12 Apr 2012, 22:35
ކުއާލަލަންޕޫރު (އެޕްރިލް 12): މެލޭޝިޔާ އަށް ބޭރުގެ ފަރާތްތަކުން ނަގާފައިވާ ހުރިހާ ދަރަނިތަކެއް މިދިޔަ އަހަރު އަދާކޮށް ނިމިފައިވާ ކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފި އެވެ.
މެލޭޝިޔާގެ މާލީ ވަޒީރު އަޙްމަދު ހުސްނީ ވިދާޅުވީ 1965 އާއި 1999 ވަނަ އަހަރާ ދެމެދު ވޯލްޑް ބޭންކުން އެކި ފަހަރުމަތިން 2.65 ބިލިޔަން ޑޮަލަރުގެ ލޯންތައް ނަގާފައިވާނެ ކަމަށާ އެ ހުރިހާ ލޯންތަކެއް 2011 ވަނަ އަހަރު އަދާކޮށް ނިމިފައިވާ ކަމުގަ އެވެ. އަދި އޭޝިޔަން ޑިވެލޮޕްމެންޓް ބޭންކުން ވެސް 1.35 ބިލިޔަން ޑޮލަރުގެ ލޯންތައް ނެގި ކަމަށާއި އެ ލޯންތައް ވެސް މިހާރު ދައްކައި ނިމިފައިވާ ކަމަށް ޙުސްނީ ވިދާޅުވި އެވެ. އެ ދަރަނިތައް އަދާކުރުމުން މެލޭޝިޔާ މިއަދު ބޭރުގެ ދަރަނި ނެތް ޤައުމަކަށް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެލޭޝިޔާގެ މިކާމިޔާބީއާ ގުޅޭ ގޮތުން ކުއާލަލަމްޕޫރުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގެ އިންޓަނޭޝަނަލް އެފެއާޒްގެ ޑައިރެކްޓަރު ޑޮކްޓަރު ބަޝީރު ސަވާލިޙީ ވިދާޅުވީ ދައުލަތް ހިންގުމުގައާއި ދައުލަތުގެ މާލީ އަދި ފިސްކަލް ސިޔާސަތުތައް ރާވައި ހިންގުމުގައި މެލޭޝިއަކީ ދުނިޔޭގެ ފެންވަރުގައި ވެސް އެންމެ ކާމިޔާބު އެއް ޤައުމުކަމުގަ އެވެ.
އޭނާ ވިދާޅުވީ މެލޭޝިޔާއަކީ 1997 ގައި ކުރިމަތިވި އޭޝިޔާގެ އިޤްތިސާދީ ކާރިސާއިން އަރައިގަތުމުގައި ވެސް އެންމެ ކާމިޔާބު ޤައުމުކަމަށާއި އެ ކާރިސާ އިން މެލޭޝިޔާ ސަލާމަތްވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ލަފައާއި އިރްޝާދު ޤަބޫލުކުރުމުގެ ބަދަލުގައި އަމިއްލަ ތަޖްރިބާ އާއި އަމިއްލަ ވިސްނުން ބޭނުންކޮށްގެން މައްސަލަތައް ޙައްލުކުރުމުން ކަން ބަޝީރު ފާހަގަ ކުރެއްވި އެވެ. މެލޭޝިޔާއަކީ އެޤައުމަށް ކުރިމަތިވާ އިޤްތިސާދީ މައްސަލަތައް ޙައްލުކުރުމުގައި ވޯލްޑް ބޭންކާއި އައިއެމްއެފް އާ ދިމާއަށް ނުދާ ޤައުމެއް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
އޭޝިޔާގެ އިޤްތިސާދީ އަދި ސިޔާސީ މަސްރަޙް ދިރާސާކުރައްވާ މުޙައްލިލެއް ކަމަށްވާ ޢުމަރު ޣާނިމް ވިދާޅުވި ގޮތުގައި މެލޭޝިޔާއަކީ ވޯލްޑް ބޭންކާއި އައިއެމްއެފްއާ ނުލައި އިޤްތިސާދު މެނޭޖްކުރުމުގެ ޤާނޫނީ، ސިޔާސީ އަދި އިދާރީ ވަރުގަދަ އޮނގަނޑެއް ޑިވެލޮޕްކޮށްފައިވާ ޤައުމެކެވެ. އެ އޮނިގަނޑު ބިނާކޮށްފައި ވަނީ އެ ދެ އިދާރާ އަށް ބަރޯސާނުވެ މެލޭޝިޔާއަށް ބޭނުންވާ ބޭރުގެ އިންވެސްޓްމަންޓްތައް އަމިއްލަ މަސައްކަތުން ހޯދައިގެން އިޤްތިސާދު ކުރިއަރުވައި އަދި ކުރިމަތިވާ އިޤްތިސާދީ މައްސަލަތައް ޙައްލުކުރުމުގެ މައްޗަށް ކަމަށާ މިއީ ވަރަށް ކާމިޔާބު ނިޒާމެއް ކަމަށް ޣާނިމް ވިދާޅުވިއެވެ. (އަލްޖަޒީރާ)