16 Jan 2023, 20:38
ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި އިންލައިން ސްކޭޓިން އެސޯސިއޭޝަން، އިންލައިން ސްކޭޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރަކަށް ވުމަށް ހުޅުވާލައިފިއެވެ.
އެ އެސޯސިއޭޝަނުން ބުނީ ހުރިހާ އުމުރުފުރާއެއްގެ، އެކި ފަންތީގެ ސްކޭޓަރުންނަށް އެ އެސޯސިއޭޝަނާ ގުޅުމުގެ ފުރުސަތު އޮންނާނެކަމަށެވެ.
އެ އެސޯސިއޭޝަނާ ގުޅުމުން ސްކޭޓިންގެ ތަފާތު ހަރަކާތްތަކުގައި ބައިވެރުވުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ސްކޭޓިންގައި ބޭނުންކުރާ ތަފާތު އާލާތްތަކުން އެކިވަރުގެ ޑިސްކައުންޓު ވެސް އެ އެސޯސިއޭޝަންގެ މެންބަރުންނަށް ލިބޭނަކަމަށް އިންލައިން ސްކޭޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުންޏެވެ.
އިންލައިން ސްކޭޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ރަޖިސްޓްރީކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ އެސޯސިއޭޝަން އުފެއްދީ ރާއްޖޭގައި އިންލައިން ސްކޭޓިން ކުރިއަރުވައި، މި ކުޅިވަރަށް އަހުލުވެރި ޖީލެއް ބިނާކުރުމުގެ މަގުސަދުގައެވެ.
އެގޮތުން އިންލައިން ސްކޭޓިންގެ ދަށުން އަންނަ ހުރިހާ ކުޅިވަރެއް ކުރިއަރުވައި، މި ކުޅިވަރުގެ ދާއިރާއިން މޮޅު އެތުލީޓުންތަކެއް ކުރިއެރުވުމަށްޓަކައި ގިނަ ހަރަކާތްތަކެއް އެ ސޯސިއޭޝަނުން ކުރާނެ ކަމަށް ވަނީ ބުނެފައެވެ. އޭގެތެރޭގައި، އެސޯސިއޭޝުން އިންތިޒާމްކުރާ ޚާއްސަ މުބާރާތްތައް ހިމެނެއެވެ.
ބައިނަލްއަގްވާމީ މައިދާނުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އިންލައިން ސްކޭޓިންގައި މައިގަނޑު ގޮތެއްގައި 10 ވައްތަރެއް ވެއެވެ. އެއީ، އެގްރެސިވް އިންލައިން، އަލްޕައިން ސްކޭޓިން، ފިގާ ސްކޭޓިން، ފިޓްނަސް ސްކޭޓިން، ރޯލާ އިންލައިން ސްކޭޓިން، އޮފްރޯޑް ސްކޭޓިން، ރޯލާ ސޮކާ، ސްޕީޑް ސްކޭޓިން އަދި ވާޓް ސްކޭޓިން ހިމެނެއެވެ.
ރާއްޖޭގައި އަދި މި ކުޅިވަރަށް މާބޮޑު ތަރުޙީބެއް ލިބިފައި ނުވި ނަމަވެސް، ގިނަ އަދަދެއްގެ ކުޑަކުދިންގެ މެދުގައި މި ކުޅިވަރަށް އޮތް މަގުބޫލުކަން ބޮޑެވެ. މާލެ އާއި ހުޅުމާލޭގައި ހިންގާ އިންލައިން ސްކޭޓިން ކްލާސްތަކުގައި ގިނަ އަދަދެއްގެ ސްކޫލް ކުދިންތަކެއް ވެސް ބައިވެރިވެއެވެ.