01 Aug 2010, 05:36
10:00
ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕުން މަޝްވަރާދީފައިވާ ގޮތުގެ މަތިން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިތާ ފަސް މިނިޓްގެ ތެރޭގައި ޖަލްސާ ނިންމަވާލައްވައިފި އެވެ.
ޖަލްސާ ނިންމަވާ ލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްގެންދެވޭނީ އެކުވެރިކަމާއި އެއްބާރުލުމުގެ ރޫހެއްގައި ހުރިހާ ފަރާތަކުން ވާހަކަ ދެކެވި ކުރިމަތީގައިވާ ލަނޑުދަނޑިތައް ހާސިލްކުރަން މަސައްކަތް ކޮށްގެން ކަމަށެވެ. އަދި އެ ކަންތައް ތަކަށް ފުރުސަތު ދެއްވުމަށް ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕުން މަޝްވަރާދީފައިވާ ގޮތަށް މިއަދުގެ ޖަލްސާ ނިންމަވާލެއްވީ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އަދި ވިދާޅުވީ، އެކުވެރިކަމާއެކު ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި، ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުގެ އެދުމުގެ މަތިން އެ ފަރާތްތަކުގެ މެދުގައި މިހާތަނަށް ދެ މަޝްވަރާ ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށެވެ. އަދި މިއަދު ތިން ވަނަ މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި މިއަދު ރައްޔިތުންގެ މަޖިލީހުގެ ތިން ކޮމިޓީއެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ފަރާތްތަކުން ލަފާދެއްވާފައި ވާތީ އެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ، ގާނޫނު އަސާސީއާ ހިލާފް ގާނޫނުތަކާއި، ގާނޫނުތަކުގެ ބައިތަކާ ބެހޭގޮތުން ހުށަހަޅާފައިވާ ގަރާރު ދިރާސާކުރުމާ ބެހޭ ކޮމިޓީ އާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ގަވާއިދު ކޮމިޓީ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވާފައި މިވަނީ މުހިއްމު މަސައްކަތްތަކެއް އެޖެންޑާކޮށްފައި ވަނިކޮށެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ އާއި އުއްތަމަ ފަނޑިޔާރު އައްޔަން ކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ އަލްއުސްތާޒު އަހްމަދު ފާއިޒުގެ ނަންފުޅު އިއްލާން ކުރުމާއި، އެ ނަންފުޅު ދިރާސާކޮށް ގޮތެއް ނިންމުމަށް ކޮމިޓީއަކަށް ފޮނުވުން ހިމެނެ އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅުތައް މަޖިލީހަށް އިއްލާން ކުރައްވައި، އެ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމުމަށް ދާއިމީ ކޮމިޓީއަކަށް ފޮނުއްވުމަށް ވެސް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.