15 Jan 2023, 13:31
އެމްޑީޕީގެ ވެރިކަން ގެއްލި، އެ ޕާޓީ މަގުމަތި ވުމަކީ ހެޔޮ ގޮތެއް ނޫން ކަމަށާއި ވެރިކަމަށް އައުމަށް އެމްޑީޕީއަށް އިތުރު ބައެއްގެ ތާއީދު ބޭނުންވާނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގެ ތެރެއިން މިއަދު މަރަދޫ ފޭދޭ ޖަގަހައިގައި ރައްޔިތުންނާ ބައްދަލުކުރައްވަމުން އެ މަނިކުފާން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ހަމައެކަނި އެމްޑީޕީ މެމްބަރުންގެ ތާއީދު ލިބިގެން އެކަން ނުކުރެވޭނެ ކަމަށެވެ. އެކަމަށް މުޅި ރާއްޖޭގެ ރައްޔިތުންގެ ތާއީދު ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަނިކުފާނު ވާދަކުރައްވަނީ އެ ކަން ކުރެއްވުމަށް ޓަކައި ކަމަށް ކަމަށް ވެސް ވިދާޅުވިއެވެ.

ކެމްޕެއިންގެ ތެރެއިން ރައީސް ޞާލިޙް އައްޑޫ ރައްޔިތުންނާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
"އެކަން ކުރެވޭނެ އެހެން މީހެއް މި ވަގުތު އެމްޑީޕީގެ ތެރޭގައި ހުރިކަމަކަށެއް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެހެންވެގެން އަޅުގަނޑަށް ނިކުންނަށް މަޖުބޫރުވީ. ވަރަށް ފަސޭހަ އެއް ދައުރު ނިންމާލައިފައި އަޅުގަނޑަށް ގޭގައި ހުންނަން. އެއްވެސް ކަމެއް ނޫން. އަޅުގަނޑު މަޖިލީހުގައި 25 އަހަރު އުޅެފިން. ރިޔާސީ ދައުރެއް ނިމުނީ. ދެން ކީއްކުރަން؟ އެހެންނަމަވެސް ޕާޓީއަށް ޓަކައި އަޅުގަނޑުވީ ވައުދުތައް ފުއްދުމަށް ޓަކައި މި ކަން ކުރަން ޖެހޭ،" ރައީސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، 2008 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބި ކަންވެގެން ދިޔަ ގޮތް ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އެގޮތުން އެ ސަރުކާރުގައި ވެސް މަސައްކަތްތަކެއް ކުރަން އުޅުނު ކަމަށާއި ނަމަވެސް ދުރު ރާސްތާއެއް ނެތި އެ ކަން ކުރުމުން އެދެވޭ ނަތީޖާއެއް ނުނެރެވުނުކަމަށް ރައީސް ވިދާޅުވިއެވެ.
"ދެވަނަ ފަހަރަށް އަޅުގަނޑުމެން އިންތިޚާބު ކުރާ ވެރިކަމެއް އެ މަގަށް ގޮސް ދިއުން އެއީ އެމްޑީޕީ މެމްބަރުން އެދޭނެ ކަމެއް ނޫން. ދެވަނަ ފަހަރަށް މަގުމައްޗަށް ނިކުމެ، ހަ އަހަރު ހަތް އަހަރު މަގުމަތީގައި އެހެން ތިބުމަކީ ސިޔާސީ ޕާޓީއަކަށް އަބަދުކުރަން ހެޔޮވާވަރުކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ތަރައްގީއަށް ބޭނުންވާ މަސައްކަތްތައް މަޑުޖެހުމެއް ނެތި ހިންގުމަށް ޓަކައި ރާއްޖެއަށް ސުލްހައާއި ހަމަޖެހުން ބޭނުން ވާކަމަށެވެ.
"މި ތިބީ ޑރ. ޑީޑީ (ޑރ. އިބްރާހީދީދީ) މެންނަކީ ރައްޔިތުންނަށް ޚިދުމަތް ކުރާ މީހުން. އެހެން ދާއިރާތަކުން. އެހެން ނަމަވެސް އެ ދިޔަ ހަ އަހަރު ހަތް އަހަރު މަގުމަތީގައި ކިހިނެއްތޯ އުޅުއްވީ. ކިތައް ފަހަރުތޯ ބަންދުވެގެން ޖަލުގައި އިނީ. މިތާ މި ތިބީ އެ ކަން އިހުސާސްކޮށްފައި ތިބި މީހުން. އެއީ ދެން ގަބޫލުކުރެވޭނެ ކަންތައްތަކެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ވެރިކަމަށް އާދެވޭނެ މަގު ފެންނަން އޮއްވައި އަދި ވެރިކަމަށް އައިސް މަސައްކަތް ކުރެވޭނެކަން ހާމަވާން އޮއްވައި އެހެން މަގެއް ޚިޔާރުކުރަންވީ ކީއްވެތޯ ވެސް ސުވާލުކުރައްވައިފައެވެ.
ޕްރައިމަރީއާމެދު ފުންކޮށް ވިސްނަންޖެހޭ
ރައީސް ވިދާޅުވީ މި އިންތިޚާބަކީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއް ކަމުގައިވީ ނަމަވެސް މި އިންތިޚާބާ ދޭތެރޭ ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.
"ޕާޓީގެ އެތެރޭގައި އެބަ ބޭއްވޭ އިންތިޚާބުތަކެއް. ޕާޓީގެ ރައީސަކު ހޮވަން ވެސް އިންތިޚާބެއް ބޭއްވޭ. ޕާޓީގެ ޗެއާޕާސަން ވެސް ހޮވަން. ދާއިރާގެ ރައީސުން ވެސް ހޮވަން. އެ އެއްޗިއްސާއި މިއާ ހުރި ތަފާތަކީ، ރިޔާސީ އިންތިޚާބަކަށް ކެނޑީޑޭޓަކު ހޮވުމާއި ޕާޓީގެ ރައީސަކު ހޮވުމާއި، ނޫނިއްޔާ ޕާޓީގެ ޗެއާޕާސަނެއް ހޮވުމާއި ވަރަށް ބޮޑެތި ތަފާތުތަކެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕްރައިމަރީ ނޫން އެހެނިހެން އެތެރޭގެ އިންތިޚާބުތައް ނިމުމުން އެ ކަމަށް ކުރަންޖެހޭ މަސައްކަތް ނިމުނީ ކަމަށެވެ.
ނަމަވެސް މި ޕްރައިމަރީގައި ރިޔާސީ ކެނޑިޑޭޓަކު ހޮވުމުން އަދި މަސައްކަތް ނުނިމޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ޕާޓީގެ ކެނޑީޑޭޓަކަށް ވެވިދާނެ ކޮންމެ މީހަކަށް ވެސް. އެހެން ނަމަވެސް އެމްޑީޕީއަކީ ވިސްނުމެއް ގެންގުޅޭ ބައެއް. ރާއްޖެ ތަރައްގީކުރަން އެބަ އޮތް ޚިޔާލްތަކެއް. އެ ކަން ކުރެވެން މި އަންނަނީ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްގެން. އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ ޕާޓީ އެތެރޭގައި މި ބާއްވާ އެހެން އިންތިޚާބުތަކާ މި އިންތިޚާބާ ވަރަށް ބޮޑަށް ތަފާތު އެބަ ހުއްޓޭ،" ރައީސް ވިދާޅުވިއެވެ.
މިއީ އެމްޑީޕީގެ ވެރިކަމެއް، ތަންފީޒުކުރަނީ އެމްޑީޕީން ވިއްކި މެނިފެސްޓޯ
މީގެ އިތުރުން ރައީސް ޞާލިހު ވަނީ، މި ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ނޫންކަމަށް ބުނެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން އަންނަ ބައެއް ވާހަކަތަކަށް ވެސް މިއަދު ރައްދު ދެއްވައިފައެވެ.
އެގޮތުން ރައީސް ވިދާޅުވީ މި ސަރުކާރުން ތަންފީޒުކުރަމުން އަންނަ ސިޔާސަތުތަކަކީ އެމްޑީޕީގެ ސިޔާސަތުތައް ކަމަށެވެ.
"މި ސަރުކާރުން މިހާރު ވެސް މި ކުރިއަށް ގެންދަނީ އެމްޑީޕީގެ މެނިފެސްޓޯ. ހިލޭ ޑިގްރީ، ދަތުރުފަތުރުގެ ނިޒާމު، ސިއްޚީ ޚިދުމަތް ކައިރިން ލިބުން. މިހެން ގޮސް މި ހުރި ހުރިހާ އެއްޗިއްސަކީ އެމްޑީޕީއިން ލިޔެ ތައްޔާރުކޮށް ރައްޔިތުންނަށް ވިއްކި އެއްޗެހި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސިޔާސަތުތައް ތަންފީޒުކުރަމުން އަންނައިރު ވަކި ހިސާބަކުން ހުއްޓުމެއް އައިސްފިނަމަ ދެން އެ މަސައްކަތް ނުކުރެވޭނެ ކަމަށެވެ.
އަދި އެމްޑީޕީއަށް މަޑުޖެހިގެން، ތިބެވޭކަށް ނެތް ކަމަށާއި ކުރިއަށް ދިއުމަށް ޓަކައި އެ މަނިކުފާނަށް މި އިންތިޚާބު ކާމިޔާބުކޮށްދިނުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ މުޅި ރާއްޖެ ތަރައްގީކުރަން މުހިންމު ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.