ކުރިން އިހުމާލުކޮށްފައިވާ ރަށްރަށަށް މި ސަރުކާރުން ޚާއްސަ ސާމާލުކަމެއް ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތ. އަތޮޅުގެ ބައެއް ރަށްރަށަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގައި، ގުރައިދުއަށް ވަޑައިގެން ގުރައިދޫ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރޮނގުން ވާހަކަފުޅު ދައްކަވަމުން ގުރައިދުއަކީ ވެސް އިހުމާލުކުރެވިފައިވާ ރަށެއް ކަން ރައީސް ވަހީދު ފާހަގަކުރެއްވި އެވެ.

ރައީސް ވަހީދުގެ ވާހަކަފުޅުގައި، ގުރައިދޫ ރައްޔިތުންނަކީ ފެށުނީއްސުރެ ރަށުގެ ތަރައްގީ އަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރުން ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުގެންގުޅުއްވާނެ ކަމަށް ވިދާޅުވެ، ހުރިހާ ރައްޔިތުންނާ ދޭތެރޭގައި ވެސް ހަމަހަމަކަމާއެކު ކަންތައްތައް ކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަހީދު ވަނީ ދެއްވައިފަ އެވެ.

އަދި މި ސަރުކާރަށް ގުރައިދޫ ރައްޔިތުން ދެއްވަމުން ގެންދަވާ ފުރިހަމަ އެއްބާރުލެއްވުން ފާހަގަކުރައްވައި ގުރައިދޫ ރައްޔިތުންނަށް ރައީސް ވަހީދު ޝުކުރުއަދާކުރެއްވި އެވެ.

ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ކުރެއްވި ހުވައާޚިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި އަބަދުވެސް ހުންނަވާނީ ވަރަށް ސާބިތުކަމާއެކީގައި ކަމަށެވެ. އަދި ވިދާޅުވީ ހަމަނުޖެހުން އުފެއްދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި ގައުމު ކުރިއަށް ގެންދެވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.