ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އެރަށަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

އެ މަޝްރޫއު ސަރުކާރުން އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ 136.6 މިލިއަން އެމެރިކާ ޑޮލަރަށެވެ.

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019ގައި ސޮއި ކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރެވޭނެއެވެ.

އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން ވިދާޅުވީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށްޓަކައި ރައީސް ޞާލިހް އަންނަ ބުދަ ދުވަހު އެރަށަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ހަނިމާދޫ އެއާޕޯޓު އިތުރަށް ތަރައްގީވެގެން ދިއުމުން އެކަމުގެ ފައިދާ ކުރާނީ ހަމައެކަނި އެރަށަށް ނޫން ކަމަށާއި އެ އަތޮޅާއި ހއ. އަތޮޅާއި އަދި ށ. އަތޮޅުގެ ރަށްތަކަށް ވެސް އެ އެއާޕޯޓު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މި އެއާޕޯޓުގެ ތަރައްގީއަކީ މި ތިން އަތޮޅު [ހއ. ހދ. ށ.]ގެ ތަރައްގީއަށް ވެސް ވަރަށް ބޮޑު އެއްބަހެއް ކަމަށް ގިނަ ރައްޔިތުން އެއްބައިވޭ" އަބްދުއްސައްތާރު ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާ ގޮތުގެ ކުރެހުމެއް-- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ރައީސް ޞާލިހްގެ އިތުރުން މި މަޝްރޫއު ފައްޓަވައިދެއްވުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވެސް ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދޭނެއެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާއާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބޭނެއެވެ.

އެ މަޝްރޫޢަކީ ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކޮށް، އެ ސަރަޙައްދުގައި ވިޔަފާރިއާއި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅުގައި ފެށޭނެކަމަށާއި 2024ގައި މަޝްރޫޢު ނިމި އެއާޕޯޓްގެ ޚިދުމަތް ފެށޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.