އޮންލައިން ސެކިއުރިޓީ އަދި އައިޑެންޓިޓީ ޕްރޮޓެކްޝަންގެ ހިދުމަތް ފޯރުކޮށްދޭ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ނޯޓަން ލައިފްލޮކްގެ އެތައް ހާސް ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ލީކްވެއްޖެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ލައިފްލޮކް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހެކަރުންވަނީ އެކުންފުނީގެ ޑާޓާބޭސްއަށް ވަދެ ކަސްޓަމަރުންގެ މައުލޫމާތު ވަގަށް ނަގާފައި ކަމަށެވެ. އަދި ހެކަރުންގެ މިހަމަލާގެ ސަބަބުން އެ ކުންފުނީގެ އެތައް ހާސް ކަސްޓަމަރުންގެ އެކައުންޓްތަކަށް ވަނުމަށް ބުރޫ އަރާފާނެ ކަމަށެވެ.

އެކުންފުނިން ނެރުނު ޑޭޓާ ބްރީޗް ނޯޓިސްގައި ވާގޮތުން މި ހާދިސާ ހިނގާފައިވަނީ ފާއިތުވި ހަފުތާތަކެއްގެ ތެރޭގައެވެ. މިކަމުގެ ސަބަބުން ކްރިމިނަލް ހެކަރުންނަށް ކަސްޓަމަރުންގެ އެކައުންޓްތަކުގެ ޕާސްވޯޑް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެނޯޓްގައި ބުނެފައިވެއެވެ. އަދި ހެކަރުންނަށް ލޮގިން ކްރެޑެންޝަލްސް އާއި ފައިނޭންޝަލް ޑޭޓާ ފަދަ ޒާތީ މައުލޫމާތުތައް ލިބިފައިވުމުގެ ސަބަބުން ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅު އެޅުމަށް އެކުންފުނިން އެދިފައިވެއެވެ.

ނޯޓަން ލައިފްލޮކް އިން ބުނީ އެ ހާދިސާ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި ޑޭޓާ ބްރީޗްވި މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އިތުރަށް އެފަދަ ކަމެއް ވިޔަނުދިނުމަށްޓަކައި ސަލާމަތީ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް ދީފައެވެ.

އެކުންފުނިން ނެރުނު ނޯޓިސްގައި ޑޭޓާ ބްރީޗްވުމުގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށް ބެލެވޭ ކަސްޓަމަރުން ވަގުތުން ޕާސްވޯޑް ބަދަލުކޮށް، ޝައްކުކުރެވޭ އެއްވެސް ހަރަކާތެއް ހިނގާނަމަ އެކައުންޓްތައް މޮނިޓާ ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަސްޓަމަރުންނަށް އެއްވެސް ކަންބޮޑުވުމެއް ނުވަތަ ސުވާލެއް އުފެދޭނަމަ ވަގުތުން ގުޅާލެވޭނެ ހާއްސަ ފޯން ލައިނެއް ވެސް އެ ކުންފުނިން ވަނީ ގާއިމުކޮށްފައެވެ.

މިފަދަ ހަމަލާތައް އިންޓަނެޓްގެ ވަޞީލަތްތައް މެދުވެރިކޮށް ހެކަރުންގެ ފުށުން އަންނަމުން ދާއިރު، އެންމެ ބުއްދިވެރި ގޮތަކީ އޮންލައިން ޕާސްވޯޑް މެނޭޖަރު ފަދަ ޕްލެޓްފޯމްތަކަށް ބަރޯސާނުވެ އަމިއްލައަށް އެފަދަ މައުލޫމާތުތައް ރައްކާކޮށްފައި ބެހެއްޓުމެވެ.