01 Aug 2010, 10:06
19:00
މިއަދަކީ ވަތަނިއްޔާ އަށް ފަސް އަހަރު ފުރޭ ދުވަހެވެ. ވަތަނިއްޔާގެ މި ދަތުރުގައި ހޯދައިފައިވާ އެންމެ ބޮޑު ކުރިއެރުމަކީ، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް، ހެޔޮއަގެއްގައި ދިވެހި ރައްޔިތުންނަށް ފޯރުވައިދިނުމުގެ އެންމެ ކުރީގައި އެ ކުންފުނިވާކަން ކަމުގައި ވަތަނިއްޔާގެ ޗީފް އޮޕަރޭޓިން އޮފިސަރ އަބްރަހަމް ސްމިތު ވިދާޅުވެ އެވެ. އަދި މި ފަސް އަހަރުތެރޭގައި ވަތަނިއްޔާގެ ސަބަބުން މުވާސަލާތީ އިންޑަސްޓްރީއަށް އައިސްފައިވާ ބޮޑެތި ކުރިއެރުންތަކަކީވެސް ފާހަގަކޮށްލަންޖެހޭ ކަންތައް ކަމުގައި ސްމިތު ވިދާޅުވި އެވެ.
މީގެ ފަސް އަހަރުކުރިން ރާއްޖޭގެ މުވާސަލާތީ އިންޑަސްޓްރީ ޕްރައިވަޓައިޒްކުރުމަށް ސަރުކާރުން ނިންމާ، ފުރަތަމަ ލައިސަންސް ދޫކޮށްފައި ވަނީ ގަތަރުގެ ކުންފުނި ވަތަނިއްޔާ ޓެލެކޮމް އަށެވެ. އަދި ހަމަ އެ އަހަރުގެ އޯގަސްޓް 1 ވަނަ ދުވަހު ވަތަނިއްޔާ ލޯންޗްކުރުމާއެކު، 17 އަހަރުވަންދެން އެއް ކުންފުންޏަކުން ރަސްކަން ކުރަމުން އައި ކޮމިއުނިކޭޝަން އިންޑަސްޓްރީއަށް ވަނީ ތަފާތު އެތައް ބަދަލުތަކެއް އައިސްފަ އެވެ. ޚިދުމަތުގެ އަގާއި ފެންވެރުގެ ގޮތުން. ޚިދުމަތުގެ ތަފާތުކަމާއި އާކަމުގެ ރޮނގުންނެވެ.
ވަތަނިއްޔާއަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި ސަންއެފްއެމަށް ދެއްވި ޚާއްސަ އިންޓަވިއުއްގައި އަބްރަހަމް ސްމިތު މިއަދު ވިދާޅުވީ، ވަތަނިއްޔާއިން އަބަދުވެސް މަސައްކަތްކޮށްފައި ވަނީ ދިވެހިންނަށް ހެޔޮ އަގެއްގައި، ފެންވަރު ރަގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ޓެކްނޮލޮޖީއަކީ މީހުންގެ ދިރިއުޅުން ފަސޭހަކޮށްދޭ ކަމެއް ކަމަށާއި މި ޓެކްނޮލޮޖީ ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމުގައި އެންމެ ކުރީގައި ވަތަނިއްޔާއިން އަބަދުވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ރާއްޖެއަށް އެންމެ ފުރަތަމަ ތްރީޖީ ނެޓްވޯކް ތައާރަފްކުރުމާއި އެމްލާނިން އާއި އެމްވީ ޓްރޭޑާއި ރާސްޓަސް އާއި މޯބައިލް ބްރޯޑްބޭންޑް އިންޓަނެޓް ފަދަ އާ ޚިދުމަތްތަށް ތައާރަފްކޮށްފައިވާކަމީ އެކަމުގެ އަލިގަދަ ހެކިތަކެއް ކަމަށްވެސް އަބްރަހަމް ވިދާޅުވި އެވެ.
އަބްރަހަމް ވިދާޅުވި ގޮތުގައި، މުވާސަލާތީ އިންޑަސްޓްރީ ޕްރައިވަޓައިޒްކޮށް، ވަތަނިއްޔާއަށް ފުރުސަތު ހުޅުވާލުމުން ދިވެހިންނަށް ލިބެމުންދާ ފައިދާތައް އެއީ މިއަދު ފާހަގަކޮށްލަންޖެހޭ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ރާއްޖޭގެ މާކެޓަށް އައިސް، ފައިތިލަ ސާބިތުކުރުމަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކުންފުނިން ކުރަމުންގެންދިޔަ ކޮންމެ މަސައްކަތްތެއްގެ ސަބަބުން ކޮމިއުނިކޭޝަން އިންޑަސްޓްރީގައި އޮތް ވާދަވެރިކަން އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރައްވަމުން އަބްރަހަމް ވިދާޅުވީ، މި ވާދަވެރިކަމުގެ ސަބަބުން އަނެއް އޮޕަރޭޓަރ ކަމުގައިވާ ދިރާގުގެ ޚިދުމަތްތަކަށާއި ޚިދުމަތުގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހުނު ކަމަށެވެ. ނަތީޖާއެއްގެ ގޮތުން، އާއްމުންނަށް ލިބެމުން އައި މުވާސަލާތީ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުވެ، އަދި އަގުވެސް ހެޔޮވެގެން ދިޔަކަމަށް އަބްރަހަމް ވިދާޅުވި އެވެ. މީގެ އިތުރުން ކަވަރޭޖް އިތުރުވެ، އާ ޚިދުމަތްތައް ވެސް ތައާރަފްކުރެވިގެން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވަތަނިއްޔާ ލޯންޗްކުރި އަހަރުކަމުގައިވާ 2005 ވަނަ އަހަރާއި އޭގެ ކުރީ އަހަރާ އަޅާބަލާއިރު، އެކި ޚިދުމަތްތަކުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފާސްހިސާބުތަކެއް ވަތަނިއްޔާއިން މިއަދު ވަނީ އާއްމުކޮށްފަ އެވެ. އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑްގެ ޚިދުމަތްވަނީ 50 ޕަސަންޓަށް ދަށަށްގޮސްފަ އެވެ. އަދި މި މުއްދަތުގެ ތެރޭގައި ގުޅާދިނުމުގެ ފީ އެވްރެޖްކޮށް 70 ޕަސަންޓް ދަށަށް ގޮސްފައިވާއިރު އެސްއެމްއެސްގެ އަގުތައް 80 ޕަސަންޓަށް ދަށަށްގޮސްފައިވާ ކަމަށް ވަތަނިއްޔާއިން ބުނެ އެވެ.