17 Jan 2023, 09:30
އެކްޓަރު އަކްޝޭ ކުމާރު ސޮއިކޮށްފައިވާ ބަޔޮޕިކް ފިލްމުގެ މުހިއްމު ރޯލެއް އެކްޓަރު އާރް.މަދަވަންއަށް ހުށަހަޅާފައިވާކަމުގެ ރިޕޯޓުތައް މީޑިއާއިން ދީފިއެވެ.
"ދަ ކޭސް ދެޓް ޝުކް ދަ އެމްޕަޔަ"ގެ ވާހަކަ ނަކަލުކޮށްގެން އުފައްދާ މިފިލްމަކީ، އިންޑިއާގެ މަޝްހޫރު ވަކީލު ސަންކަރަން ނަޔަރުގެ ޙަޔާތުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އަކްޝޭ ކުމާރު ސަންކަރް ނަޔަރުގެ ރޯލްއިން ފެންނައިރު، އެކްޓަރު އާރް.މަދަވަންވެސް ފެނިގެންދާނީ އެދުވަސްވަރު ސަންކަރް ނަޔަރުއާއި ގާތުން މަސައްކަތްކުރި ވަކީލެއްގެ ރޯލްއިންނެވެ.
އާރް.މާދަވަން ފިލްމާއި ގުޅުނުކަން ރަސްމީކޮށް އިޢުލާނުކޮށްފައި ނުވީނަމަވެސް ދެ އެކްޓަރުންވަނީ އެކީގައި ސްކްރިޕް ފަރިތަކުރުމުގެ ސެޝަންތަކެއް ކުރިޔަށްގެންގޮސްފައިކަމަށް އިންޑިއާގެ ނޫސްތަކުގައިވަނީ ބުނެފައެވެ. އަދި ދެ ތަރިން އެކީގައި ނަގަން ޖެހޭ މަންޒަރުތައް ވަރަށް ސިއްރިއްޔާތުގައި ކުރިޔަށްގެންގޮސް ނިންމާފައިވާކަމަށް ވެސް ނޫސްތަކުން ބުނެއެވެ.
ފިލްމުގެ ފުރަތަމަ ޝެޑިއުލް މިހާރު ނިމިފައިވާއިރު ދެވަނަ ޝެޑިއުލްއަށްފަހު އަކްޝޭ ކުމާރުގެ ކުރިޔަށްއޮތް ފިލްމު "ބަޅޭ މިޔާން ޗޯޓޭ މިޔާން"ގެ ޝޫޓިންގް ފަށާނެކަމަށް މީޑިއާ ރިޕޯޓްތަކާ ޙަވާލާދީ ޚަބަރުތައް ބުނެއެވެ. މި ފިލްމުގެ ޝޫޓިންގް އެއް މަސްވަންދެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އިންޑިއާގެ މުމްބާއީގައެވެ.
އާރް،މާދަވަން ދާދިފަހުން ފެނިގެންދިޔަ ފިލްމު "ރޮކެޓްރީ"އަށް ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ވަނީ ލިބިގެން ގޮސްފައެވެ. އެމޭޒަން ޕްރައިމްގައި ފިލްމު ޕްރިމިއާކޮށްފައިވާއިރު މާދަވަން ފިލްމުގައި ދައްކުވައިދިން އެކްޓިންގްއަށް ބެލުންތެރިންގެ އިތުރުން ކްރިޓިކުންވެސް ވަނީ ތަޢުރީފުކޮށްފައެވެ.
އެކްޓަރު އަކްޝޭއާއެކު މާދަވަން ފެނިގެންދާ ފިލްމުގެ ފަހު ޝެޑިއުލް މިއަހަރުގެ ފެބްރުއަރީ މަހު ނިންމާލުމަށްފަހު މި ފިލްމުގެ ޓީމުން ތައްޔާރުވާނީ އަންނަ އަހަރު ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމުގެ މަސައްކަތަށެވެ. މިފިލްމު ވެގެންދާނީ 2024 ވަނަ އަހަރު ރިލީޒްކުރެވޭ އެކްޓަރު އަކްޝޭ ކުމާރުގެ ފުރަތަމަ ފިލްމަށްވެސްމެއެވެ.