12 Apr 2012, 18:26
ރޭޑިއޯ، ޓީވީ ފްރެކުއެންސީ ދޫކުރުމުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ގެންގުޅޭ އުސޫލުތަކަކީ ގާނޫނު އަސާސީއާ ޚިލާފަށް ހަދާފައިވާ އުސޫލުތަކެއްކަމަށް ކަނަޑައަޅައި ދިނުމަށް ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ކޯޓުން ގޮތެއް ނިމެންދެން ފްރިކުއެންސީ ހޯދުމަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ފްރިކުއެންސީ އެވޯޑުކޮށްދިނުން ފަސްކުރުމުގެ އަމުރަކަށް ހައިކޯޓުގައި އެދިއްޖެ އެވެ.
އެފަދަ އަމުރަކަށް ހައިކޯޓުގައި އެދިފައިވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން އުޅޭ މ. ކުޑަވެޔޮމަތީގޭ އިބްރާހިމް ފަލާހު އެވެ.
ފްރިކްއެންސީ ދޫކުރުމުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ގެންގުޅޭ އުސޫލުތަކަކީ ގާނޫނު އަސާސީއާ ޚިލާފު އުސޫލުތަކެއް ކަމަށް ކަނޑައަޅައިދިނުމަށް ފަލާހު ހައިކޯޓަށް ދުސްތޫރީ މައްސަލައިގެ މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި އޭނާގެ ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ އެ ކޮމިޝަނުން ނެރެފައިވާ ޓެރެސްޓްރިއަލް ފްރިކްއެންސީއަށް ބީލަން ހުށަހެޅުމާ ބެހޭ މައުލޫމާތު ފޮތުގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ތަޖުރިބާ އަށާއި މިހާތަނަށް ކޮށްފައިވާ މަސައްކަތާއި އިންވެސްޓްމަންޓަށް މާކްސް ދިނުމަށް ހަމަޖައްސާފައި ވާކަމަށެވެ.
އަލީ ހުސެއިން ވިދާޅުވީ ތަޖުރިބާ އަށާއި މިހާތަނަށް ކޮށްފައިވާ މަސައްކަތާއި އިންވެސްޓްމަންޓަށް މާކްސް ދިނުމަށް ހަމަޖައްސާފައި އޮތުމަކީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހަމަހަމަ ކަމުގެ އުސޫލާއި ކަނޑައެޅިގެން ޚިލާފުކަމެއް ކަމަށެވެ.
އޭނާ ވިދާޤޅުވީ ވިދާޅުވީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި އެމީހެއްގެ މާލީ ފުދުންތެރިކަމަށް ބަލައި ތަފާތުކޮށްގެން ނުވާނެކަމަށް ބަޔާން ކޮށްފައިވާކަމަށެވެ. ނަމަވެސް ކޮމިޝަނުން އެކުލަވާލާފައިވާ ރޭޑިއޯ،ޓީވީ ފްރިކްއެންސީ ދޫކުރުމުގެ ގަވާއިދުގައި، ފްރިކުއެންސީ ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އަދި ޓެރެސްޓްރިއަލް ފްރިކްއެންސީ އަށް ބީލަން ހުށަހެޅުމާ ބެހޭ މައުލޫމާތު ފޮތުގައި ފްރިކްއެންސީ ހޯދުމަށް އެދޭ ފަރާތްތަކުން ކޮށްފައިވާ މަސައްކަތަށާއި އިންވެސްޓްމަންޓް ފަދަ ކަންކަމަށް މާކްސް ދޭގޮތަށް އޮތް އޮތުމަކީ އެ މާއްދާއާ ހިލާފުކަމެއް ކަމަށެވެ.
"އެހެނީ ފްރިކްއެންސީ ހޯދުމަށް އެދޭ ފަރާތުގެ ތަޖުރިބާ އާއި މިހާތަނަށް ކޮށްފައިވާ މަސައްކަތަށާއި އިންވެސްޓްމަންޓަށް ބަލައި މާކްސް ދީފިނަމަ ބްރޯޑްކާސްޓް ކުރުމުގެ ފްރިކްއެންސީ ލިބުމުގެ ފުރުސަތު އެންމެ ބޮޑުވާނީ މިހާރުވެސް ބްރޯޑްކާސްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް،" އަލީ ހުސެއިން ވިދާޅުވި އެވެ.
އެ މައްސަލައިގައި އޭނާ މިއަދު އެދުނީ ރޭޑިއޯ، ޓީވީ ބްރޯޑްކާސްޓިން އަށް ފްރިކްއެންސީ ދޫކުރުމުގެ ގަވާއިދުގައާ ބީލަން ހުށަހެޅުމާ ބެހޭ މައުލޫމާތު ފޮތުގައި ތަޖުރިބާއަށް 300 މާކްސްއާ އަދި ކޮށްފައިވާ މަސައްކަތަށާއި އިންވެސްޓްމަންޓަށް 150 މާކްސް ދޭގޮތަށް އޮތް މާއްދާ ބާތިލުކޮށް ދިނުމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ވަކީލު ވިދާޅުވީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސްއާ ފްރިކްއެންސީ އަކީ ތަފާތު ދެ އެއްޗެއްކަމަށެވެ. އޭނާ ވިދާޅުވީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގައި ބުނަނީ ހަމައެކަނި ބްރޯޑް ކާސްޓް ކުރުމުގެ ލައިސަންސްގެ ވާހަކަ އެކަނި ކަމަށާއި އެ ގާނޫނުގައި ފްރިކްއެންސީ ދޫކުރުމުގެ އުސޫލެއް ބަޔާންކޮށްފައި ނުވާކަމަށެވެ. އަދި ވިދާޅުވީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް ހުށަހެޅުމުގެ ފުރުސަތު މިހާރުވެސް ހުޅުވިފައިވާ ކަމަށެވެ.
އެހެންކަމުން ދައުވާ މިހާރު ހުށަހަޅާފައިވާގޮތަށް ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދެއްވުމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ވަކީލު އެދިވަޑައިގަތެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތު ބެލެހެއްޓެވި ޝުއައިބް ހުސެއިން ޒަކަރިއްޔާ ވިދާޅުވީ އެ މައްސަލަ ވަރަށް އަވަހަށް ނިންމުމަށް ކޯޓުން ބޭނުންވާކަމަށެވެ. އަދި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ދެފަރާތަށް ވެސް އެ މައްސަލައާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާނެކަމަށާއި އެދުވަހު އަޑުއެހުންތައް ނިންމާލެވޭތޯ ބައްލަވާނެ ކަމަށްވެސް ވިދާޅުވި އެވެ.