ދައުވާއަށް ބަދަލުގެނައުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫންކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ހައިކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު އިބްރާހިމް ސުހައިލްގެ މައްޗަށް ފެބްރުއަރީ 25، 2009ގައި ޒިނޭގެ ކުށް ސާބިތު ނުވާކަމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށް ފަހު މިދިޔަ ބުދަ ދުވަހު އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސުހައިލްގެ މައްޗަށް ކޮށްފައި ވަނީ ޒިނޭކުރުމުގެ ދައުވާ އެވެ.

ޖިނާއީ ކޯޓުން އެ މައްސަލަ ނިންމާފައިވާ ގޮތާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި ނުކުތާއެއްގައި ވަނީ ޒިނޭކުރި ކަމަށް ސުހައިލް ތަހުގީގުގައި ވެފައިވާ އިއުތިރާފަށް ޝަރީއަތުގައި އިންކާރު ކުރި ނަމަވެސް ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް އޭނާ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެފައިވާ އިރު އެ މައްސަލަ ނުބައްލަވައި ހުކުމް ކޮށްފައި ވާތީ އެއީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެ ގަޒިއްޔާގައި ބުނެފައި ވަނީ، ޖިނާއީ ކުށުގެ ދައުވާކުރުމާއި، ދައުވާއަށް ބަދަލުގެނައުމާއި، ދައުވާއަށް ގާނޫނީ ސިފަދިނުން ފަދަ ކަންކަމަކީ ހަމައެކަނި ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތަކާއި ބާރުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. އެހެންކަމުން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ނޭދެނީސް އެފަރާތުން ހުށައަޅާ ދައުވާ ނޫން އެހެން ދައުވާއަކަށް ދައުވާގެ ގާނޫނީ ސިފަ ފަނޑިޔާރަށް ބަދަލުކުރުމުގެ ފުރުސަތު އޮތް ނަމަ، އެކަމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތު ފަނޑިޔާރު އަދާކުރުން ކަމުގައި ބެލެވޭނެ ކަމެއް ކަމަށެވެ.

އެ ގަޒިއްޔާގައި ވަނީ އެގޮތަށް ދައުވާ ބަދަލުކުރުމަކީ ގާނޫނު އަސާސީގެ ތަސައްވުރުކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
މީގެ އިތުރުން އެ ގަޒިއްޔާގައި ބުނެފައި ވަނީ ކުށުގެ ތުހުމަތުގައިވާ މީހަކަށް އޭނާގެ ދައުވާގެ ދިފާއު ބިނާކުރަން އެނގޭނީ އޭނާގެ މައްޗަށް ހުށައެޅިފައިވާ ކުށަކީ ކޮބައިކަން ދަނެގަނެވިގެން ކަމަށްވާ އިރު ހުށައެޅޭ ދައުވާ ނޫން އެހެން ދައުވާއަކަށް ފަނޑިޔާރުންގެ އަމިއްލަ އިސްނެގުމުގެ މަތިން ހުކުމްކުރާ ނަމަ އެކަމަކީ، ޤާނޫނު އަސާސީން ކުށުގެ ތުހުމަތުގައިވާ މީހާއަށް ލިބިގެންވާ، ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަން ދެނެގަތުމުގެ ހައްގުންނާއި ކުރެވިފައިވާ ތުހުމަތުން ދިފާއުވުމަށް އޮންނަ ހައްގަށް އުނިކަމެއް އަތުވެދާނެ ކަމެއް ކަމަށެވެ.

އެ ގަޒިއްޔާ ބައްލަވާފައި ވަނީ ހައިކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފް އާއި އަލީ ސަމީރު އަދި އަބްދުއް ރައޫފް އިބްރާހިމް އެވެ.

މިދިޔަ ބުދަ ދުވަހު ހައިކޯޓުން އެގޮތަށް ނިންމާފައި ވީނަމަވެސް ސ. ހުޅުދޫ، ލިލީމާގޭ، އަބްދުﷲ ފަރުހާދުގެ މަރުގެ މައްސަލައިގައި މ. ބްލޫލޭކްލޮޖް، އަލީ ރަޒީންއާ، މ. ރޭއަލިވާގޭ، އިބްރާހިމް ނައުފަލްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ 2010 ވަނަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރުމުން ނޮވެބްބަރު، 22، 2010 ގައި އެ މައްސަލަ ބައްލަވައި ޖިނާއީ ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ދައުވާގެ ސިފަ ބަދަލުކުރުމަކީ ހައި ކޯޓުން ވެސް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ސިފަކޮށްފައި ވަނީ ނުބައިކޮށް ކަމަށް ކަނޑައަޅައި އެ މީހުންގެ މައްޗަށް ސާބިތުވަނީ އަމަންނަގާލުމުގެ ކުށްކަމަށް ކަނޑައަޅައި އެ ކުށުގައި އެ ދެ މީހުން ހަތަރު އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.

"މިދެމީހުން ކުރިކަމަށް ދައުލަތުން ތުހުމަތު ކުރި އަމަލަކީ ވެސް ފަރުހާދުގެ ގައިގައި ތަޅައި އަނިޔާކުރުން ކަމަށް ވެފައި، ސާބިތުވި ކަމަކީ ވެސް އެކަން ކަމަށް ވެފައި، މިމީހުން ކުރިކަމަށް ދައުލަތުން ތުހުމަތު ކުރިކަންކަން ދައުލަތުން ސިފަކުރިގޮތް ނުބައިވުމުން، މި ދެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ބުނުމަކީ އަދުލު އިންސާފުގެ ހަމަތަކާއި ޚިލާފު ކަމެއްކަމަށް ގަބޫލުކުރެވޭތީ އާއި، ރާއްޖޭގައި މިހާތަނަށް އަމަލުކުރަމުން އައިސްފައިވާ ގޮތަށް ބަލާ އިރު، ދައުލަތުން ކުރާ ދައުވާގެ ގާނޫނީ ސިފަ ކުރުން ރަނގަޅު ނޫންކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ނަމަ އެއަށް ރަނގަޅު ސިފަ ފަނޑިޔާރުން ދެމުން އައިސްފައި ވުމާއި، ދިވެހިރާއްޖޭގެ ހައިކޯޓުން ވެސް މިގޮތަށް އަމަލުކޮށްފައި ވުމާ އެކު، ދައުލަތުން މި މައްސަލައިގައި ބަޔާންކުރައްވާފައިވާ ގާނޫނީ ސިފަކުރުން ރަނގަޅު ނޫން ކަމަށާއި ރަނގަޅު ސިފައަކީ އަމަން ނަގާލުން ކަމަށް ކަނޑައަޅައި އަމަން ނަގާލުމުގެ ކުށުން އަލީ ރަޒީންއާ އިބްރާހިމް ނައުފަލް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 50 ވަނަ މާއްދާގެ ދަށުން އަލީ ރަޒީން އާއި އިބްރާހިމް ނައުފަލް ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށްފީމެވެ،" ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރި ދެ މީހެއްގެ މައްޗަށް 2010 ވަނަ އަހަރު ޖިނާއީ ކޯޓުން ކުރި ހުކުމެއްގައިވެ އެވެ.