19:00


އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ ތަންތަންގަނޑު ވެއްޓި ދަރިވަރުންނަށް ނުރައްކާވާ ހިސާބަށް ގޮސް، ސްކޫލްގެ ކިޔެވުން ވަގުތީ ގޮތުން މެދުކަނޑާލުމާ ގުޅިގެން ސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިންތަކެއް ސްކޫލް ކައިރިއަށް އެއްވެ މުޒާހަރާކޮށްފި އެވެ.


މިއަދު ހަވީރު ގާތްގަނޑަކަށް 4:30 ހާއިރު ބޯޑުތައް ހިފައިގެން އަރައްބިއްޔާ ކައިރިއަށް ގިނަ އަދަދެއްގެ ބެލެނިވެރިންތަކެއް އެއްވީ އެ އިމާރާތުގެ ތަނބުތަކާއި ޝީޓުން ބައިބައި ކަނޑައިގެން ގޮސް، ފާރުތަކުގައި ރެނދުލައި ވެއްޓެމުންދިއުމާ ގުޅިގެން ސްކޫލްގެ ކިޔެވުން ހުއްޓާލުމާ ގުޅިގެންނެވެ. ގާތްގަނޑަކަށް 300 އެއްހާ ބެލެނިވެރިންނާއި ސްކޫލް ކުދިން ބައިވެރިވި އެ މުޒާހަރާގެ ބައިވެރިން ގޮވަމުންދިޔައީ އަރައްބިއްޔާ ކުދިންގެ ތައުލީމް ސަލާމަތް ކުރުމަށްޓަކައި މިއަދުން މިއަދަށް އެކުދިންގެ ކިޔެވުން އެހެން އިމާރާތަކަށް ބަދަލުކޮށްދިނުމަށާއި، ސްކޫލުން ލިބެންޖެހޭ އަސާސީ ވަސީލަތްތަކުގެ ހިދުމަތްވެސް ނުލިބޭ ކަމަށެވެ. އަދި އޯގާތެރި ސަރުކާރުން ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރާ ބީދައިން އެ ސްކޫލް ކުދިންގެ ހައްގުތައްވެސް ރައްކާތެރިކޮށްދިނުމަށް އެއްވި މީހުން ގޮވަމުންދިޔަ އެވެ. މިމުޖާހަރާގައި ބައިވެރިވި ބައެއް މީހުން ވަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތޮފާ ލުތުފީގެ އިސްތިއުފާއަށް ވެސް ގޮވާފަ އެވެ.


އަރައްބިއްޔާ ކައިރިއަށް އެއްވި ގިނަ އަދަދެއްގެ ބެލެނިވެރިންނާއި ސްކޫލް ދަރިވަރުން ބައިވެރިވި އެ މުޒާހަރާ މަޖީދީމަގުން ގޮސް، ނަލަހިޔާ ކައިރިން އޯކިޑް މަގަށް ގޮސް، ޗާންދަނީ މަގުން ކުރިއަށް ގޮސް އެންމެ ފަހުން ނިންމާލީވެސް އަރަބިއްޔާ ސްކޫލް ކައިރިންނެވެ.


ވިހި އަހަރުވެފައިވާ ތިން ބުރީގެ އެ އިމާރާތުގެ ތަނބުތަކާއި ޝީޓުން ބައިބައި ކަނޑައިގެން ގޮސް، ފާރުތަކުގައި ރެނދުލައި ވެއްޓެމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް އެ ސްކޫލުން ބުނެ އެވެ.


އެގޮތުން މިއަދު ހެނދުނު 11 ޖަހާކަންހާއިރު ގާތްގަނޑަކަށް ތިން ހަތަރު ފޫޓްގެ ސިމެންތިގަނޑެއް ތަނބަކުން ވަނީ ކަނޑައިގެން ވެއްޓިފަ އެވެ. ދަރިވަރުންނާއި ޓީޗަރުން މަތީ ބުރިތަކަށް އަރަން ހުންނަ ސިޑިއާ ދިމާލު ބޭރުގައި ހުރި މި ތަނބުން ސިމެންތިގަނޑެއް ވެއްޓުނު ނަމަވެސް މި ހާދިސާގައި އެއްވެސް ދަރިވަރަކަށް ވެސް އަދި މުވައްޒަފަކަށް ވެސް ގެއްލުމެއް ލިބިފައެއްނުވެ އެވެ. ނަމަވެސް މަތީ ބުރިތަކުގައި ތިބި ހުރިހާ ދަރިވަރުން ވަނީ ތިރިއަށް ބާލައިފަ އެވެ.


ފުލުހުންނާއި އެމްއެންޑީއެފްގެ ޓީމުތަކުން އެ ސްކޫލްގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.


ސަންއެފްއެމް ބްރޭކިން ނިއުސް އަށް މައުލޫމާތު ދެއްވަމުން އެ ސްކޫލްގެ މުދީރު އައްޝައިހް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު މިއަދު ވިދާޅުވީ ސްކޫލްގެ އިމާރާތް ބާވެ، ތަންތަންގަނޑު ވެއްޓެމުންދާތީ އެކަން ވަނީ ވަރަށް ބޮޑު ނުރައްކަލަކަށްވެފައި ކަމަށެވެ. އަދި އެކަން އެޑިއުކޭޝަނަށް ވެސް އަންގާފައިވާ ކަމަށް ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.


މިކަމާ ގުޅިގެން އެޑިއެކޭޝަން މިނިސްޓްރީގެ ނައިބް ޝިފާ މުހައްމަދު މިއަދު ވިދާޅުވީ އަރައްބިއްޔާގެ މައްސަލާގައި މަޝްވަރާތަކެއް މިހާރުވެސް ކުރިއަށްދާތީ އެކަމާ ބެހޭ ތަފްސީލް ދެއްވަން ދަތިފުޅު ކަމަށެވެ.