އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންކަމުގެ މަގާމަށް ވާދަކުރުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ ނަން ހުށައަޅާފައި ވަނީ އޭނާ އަށް ނޭނގި ކަމަށާއި އެ މައްސަލަ ޕޮލިހަށް ހުށައެޅުމަށް ތައްޔާރުވުމުގެ ގޮތުން ގާނޫނީ ޓީމާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ކާނަލް މިރޭ ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނަށް ކާނަލް މިރޭ ވިދާޅުވީ އޭނާގެ ނަން ބޭނުން ކުރައްވައިގެން އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް އޭނާ ކުރިމަތިލީ ކަމަށް ބަޔަކު ހުށައަޅާފައިވާ ކަމުގެ މައުލޫމާތު ލިބުމާ އެކު އެކަން ވާނީ އެމްޑީޕީއަށް ވެސް އަންގާފައިވާ ކަމަށާއި އެކަމަކީ އެމްޑީޕީ ބައިބައި ކުރުމުގެ ގޮތުން ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއްކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ކާނަލް ވިދާޅުވި އެވެ.

ކާނަލް އިތުރަށް ވިދާޅުވީ އެކަން އެގޮތަށް ކޮށްފައި ވަނީ އެމްޑީޕީން ނޫން އެހެން ކޮންމެވެސް ބައެއް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އެމްޑީޕީން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެމުން އެ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލްވުމުގައި ޕާޓީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލިހުގެ މެންބަރު މުހައްމަދު މާހިރު އީސާ ވިދާޅުވީ ޗެއާޕާސަން ކަމަށް މޫސާ މަނިކު ކުރިމަތިލެއްވި އިރު މޫސަ އަށް ތާއިދުކުރާ 979 ވަރަލަށް ބޭފުޅުންގެ ސޮއި ހުށައަޅުއްވާފައިވާ އިރު ކާނަލް އަށް ތާއިދުކުރާ ކަމަށް ހުށައަޅާފައި ވަނީ 97 ވަރަކަށް ބޭފުޅުންގެ ސޮއި ކަމަށެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޗެއާޕާސަން މަގާމަށް ކުރިމަތިލާ ނަމަ އެފަރާތަކަށް ތާއީދު އޮންނަ ކަމަށް ބަޔާންކޮށް 300 މެންބަރުންގެ ސޮއި ހުށަހަޅަން ޖެހެ އެވެ.

ކާނަލް ވިދާޅުވީ އެގޮތަށް އެކަން ކޮށްފައި ވަނީ ބަޔަކު މީހުން އޭނާގެ އަގުވައްޓާލުމަށް ކުރިކަމެއްކަމަށާއި އެކަން ހިނގާފައިވާ ގޮތެއް ބައްލަވާނެ ކަމަށެވެ.