ރާއްޖޭގައި ބޯޑާ ކޮންޓްރޯލްގެ ނިޒާމެއް ގާއިމް ކުރުމަށް މެލޭޝިޔާގެ ނެކްސްބިޒާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އޭސީސީ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އޭސީސީ އިން ހައިކޯޓުގައި މިއަދު އިސްތިއުނާފުކޮށްފި އެވެ.

ސިވިލް ކޯޓުން އެ މައްސަލަ ނުބެލޭނެ ކަމަށް ހުކުމް ކޮށްފައި ވަނީ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މައްސަލައިގައި އެ ކޮމިޝަނުން ކުރިން ހުށަހެޅި މައްސަލަ އާއި އެއްބަސްވުން ބާތިލް ކުރަން ހުށަހެޅި މައްސަލައަކީ މައުޟޫއީ ގޮތުން އެއްގޮތް މައްސަލައެއް ކަމަށް ބުނެ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޭސީސީގެ ވަކީލު އަލީ އާޒިމް ވިދާޅުވީ ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލުމަށް އޭސީސީ އަށް ނޭންގޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމްގައި އެއްބަސްވުމާ ބެހޭ ގޮތުން އޭސީސީ އިން ދެއްކި ވާހަކަ ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅިދާނެ ކަމަށް ބަޔާންކޮށްފައިވާ އިރު ދެ ވަނަ ފަހަރަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބޭރުކުރެވިދާނެ ކަމަށް ނުދެކޭ ކަމަށެވެ.

އާޒިމް ވިދާޅުވީ ދެ ވަނަ ފަހަރަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ކުރީގެ މައްސަލައާ މައުޟޫއީ ގޮތުން ތަފާތު މައްސަލައެއް ކަމަށްވާ އިރު އެ މައްސަލަ ނުބެލޭނެ ކަމަށް އެ ކޯޓުން ނިންމާފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ޚިލާފަށް ކަމަށެވެ. އެހެން ކަމުން އެ މައްސަލަ އަލުން ބަލައިދިނުމަށް ސިވިލް ކޯޓުގެ މައްޗަށް އަމުރުކޮށް ދިނުމަށް ވެސް އާޒިމް ވަނީ އެދިވަޑައިގެންފަ އެވެ.

އާޒިމް އެގޮތަށް އެދިވަޑައިގަތުމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ އެ ދެ މައްސަލަ ތަފާތު ވަނީ ކިހިނެއް ކަން ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް ސާފުކޮށްދެއްވުމަށް އާޒިމްގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އާޒިމް ވިދާޅުވީ އެ މައްސަލަ ހައިކޯޓުން ބޭރުކޮށްފައި ވަނީ ދައުވާލިބޭ ފަރާތުން އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވަނީސް ހަމައެކަނި ތަދައްޚުލްވި ފަރާތުން ދެއްކި ވާހަކަތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުގެ ވަކީލަށް ފުރުސަތު ދެއްވުމުން ދައުލަތުގެ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވީ ހުށަހަޅާފައިވާ މައްސަލައަކީ އެގްރީމެންޓަކާ ގުޅުން ހުރި މައްސަލައެއް ކަމަށް ވާތީ ، އަދި އެ އެގްރީމެންޓްގައި ވާގޮތުން އެ އެގްރީމެންޓަށް ހިނގާނީ ސިންގަޕުރުގެ ގާނޫނު ކަމަށް ވާތީ ބަންޑާރަ ނާއިބްގެ އޮފީހުން އެ މައްސަލައިގައި ގާނޫނީ ލަފާ ހޯދުމަށް ސިން ގަޕޫރުގެ ލޯފާކަމަށް ފޮނުވާފައިވާ ކަމަށެވެ. އެހެން ކަމުން އެއަށް ޖަވާބު ދެވޭނީ އެތަނުން ގާނޫނީ ލަފާ ލިބުމުން ކަމަށް ވެސް ޝުނާނާ ވިދާޅުވި އެވެ.

އެ މައްސަލައިގެ ތެރެ އަށް ނެކްސްބިޒުން ތަދައްޚުލްވެފައިވާތީ ނެކްސްބިޒަށް ދަތައްހުލް ނުވެވޭނެ ކަމަށް ބުނެ އޭސީސީން ވަނީ އިޖުރާއީ ނުކުތާއެއް ނަގައިފަ އެވެ.

އޭސީސީގެ ވަކީލު އާޒިމް ވިދާޅުވީ ނެކްސްބިޒަށް ދަތައްޚުލް ނުވެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ސަބަބަކީ އެ މައްސަލައިގައި އޭސީސީން އެދިފައި ވަނީ ސިވިލް ކޯޓުން ނުބެލޭނެ ކަމަށް ނިންމި މައްސަލަ ބެލުމަށް އެ ކޯޓުގެ މައްޗަށް އަމުރުކޮށްދިނުމަށް ކަމަށްވާ އިރު، އެ މައްސަލަ އާ މެދު ހައިކޯޓުން ގޮތެއް ކަނޑައެޅުމުން ނެކްސްބިޒްގެ އެއްވެސް މައްސްލަހަތެއް އުފަން ނުވާނެތީ ކަމަށެވެ.

ނަމަވެސް ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތު ބެލެހެއްޓެވި ޝުއައިބު ހުސައިން ޒަކަރިއްޔާ ވިދާޅުވީ އޭސީސީ އިން ދައުވާ ކޮށްފައި ވަނީ އިމިގްރޭޝަނާއި ނެކްސްބިޒްއާ ދެމެދު ހެދިފައި އޮތް އެއްބަސްވުމުމަކާ ގުޅިގެން ކަމަށް ވާތީ އެ މައްސަލަ ނެކްސްބިޒާ އެކު ކުރިއަށް ގެންދަން ނިންމެވީ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ޝުއައިބް ވިދާޅުވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ.