ޕެރަޑައިޒް އައިލެންޑް ރިޒޯޓްގައި ބޭއްވި ސާކްގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުގައި "މާލޭޑެކްލަރޭޝަން"ގެ ނަމުގައި މައިގަނޑު 10 ކަމެއް އެކުލެވޭ ގަރާރެއް ފާސްކޮށްފި އެވެ.

ފާސްކުރި ގަރާރުގައިވާ ކަންތައްތަކުގެ ތެރޭގައި އިންޑިޔާގައި ހުންނަ ސާކް ޔުނިވަސިޓީގައި ސިއްހީ ދާއިރާގެ ކޯސްތައް ހިމެނުމާއި އިމަޖެންސީ ހާލަތްތަކުގައި ސާކްގެ ގައުމުތަކުން ގުޅިގެން މަސައްކަތްކުރާނެ ނިޒާމެއް ގާއިމް ކުރުމާއި ނޭޕާލްގައި ހުންނަ ސާކް ޓީބީ. އެޗްއައިވީ ސެންޓަރުގައި ލެބޯޓްރީއެއް ގާއިމް ކުރުމާއި ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ސަރަހައްދީ ސްޓްރެޓެޖީއެއް ކަނޑައެޅުން ހިމެނެއެވެ. އަދި ފަންނީ މީހުން ތަމްރީނު ކުރުމުގައި ސާކްގެ ގައުމުތަކުން އެއްބާރުލައިގެން މަސައްކަތް ކުރުން ވެސް ހިމެނެ އެވެ. ސާކްގެ ހެލްތު މިނިސްޓަރުން ބައްދަލުވުމެއް ކޮންމެ އަހަރަކު ވެސް ބޭއްވުމަކީ ވެސް އެގަރާރުގައި ހިމެނޭ ކަމެކެވެ.

ހެލްތު މިނިސްޓްރީގައި މިއަދު އޮތް ނޫސްކޮންފަރެންސްގައި މިނިސްޓަރު އަހުމަދު ޖަމްޝީދު ވިދާޅުވީ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމަށް ހަތަރު ކަރުދާހެއް ހުށައެޅި ކަމަށާއި ހުރިހާ ކަރުދާސްތަކަށް ވެސް ސާކްގެ ހެލްތު މިނިސްޓަރުން ބަހުސްކުރައްވައި އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

"އެ ހުރިހާ ކަރުދާހެއްގައި ވެސް ހުރި ކަންތައްތައް ވަރަށް ރަނގަޅަށް ބަލައިގަނެ، އެކަންތައްތަކަށް ބިނާ ކުރަނިވި ފާޑުކިއުންތަކެއް ކިއި، އޭގެ ތެރެއަށް އިތުރަށް ފުރިހަމަ ކުރުމަށް ކަންތައްތައް އިތުރުކުރެވި، އޭގަ ހުރި މައިގަނޑު ހުރިހާ ކަމަކަށް ވެސް އެއްބަސް ވެވުން، ދެން އޭގެ އިތުރު މަރުހަލާތަކަކަށްދާ ވަރަކަށް ހުންނާނެ ކުރަން ޖެހޭ އިތުރު މަސައްކަތްތައް،" މިނިސްޓަރު ޖަމްޝީދު ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރުންގެ ބައްދަލުވުމަށް ހުށައެޅި ކަރުދާސްތަތަކަކީ ނަރުދަމާގެ ކަންތައްތަކާ ބެހޭ ކަރުދާހަކާއި ކާނާއާ ބެހޭ ކަރުދާހަކާއި މިސަރަހައްދުގެ ގައުމުތަކުގައި ފެތުރޭ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާ ރޭބީސް ނަމަކަށް ކިޔާ ބައްޔެއް ނައްތާލުމާ ބެހޭ ކަރުދާހަކާއި ސިއްހީ ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާ ބެހޭ ކަރުދާހެކެވެ.
ހުށައެޅި ކަރުދާސްތަކުގެ ތެރެއިން އިންސާނީ ވަސީލަތް ތަރައްގީކުރުމާ ބެހޭ ކަރުދާހަކީ ރާއްޖެ އިން އިސްނަގައިގެން ހުށައެޅި ކަރުދާހެކެވެ.

ސާކްގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމަކީ ރާއްޖެ އަށް ފައިދާ ހުރި ބައްދަލުވުމެއް ކަމަށް މިނިސްޓަރު ޖަމްޝީދު ވިދާޅުވި އެވެ.

ސާކްގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމަކީ މިދިޔަ އަހަރު ސަރުކާރުން އިއުލާންކޮށްފައިވާ އެއް އަހަރު ދުވަހަށް ދެމިގެންދާ ގޮތަށް ކުރިއަށް ގެންދާ ސާކްގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ. ސަތާރަ ވަނަ ސާކްސަމިޓް ނިމުމުން މިބައްދަލުވުން އިންތިޒާމްކޮށްފައި ވަނީ ރާއްޖެ އިންނެވެ.