17 Jan 2023, 21:49
އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތިނުލެވޭ ގޮތަށް ބާއްވާ ރިޔާސީ އިންތިޚާބެއް ގަބޫލު ނުކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފިއެވެ.
އިދިކޮޅުން މިހެން ބުނި އިރު ވ. އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާސާބިތުވެ އެމަނިކުފާނު ގެންދަވަނީ 11 އަަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އިދިކޮޅުން މިއަދު ބޭއްވި ޕްރެސްގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށެވެ.
ހީނާ ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އޮތަސް އެމަނިކުފާނުގެ މަސައްކަތްޕުޅުތަކާއި އަޑު ކަނޑުވާލުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި އެކަމަށް ބަދަލެއް ނުވެސް އަންނާނެ ކަމަށެވެ.
"މި ކޯލިޝަނުން ގަބޫލުކުރާ ގޮތުގައި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ކުރިމަތިލެއްވޭނެ. އެމަނިކުފާނުގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ. އެހެންވީމާ ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ގޮތަށް މި ސަރުކާރުން ބާއްވަން އުޅޭ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން،" ހީނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ އިންސާފުވެރިކަން ކަނޑައެޅިގެން ދާނީ އިދިކޮޅު ލީޑަރު މިނިވަންކޮށް ބަހައްޓައިގެން ކުރިޔަށް ގެންދެވޭ އިންތިޚާބުތަކެއް ނުވަތަ ކެމްޕެއިންތަކަކުން ކަމަށް ވިދާޅުވެ ހީނާ ވަނީ ރައީސް ޔާމީން ވަގުތުން މިނިވަން ކުރަން ގޮވާލައްވާފައެވެ.
"ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަންކޮށް، އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރުމުގެ ފުރުސަތު ހުޅުވާލެވޭ ގޮތަށް މި ސަރުކާރުން ޢަމަލުކޮށްދިނުމަށް ގޮވާލަން،" ހީނާ ވިދާޅުވިއެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރައްވާތީ ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަ ކުރެވޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ ސުޕްރީމް ކޯޓުގެ ތެރެއިންނެވެ.
މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވަނީ ކުރިއަށް މި އޮތް ނުވަ ވަރަކަށް މަސް ތެރޭގައި އިސްތިއުނާފުގެ މަރުހަލާތައް ފުރިހަމަކުރައްވައިގެން އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ރައީސް ޔާމީނަށް ލިބުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއް ކަމަށެވެ.