17 Jan 2023, 19:14
ކޮވިޑްގެ ދަތި ދުވަސްވަރު، ރާއްޖެއިން އެންމެ ބޮޑު އަސަރެއް ކުރި އެއް ބަޔަކީ ސުވެނިއާ ވިޔަފާރިތައް ހިންގާ ފަރާތްތައް ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
"ސަން"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖެއިން އެންމެ ބޮޑަށް އިޔާދަވާންވީ ކަމަކީ ފަތުރުވެރިން އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުން ކަމަށާއި، އެކަމުގެ ތެރެއިން ސުވެނިއާ ވިޔަފާރިތައް ކުރިއަރައި ދިޔުމަކީ މުހިންމު ކަމެއް ކަމަށެވެ.
މައުސޫމް ވިދާޅުވީ މާލެ ސިޓީއަށް ބަލާއިރު، ޗާންދަނީ މަގުގައި ހުންނަ ސުވެނިއާ ވިޔަފާރިތަކަށް ކޮވިޑްގެ ސަބަބުން ބޮޑު އަސަރެއް ކުރި ކަމަށެވެ. ނަމަވެސް މި އަހަރު މި ވިޔަފާރިތައް ކުރިއަރާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު އުންމީދު ކުރަނީ ސުވެނިއާ ވިޔަފާރިއަށް ވެސް އިތުރަށް ކުރިއެރުން ލިބި އޭގެއިން ރައްޔިތުންނަށް އަވަހަށް ފައިދާ ލިބެމުން ދާނެ ކަމަށް،" މައުސޫމް ވިދާޅުވިއެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ލޮޅުންތަކެއް އައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކުރީ ރާއްޖެ، އެ ދާއިރާއެއްގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ފަތުރުވެރިކަމަށެވެ.
ފަތުރުވެރިންނަށް ރާއްޖެ ބަންދުވެ، އެގައުމުތައް ފުރަބަންދުވުމުގެ ސަބަބުން ރާއްޖޭގެ ލޯކަލް ޓޫރިޒަމްއަށާއި ސުވެނިއާ ފިހާރަތަކަށް އޭގެ އަސަރު ކުރިއެވެ. އޭގެ ތެރެއިން އެތަކެއް ސުވެނިއާ ފިހާރަތަކެއް ބަންދު ވެސް ކުރިއެވެ.