18 Jan 2023, 09:01
ޒުވާނުންގެ މެދުގައި ބޮޑު ތަރުޚީބެއް ލިބިފައިވާ ވީޑިއޯ ގޭމް "ދަ ލާސްޓް އޮފް އަސް ޕާޓް 1" އަށް މިހާރު ޕްރީއޯޑާ ކުރެވޭނެކަމަށް އޮންލައިން ރިޕޯޓްތައް ބުނެފިއެވެ.
މިގޮތުން ސްޓީމާއި އެޕިކް ގޭމްސް ސްޓޯރުން އެ ގޭމްގެ 'ޕީސީ ވާޝަން'އަށް ޕްރީއޯޑަރު ކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
'ނޯޓީ ޑޯގް'އިން އުފައްދާ ސޮނީ އިންޓަރެކްޓިވް އެންޓަޓެއިންމަންޓުން ޝާއިއުކޮށްފައިވާ "ދަ ލާސްޓް އޮފް އަސް ޕާޓް ވަން" އަކީ 2013ވަނަ އަހަރު ޕްލޭސްޓޭޝަން ތިނެއްގައި ރިލީޒްކުރި ޕޯސްޓް-އެޕޮކެލިޕްޓިކް އެކްޝަން-އެޑްވެންޗާ ގޭމެކެވެ. އޭގެ ފަހުން 2014ވަނަ އަހަރު ޕްލޭސްޓޭޝަން ހަތަރަކަށް މި ގޭމް ރީމާސްޓާކޮށް، އިމޯޝަނަލް ސްޓޯރީޓޭލިން އާއި ކެރެކްޓާސް އަދި ގޭމްޕްލޭއަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.
ގޭމްގެ ޕީސީ ވާޝަންގައި ރަނގަޅު ގްރެފިކްސް އާއި ޕާފޯމަންސްގެ އިތުރުން މަތީ ރިޒޮލިއުޝަންތަކާއި ފްރޭމް ރޭޓްތަކަށް ސަޕޯޓް ލިބޭނެއެވެ. އަދި ކުޅުންތެރިންގެ ކޮންޓްރޯލާއި ގްރެފިކްސް ސެޓިންތައް އެކުޅުންތެރިން ބޭނުންވާ ގޮތަކަށް ކަސްޓަމައިޒް ކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.
"ދަ ލާސްޓް އޮފް އަސް ޕާޓް ވަން"ގެ 17 މިލިއަނަށް ވުރެ ގިނަ ކޮޕީ ވިއްކާފައިވާއިރު، ގޭމް އޮފް ދަ އިޔާގެ ގިނަ އެވޯޑްތަކެއް ވެސް ވަނީ މިގޭމަށްލިބިފައެވެ. މި ގޭމްގައި ކިޔައިދެނީ ނުރައްކަލުން ފުރިފައިވާ ޕޯސްޓް-އެޕޮކަލިޕްޓިކް ދުނިޔޭގައި ދަތުރުކުރަން ޖެހޭ ނުރައްކާތެރި ރޯގާއަކުން ސަލާމަތްވި ދެ މީހުން ކަމަށްވާ ޖޮއެލް އާއި އެލީގެ ވާހަކައެވެ.
މިގޭމަށް މިހާރު ޕްރީއޯޑަރު ކުރެވުނަސް ޢާއްމުކޮށް ބާޒާރުން ގަންނަން ލިބޭވަރުވާނީ ޖޫން 19، 2023ގެ ފަހުން ކަމުގައި އެޕިކް ގޭމްސްއިން ވަނީ ބުނެފައެވެ. އެކަމަކު ގޭމް ޕްރީއޯޑަރު ކުރާ ސަޕޯޓަރުންނަށް 10 ޕަސެންޓް ޑިސްކައުންޓާއިއެކު އޭގެކުރިން ފޯރުކޮށްދޭއިރު، ޑިޖިޓަލް އާޓްބުކެއްގެ އިތުރުން ޕީސީއަށް ޑައިނަމިކް ތީމެއްވެސް ލިބޭނެކަމަށް ބުނެފައިވެއެވެ.