17 Jan 2023, 11:59
ހއ. އިހަވަންދޫގައި ހޮސްޕިޓަލެއް އިމާރާތް ކުރުމަށް އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިހަވަންދޫ ހޮސްޕިޓަލް އިމާރާތް ކުރުމަށް ހަވާލުކުރީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ އެވެ. ޖުމުލަ 123.3 މިލިއަން ރުފިޔާއަށެވެ.
އެ އެއްބަސްވުމުގެ ދަށުން އިހަވަންދޫގައި އިމާރާތް ކުރަން ނިންމާފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އަދި ހޮސްޕިޓަލުގެ އިތުރުން އެކޮމޮޑޭޝަން އިމާރާތަކާއި ސާވިސް އިމާރާތެއް އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއަށް ފައިނޭސް ކުރަން ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސްއިންނެވެ.

އިހަވަންދޫގައި ހޮސްޕިޓަލެއް އަޅަން ބަޔަކާ ހަވާލުކުރުމުގެ ތެރެއިން --- ފޮޓޯ/ ހެލްތު މިނިސްޓްރީ
އެ މަޝްރޫއު ޑުޕްލެކްސް ކުންފުންޏާ ހަވާލުކުރީ 18 މަސް ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
މިހާރު އިހަވަންދޫގައި ހުންނަނީ ސިއްހީ މަރުކަޒެކެވެ. އެތަނުން އާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކޭއިރު ލެބޯރަޓަރީގެ ޚިދުމަތާއި ސްކޭން ޚިދުމަތްވެސް ލިބެއެވެ.
އެކަމާ ގުޅިގެން އިހަވަންދޫ ކައުންސިލުގެ ރައީސް އަހުމަދު ޞަބާހު ވިދާޅުވީ އިހަވަންދޫގެ ސިއްހީ މަރުކަޒުން ސްކޭން ކުރެވުނު ނަމަވެސް އެ ޚިދުމަތް ނުލިބެނީ އެކަމަށް ޚާއްސަ ޑޮކްޓަރެއް ނެތުމުން ކަމަށެވެ.
"ކޮންމެ މަހަކު އެއްފަހަރު އަންނާނެ ހޯރަފުށީގަ ހުންނަ ޑޮކްޓަރުން. ދެން އޭރުން އެ ޚިދުމަތް ލިބޭނީ. މިހާރުވެސް ގިނަ މީހުން ޑޮކްޓަރަށް ދައްކަން ދާއިރު މި ރަށަކީ މާބަނޑު މީހުންވެސް ގިނަ ރަށެއް. އެމީހުންނަށް ދެވޭނެ ގޮތެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.
ޞަބާހު ވިދާޅުވީ އިހަވަންދޫގައި ހޮސްޕިޓަލެއް ގާއިމުކުރުމަކީ އެ ރަށު ހުރިހާ ރައްޔިތުންގެ ވެސް ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.