16 Jan 2023, 22:15
ޕްރައިމަރީގައި ވޯޓު ލުމަށް 200އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެ ކަމަށް އެމްޑީޕީން މިރޭ ބުނެފިއެވެ.
މިމަހުގެ 28ވާ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި މާލޭ ސަރަހައްދުގައި 49 ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ބުނީ މާލޭ ސަރަހައްދުގައި ވޯޓު ފޮށިތައް ބަހައްޓާނީ އަމީނިއްޔާ ސުކޫލާއި ސީއެޗްއެސްސީ އާއި އެމްއެންޔޫ އާއި އިސްކަންދަރާއި އިމާދުއްދީނާއި ހިރިޔާ އާއި މާފަންނު މަދަރުސާ އާއި އިއްޒުއްދީނާއި ތާޖުއްދީނާއި ކަލާފާނު އަދި ރެހެންދިގެ އިތުރުން މުހިޔުއްދީން ސްކޫލްގައި ކަމަށެވެ.
އަތޮޅުތެރޭގެ ރަށްރަށުގެ ސުކޫލްތަކުގައި ވޯޓު ފޮށިތައް ބަހައްޓާ ގޮތަށް ނިންމާފައިވާއިރު މި ޕްރައިމަރީގައި ވޯޓު ލުން ފަށައިގެން ކުރިޔަށް ގެންދާ ގޮތަށް ނިންމާފައިވަނީ 28 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00އަށް ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި މަޖިލިސް ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
މި ފަހަރުގެ ޕްރައިމަރީގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ 57،000 އަށް ވުރެ ގިނަ މެމްބަރުން އެބަތިބި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.