަން ގްލޯބް އެވޯޑު ހަފުލާއަށް ފަހު އިވެންޓުގައި ބައިވެރިވި ތަރިން ކޮވިޑަށް ޕޮޒިޓިވް ވާން ފަށައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ގޯލްޑެން ގްލޯބް އެވޯޑު ހަފުލާއަކީ މިއަހަރުގެ ބޮޑެތި އެވޯޑު ޝޯތަކުގެ ފެށުމެވެ. ބަރިބަރިއަށް ބޮޑެތި އަދި ޝަރަފުވެރި އެވޯޑު ހަފުލާތައް ކުރިއަށް އޮތް އިރު ގޯލްޑަން ގްލޯބްސް ވެސް ނިމިގެންދިޔައީ ވަރަށް ކުލަ ގަދަ ކޮށެވެ. ހޮލީވުޑްގެ އެންމެ ބޮޑެތި އެކްޓަރުންނާއި ޑައިރެކްޓަރުން މި އިވެންޓުގައި ވަނީ ބައިވެރިވެފައެވެ.

ނަމަވެސް މި އިވެންޓަށްފަހު މިހާރު އިވެން ފަށާފައިވަނީ އިވެންޓަށް ދިޔަ ތަރިންތަކެއް ކޮވިޑަށް ޕޮޒިޓިވް ވާ ވާހަކައެވެ. އިވެންޓަށްފަހު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެންމެ ފުރަތަމަ އާންމުކޮށްފައިވަނީ މަޝްހޫރު އެކްޓަރުން ކަމަށްވާ ޖޭމީ ލީ ކާޓިސް އާއި މިޝެލް ފައިފާއެވެ.

އެއަށްފަހު ކޮލިން ފެރެލް އާއި ބްރެންޑެން ގްލީސަން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އާންމުކޮށްފައެވެ.

މީގެތެރެއިން ބައެއް ތަރީންނަކީ ގޯލްޑެން ގްލޯބްސްގެ ބޮޑެތި އެވޯޑުތަކަށް ނޮމިނޭޓް ވެސް ވެފައިވާ ތަރިންނެވެ.

ގޯލްޑެން ގްލޯބްސް އަށް ފަހު ދެން މި ހަފުތާގައި އޮތީ ކްރިޓީކްސް ޗޮއިސް އެވޯޑެވެ. ގޯލްޑެން ގްލޯބްސްގައި ކޭސްތައް އިތުރުވާތީ އެންމެފަހުން ކްރިޓީކްސް ޗޮއިސް އެވޯޑަށް ތަރީން ބައިވެރިކުރުވާފައިވަނީ ކޮވިޑް ނެގެޓިވް ޓެސްޓަކާއެކުގައެވެ. މިއީ ކުރިއަށް ހުރި އިވެންޓުތަކުގައި ވެސް ކަންތައް ކުރާނެ ގޮތް ކަމަށް ބެލެވެއެވެ. ކުރިއަށް އޮތް އެންމެ ބޮޑު އެވޯޑު ޝޯއަކީ މާޗު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ 95 ވަނަ އޮސްކާ އެވޯޑްސް އެވެ.