އިދިކޮޅު މައި ޕާޓީ، ޕީޕީއެމުން މަސައްކަތްކުރަނީ "ހަގީގަތާ ދުރަށް"ކަމަށް ވިދާޅުވެ, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިނަށް ހއ. އާއި ހދ.ގެ ބައެއް ރަށްތަކަށް ރައީސް ޞާލިޙު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. އިހަވަންދޫގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އިހަވަންދޫއަކީ މަސްވެރިކަމުގެ ރަށެއްކަމަށެވެ. އަދި އިގްތިސާދީ ގިނަ މަސައްކަތްތަކެއް ރަށުގައި ކުރަމުން އަންނަކަން ވެސް ފާހަގަކުރެއްވިއެވެ.

އެއާއެކު ޕީޕީއެމުން އެ ރަށުގައިވީ ވައުދުތައް ވެފައިވަނީ ރަށުގެ ހާލަތު ނުބަލައި ކަމަށް ރައީސް ވިދާޅުވިއެވެ.

"މަސްވެރިކަމުގެ ސިނާއަތު ވަރަށް ފުޅާކޮށް ކުރިއަށް ގެންދާ ރަށެއް. އަޅުގަނޑު މިދެންނެވި އިދިކޮޅު ކެނޑިޑޭޓް... ކެނޑިޑޭޓެއް ނޫން، އިދިކޮޅު ލީޑަރު ކުރީގެ، ޕީޕީއެމްގެ ލީޑަރު މި ރަށަށް ވަޑައިގެން ރަށުގައި އައިސް ޕްލާންޓެއް ބަހައްޓާ ވާހަކަ ވިދާޅުވިއަސް އޭގެން ދޭހަވަނީ އެ ބޭފުޅުންނަށް މި ދާއިރާ، މި ސަރަހައްދު އެނގިވަޑައިނުގަންނަވާކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިހަވަންދޫގައި އައިސް ޕްލާންޓެއް ގާއިމްކޮށް، އެ ތަނުން އައިސް ވިއްކަމުން އަންނަތާ އެތައް ދުވަހެއް ވެފައިވާކަމަށެވެ.

"އެހެންނަމަވެސް އެ ދުވަހު ވަޑައިގެން ޕީޕީއެމްގެ ލީޑަރު އެ ވިދާޅުވަނީ މި ރަށުގައި އައިސް ޕްލާންޓެއް ބަހައްޓާނަމޭ. އެހެންވީމާ އެ ބޭފުޅުން އެ މަސައްކަތްކުރައްވަމުން ގެންދަވަނީ ހަގީގަތާ ވަރަށް ދުރަށް،" ރައީސް ވިދާޅުވިއެވެ.

އެއާއެކު އެ މަނިކުފާނަށް އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށްދީ، ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް ޓަކައި މަސައްކަތްކުރަންވީ ޕީޕީއެމްގެ "ހަގީގަތާ ދުރު" ސިޔާސަތުން ދުރުވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންނަމަވެސް އަޅުގަނޑުމެން މި ޕްރައިމަރީގައި ނިންމާ ނިންމުމެއްގެ ސަބަބުން އަނެއްކާ ވެސް އެނބުރި އެ ހަގީގަތާ ދުރު ސިޔާސަތުގެ އަތް މައްޗަށް ވެރިކަން ދިއުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމާ މި ޕްރައިމަރީގައި ތިބޭފުޅުން ނިންމަވާ އިރުގައި މި ކަންތައްތަކާ ދޭތެރޭ ތި ބޭފުޅުން ވިސްނަންވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙު އެހެން ވިދާޅުވި އިރު، އެމްޑީޕީ ޕްރައިމަރީގައި އެ މަނިކުފާނާ ވާދަ ކުރައްވާ އެ ޕާޓީގެ ލީޑަރު މުޙައްމަދު ނަޝީދު އިއްޔެ ވަނީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ތައުރީފު ކުރައްވައި ވާހަކަދައްކަވާފައެވެ. އެގޮތުން ޔާމީނަކީ ތަންދޮރު އެނގިވަޑައިގަންނަވާ، އިލްމީ ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ޔާމީންގެ ހަމައެކަނި މައްސަލައަކީ "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތެއް ހިންގުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިން ނަޝީދު ވަނީ ޕްރައިމަރީއިން ބަލިވެއްޖެ ނަމަ ރައީސް ޞާލިޙާއެކު ވެސް ޕީޕީއެމާއެކު ވެސް ނުހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ޖަލަށްލާން ހުކުމް ކޮށްފައިވާ ރައީސް ޔާމީން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.