17 Jan 2023, 10:20
އެޕަލްގެ ލެޕްޓޮޕް ލައިންތައް ކަމަށްވާ މެކްބުކް ސީރީޒްގެ އުފެއްދުންތަކަށް ކުރިއަށް އޮތް ތަނުގައި ޓަޗް ސްކްރީން ފީޗާ ގެންނަން އުޅޭ ފަދަ ވާހަކަތަކެއް ދެކެވެން ފަށައިފިއެވެ.
އެފަލް އަކީ އާންމުންނަށް މަގުބޫލު ތަފާތު އެކި ޕްރޮޑަކްޓުތައް އުފައްދާ ކުންފުންޏެކެވެ. އޭގެތެރޭގައި އައިފޯން އާއި އައިޕެޑް އަދި އެޕަލް ވޮޗު ހިމެނެއެވެ. މި ހުރިހާ އެއްޗެހީގައި ވެސް އެންމެ ކުރީން ވެސް ބޭނުން ކުރަމުން އައީ ޓަޗް ސްކްރީން ޓެކްނޮލޮޖީއެވެ. އެ ޓެކްނޮލޮޖީ މިހާތަނަށް ގޮސްފައި ނުވާ ހަމައެކަނި ޕްރޮޑަކްޓަކީ މިހާރު މެކްބުކްއެވެ.
އެޕަލްގެ ކޯފައުންޑާ ސްޓީވް ޖޮބްސް 2010 ވަނަ އަހަރުގައި ބުނިގޮތުގައި ލެޕްޓޮޕްތަކުގައި ޓަޗް ސްކްރީން ބޭނުން ކުރުމަކީ އެހާ ބުއްދިވެރި ވިސްނުމެއް ނޫނެވެ. އަދި އެޕަލްގެ މިހާރުގެ ސީއީއޯ ޓިމް ކުކް ވަނީ 2012 ވަނަ އަހަރުގައި އެކަމަށް ބާރުދީފައެވެ. އެޕަލްގެ ވައިސް ޕްރެޒިޑެންޓެއް ކަމަށްވާ ކްރެއިގް ފެޑެރޭގީ ވެސް 2018 ވަނަ އަހަރު ހާމަކޮށްފައިވަނީ ލެޕްޓޮޕެއްގައި ޓަޗް ސްކްރީނެއް ބޭނުން ކުރުމަކީ އާންމުން ވަރުބަލިވާނެ ކަމެއް ކަމަށެވެ.
ނަމަވެސް އެޕަލްގެ ވާދަވެރި ހުރިހާ ކުންފުންޏަކުން އުފައްދާ ލެޕްޓޮޕްތަކުގައި މިހާރު ޓަޗް ސްކްރީން ޓެކްނޮލޮޖީ ބޭނުންކުރެއެވެ. މިއީ އާންމުންނަށް ކަމުދާ ވެސް ފީޗާއެކެވެ. އެއާއެކު އެންމެފަހުން އެޕަލް އިން އަންނަނީ ކުރީގެ ވިސްނުން ބަދަލު ކުރުމަށް ގަސްދުކުރަމުންނެވެ.
ބްލޫމްބާގުން ރިޕޯޓުކުރާގޮތުގައި އެޕަލް އިން އަންނަނީ އެކުންފުނީގެ އެންމެ ޕްރީމިއަމް މެކްބުކްތައް ކަމަށްވާ މެކްބުކް ޕްރޯ ލައިނަށް ޓަޗް ސްކްރީންގެ ހިދުމަތް ތައާރަފުކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި އާ ޓަޗް ސްކްރީން ހިދުމަތާއެކު މެކްބުކެއް ތައާރަފު ކުރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގައެވެ.
އެޕަލް އިން ޓަޗް ސްކްރީންގެ ހިދުމަތް މެކްބުކަށް ލައިފި ނަމަ އައިޕެޑަށް ހަދާނެ ގޮތެއް ނޭނގޭނެތީ ކުރިން އެ ޓެކްނޮލޮޖީ ބޭނުން ނުކުރުމަށް އުޅުނު ކަމަށް ބައެއް ރިޕޯޓުތަކުން ބުނެއެވެ. ނަމަވެސް އާންމުންގެ ތެރޭގައި އެކަމަށް އޮތް ޑިމާންޑުގެ ސަބަބުން އެންމެފަހުން އެ މިސްރާބަށް އެޕަލް މަސައްކަތް ކުރާ ކަމަށް ވާހަކަ ދެކެވެއެވެ.
އެޕަލް އިން މިކަން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.