17 Jan 2023, 20:53
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ފޮތެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަދިޔާ ކުރައްވައިފިއެވެ.
މި ފޮތް ހަދިޔާ ކުރައްވާފައިވަނީ މިއަދު ހަވީރު ރައީސް ނަޝީދު ކުރެއްދޫ އައިލެންޑް ރިސޯޓަށް ވަޑައިގެން އުއްޗުއާ ބައްދަލުކުރެއްވުމުންނެވެ.

އުއްޗުއާއި ރައީސް ނަޝީދު ބައްދަލުކުރެއްވުން
މި ފޮތަކީ އުއްޗުގެ ވިޔަފާރީގެ ކާމިޔާބީތަކުގެ މައްޗަށް މެލޭޝިއާގެ ކެލަންޓަން ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މުހައްމަދު ރަފީ ޔަގޫބު ތައްޔާރު ކުރެއްވި ފޮތެކެވެ. މިފޮތުގައި އުއްޗުގެ ވިޔަފާރި ފެށިގެން އައި ގޮތާއި، ޓޫރިޒަމް ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކާއި އުއްޗުގެ ދިރިއުޅުމުގައި ފާހަގަކޮށްލެވޭ ކަންކަން ހިމެނެއެވެ.
ރައީސް ނަޝީދާ ބައްދަލުކުރައްވައި، ދެބޭފުޅުން ވަނީ ދިވެހިރާއްޖޭގެ އެކި ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވައި، ޚިޔާލު ބަދަލުކުރައްވާފައެވެ.

އުއްޗުއާއި ރައީސް ނަޝީދު ބައްދަލުކުރެއްވުން
އުއްޗުއަކީ ގައުމީ އިނާމާއި ޓޫރިޒަމް ދާއިރާއަށް ޚިދުމަތް ކުރެއްވުމުގެ އެތައް އިނާމެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި އޭނާ އިސްނަންގަވައިގެން މުޖުތަމައުގެ އެކި ކަންކަމަށް ގިނަގުނަ ހޭދަތައް ކުރައްވާފައިވެއެވެ.
އުއްޗު ވިޔަފާރީގެ ތެރެއަށް ވެންނެވީ ވަރަށް ކުޑައިރު މާލޭގެ ބާޒާރުމަތީގައި ހިންގެވި ފިހާރައާއެކު، މީގެ 50 އަހަރު ކުރީންނެވެ.