17 Jan 2023, 23:25
އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ ތައުރީފު ހައްގު ކަމަށާއި، ނަމަވެސް އެއީ ސިޔާސީ ބޭނުމަށް ދައްކަވާ ވާހަކައެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
ރައީސް ނަޝީދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސް ޔާމީނަށް ތައުރީފު ކުރައްވައި ވާހަކަދައްކަވާފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ އަޅާބަލާއިރު ރައީސް ޔާމީން އަކީ ވިސްނުންތޫނު ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދި، ރައީސް ޔާމީނަކީ އިލްމީ ގާބިލްކަން ލިބިވަޑައިގެން ހުންނެވި ތަންދޮރު އެނގިވަޑައިންގަނަވާ ބޭފުޅެއް ކަމަށާއި، ސިޔާސީ ގޮތުން އެމަނިކުފާނާ އެހާ ތަފާތު ބޭފުޅެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙުމަދު ޝިޔާމް ވިދާޅުވީ، ރައީސް ނަޝީދު ރައީސް ޔާމީނަށް ތައުރީފު ކުރައްވަނީ އަމިއްލަ ބޭނުމެއްގައި ކަމަށެވެ.
އަދި މިވަގުތަކީ އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީއަށް ވާދަވެރިކަން ބޮޑުވެފައިވާ ދުވަސްވަރެއްކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، ރައީސް ނަޝީދު ވިދާޅުވި ކަމުގައި ވިޔަސް އެއީ ހައްގު ތައުރީފެއް ކަމަށެވެ.
ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ރައީސް ޔާމީނަކީ ވިޝަނަރީ ލީޑަރެއްކަން މީގެކުރިންވެސް. ދެން ސިޔާސީ ބޭނުމަށް އެވާހަކަތައް ނުދައްކަވަނީ. މިހާރު ސިޔާސީ ބޭނުމަށް އެވާހަކަތައް ދައްކަވަނީ ވެސް. އަޅުގަނޑުމެންގެ ނެތް އެއްވެސް އެންގޭޖްމަންޓެއް ރައީސް ނަޝީދު ދައްކަވާ ވާހަކައަކަށް.މެމްބަރު އަހުމަދު ޝިޔާމް
މީގެ އިތުރުން، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ "ސަން" އަށް ވިދާޅުވީ، ރައީސް ނަޝީދު އެފަދައިން ވިދާޅުނުވި ނަމަވެސް، ރައީސް ޔާމީނަކީ ތަންދޮރު ދަންނަ ގާބިލް ވެރިއެއް ކަމަށް ދިވެހި ރައްޔިތުން ގަބޫލް ކުރާ ކަމަށާއި، މިއަދު ރައީސް ޔާމީނަށް ތައުރީފު ކުރައްވަމުން އެ ގެންދަވަނީ ކޮންމެވެސް އަމިއްލަ އެދުމެއް އޮތުމުން ކަމަށެވެ.
ވ. އާރަށު މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވެ، އެމަނިކުފާނު މިހާރު ގެންދަވަނީ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، މިއީ އެމްޑީޕީއަށް "ވަގަށް" ވެއްދި ކަމަށް ބުނާ އިދިކޮޅު މެމްބަރުންގެ ތާއީދު ހޯދުމަށް ރައީސް ނަޝީދު ދައްކަވާ ވާހަކަތަކެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.
ރިޔާސީ ޕްރައިމަރީން ބަލިވެއްޖެ ނަމަ ރައީސް ޞާލިޙާއެކު މަސައްކަތް ނުކުރައްވާނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.