17 Jan 2023, 10:05
އެމްޓީސީސީ އިން ބޮޑު މުސާރައަކާ އެކު ބަސް ޑްރައިވަރުން ހޯދުމަށް، ވޯކް އިން އިންޓަވިއުއަކަށް ޢިއުލާން ކޮށްފިއެވެ.
ވޯކް އިން އިންޓަވިއު އަކީ ކުރިއާލާ ހުށަހެޅުމެއް ނެތި، ކުންފުނިން ހުޅުވާލާ ގަޑިއެއްގައި އިންޓަވިއު ކުރާ ތަނަކަށް ގޮސް ކުރެވޭ އިންޓަވިއުއެވެ. މިފަދަ އިންޓަވިއުތަކަކީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން މީގެ ކުރިން ވެސް ކުރާ އިންޓަވިއު ތަކެކެވެ.
މިއަދު އެމްޓީސީސީގެ ހެންވޭރު ފެރީ ޓާމިނަލުގައި އޮންނަ ވޯކް އިން އިންޓަވިއުއަށް އެ ކުންފުނިން އިއުލާން ކުރިއިރު، މި ވަޒީފާގެ މުސާރައަކީ 12،000 އާއި 18،000 ރުފިޔާއާ ދެމެދެވެ.
މި އިންޓަވިއުއަށް ދިއުމަށް ބޭނުން ވާނީ އައިޑީ ކާޑު އަދި ބީ2 ލައިސެންސް އެކަންޏެވެ. މި އިންޓަވިއު ކުރިއަށް ދާނީ މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 ގެ ނިޔަލަށެވެ.
މި ވަޒީފާގެ ސަބަބުން ލިބޭ އިތުރު ފުރުސަތުތަކަށް ބަލާއިރު، މެޑިކަލް އިންޝުއަރެންސް، ޓްރެއިނިން އަދި ކެރިއާ ޑިވެލޮޕްމެންޓް ފުރުސަތުތައް ހިމެނެއެވެ.
އެމްޓީސީސީ އިން އާރްޓީއެލްގެ ބަސްތައް އޮޕަރޭޓް ކުރުމަށް ބޭނުންވާ ބަސް ޑްރައިވަރުން ހޯދަން ދޭތެރެއަކުން އިއުލާން ކުރެއެވެ. އަދި އެކަމަށް ބޮޑު ތަރުޙީބެއް ވެސް ލިބެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ކުންފުނިން މިފަދަ ފުރުސަތެއް ހުޅުވާލިއިރު، އެމްޓީސީސީގެ ބަސްތައް އޮޕަރޭޓް ކުރުމުގައި އަންހެން ޑްރައިވަރުން ވެސް ހަރަކާތްތެރިވެއެވެ. މިއީ މިފަދަ ފުރުސަތެއް ރާއްޖޭގައި އަންހެނުންނަށް ހޯދައިދިން ފުރަތަމަ ފަހަރެވެ.