އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ ހުރި ހަމައެކަނި މައްސަލައަކީ "އިންޑިއާ އައުޓް"ގެ ނަމުގައި އަވަށްޓެރި އިންޑިއާ އާ ދެކޮޅަށް ދިވެހިންގެ ހިތުގައި ނަފުރަތު އުފެއްދުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ރައީސް ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީނަކީ ސިޔާސީ ގޮތުން މާ ތަފާތު ބޭފުޅެއް ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށާއި، އެމަނިކުފާނާ ދެމެދު އޮތް ހަަމައެކަނި ޚިޔާލު ތަފާތުވުމަކީ އެމަނިކުފާނު އިސްވެ ހުންނަވައި އަވަށްޓެރި އިންޑިއާ އާ ދެކޮޅަށް ހިންގަވާ "އިންޑިއާ އައުޓް" ފިކުރު ކަމަށެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ޔާމީނަކީ އިންޓެލެކްޗުއަލް ބޭފުޅެއް، އެކަޑެމިކް ބޭފުޅެއް. ތަންދޮރު އެނގިވަޑައިގަންނަވާ، ވިޝަންއެއް ހުރި ބޭފުޅެއް. އަޅުގަނޑު ނުދެކެން އެހާ ތަފާތު ބޭފުޅެއް ގޮތުގައެއް. އަޅުގަނޑު ތަކުރާރުކޮށް ޕީޕީއެމް ބޭފުޅުން ކައިރީގައި އެބަ ދަންނަވަން، އަޅުގަނޑާ ތިޔަ ބޭފުޅުންނާ ދެމެދު އޮތް ހަމައެކަނި ހިޔާލުތަފާތުވާ ތަނަކީ މިއީއޭ. އިންޑިއާ އައުޓު، އެ ދޫކޮށްލައްވާށޭ.ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަނީ ޒަމާންވީ ރަހުމަތްތެރި ގުޅުމެއް ކަމަށާއި، އެބާވަތުގެ އަމަލުތަކަކީ ހުތުރު އަމަލުތަކެއް ކަމަށެވެ. އަދި އެއީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމެއްގެ ވިސްނުމަށް ވެގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ޔާމީންއަށް ތައުރީފް ކުރައްވައި ވާހަކަދައްކަވާފައިވާއިރު، އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ކިބައިގައި އެފަދަ ސިފަތަކެއް ހުންނެވި ކަމަށް ވިދާޅުވެވެން ނެތް ކަމަށެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ "އިންޑިއާ އައުޓް" ފިކުރު ދޫކޮށްލެއްވުމަށް ރައީސް ޔާމީނަށް އިލްތިމާސް ކުރައްވާފައެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ ސިފައިން ގާއިމްވެ ތިބި ކަމަށް ބުނެ، އެމީހުން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅުން ފެށި ހަރަކާތެކެވެ. ނިމިދިޔަ އަހަރު މި ހަރަކާތުގެ ތެރެއިން އިދިކޮޅުން ގިނަ އިހުތިޖާޖުތަކެއް ބާއްވާފައިވެއެވެ.