15 Jan 2023, 17:56
"ސުހާނާގެ ބަދިގެ" މިއީ އެންމެންނަށް އެނގޭ ވަރުގަދަ ބްރޭންޑެކެވެ. ޢާންމުންގެ ބޮޑު ތަރުޙީބެއް ލިބުނު ފުރިހަމަ ޓީވީ ޕްރޮގްރާމެކެވެ. ވަރުގަދަ އަދި ފޯރިގަދަ ދެ ސީޒަނަކަށް ފަހު މި ފަހަރު ސުހާނާގެ ބަދިގެ ޢާންމުންނަށް ފެންނާނީ ސަން ސިޔާމް މީޑިއާގެ ދަށުން ހިންގާ އެސްއެސްޓީވީއިންނެވެ. މިއާ އެކު "ސުހާނާގެ ބަދިގެ" މި ޕްރޮގްރާމުގެ ހުރިހާ ޕާޓްނަރުންނާއެކު މި ވަނީ ސޮއިކޮށްފައެވެ.
މި ފަހަރު "ސުހާނާގެ ބަދިގެ" ޕްރޮގްރާމްގެ ޓައިޓަލް ސްޕޮންސަރަކީ ޕިރަމިޑްއެވެ. މީޑިޔާ ޕާޓްނަރަކީ ސަން ސިޔާމް މީޑިޔާއެވެ.
"ސުހާނާގެ ބަދިގެ" ހުށަހަޅާ ނަން މަޝްހޫރު ކައްކާ މަރިޔަމް ސުހާނާ "ސަން"އަށް ބުނީ މި އަހަރުގެ ޕްރޮގްރާމް އެހެން އަހަރުތަކަށް ވުރެ ތަފާތުވެފައި، ފޯރިގަދަ ވާނެ ކަމަށެވެ.
"ސުހާނާގެ ބަދިގެ" ޕްރޮގްރާމަށް "ސަން" އާ އެކު ސޮއި ކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސެއިން
އެގޮތުން އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ޕްރޮގްރާމަކީ ހަމަ އެކަނި ޓީވީ ޝޯއެއް ނޫން ކަމަށް ސުހާނާ ބުންޏެވެ. އެއީ މި އަހަރުގެ ޕްރޮގްރާމުގެ 43 ޓީވީ އެޕިސޯޑް، ސޯޝަލް މީޑިޔާ ވީޑިޔޯގެ ގޮތުގައި ވެސް ދޫކުރާތީ ކަމަށް ސުހާނާ ބުންޏެވެ. ސޯޝަލް މީޑިޔާ ވީޑިޔޯތައް ފެންނާނީ ސުހާނާގެ ފޭސްބުކް، އިންސްޓަގްރާމް، ޓްވިޓާ އަދި އޭނާގެ ކާފު ލައިވް ޔޫޓިއުބް ޗެނަލުންނެވެ.
މި އަހަރުގެ ޕްރޮގްރާމުގެ ޝޯތައް މި މަހުގެ 26 އިން ފެށިގެން ރޯދަމަސް ނިމުމާ ހަމައަށް ޢާންމުންނަށް ފެންނާނެއެވެ.
މީގެ އިތުރުން މި އަހަރުގެ ރަމްޟާން މަހު، ރަށްރަށުގެ މީހުންނާ ގުޅިގެން ކެއްކުމުގެ އެކި ސެޝަންތައް ނެގުމުގެ މަސައްކަތްތަކެއް ވެސް މި ޕްރޮގްރާމުގެ ތެރެއިން ކުރާނެ ކަމަށް ސުހާނާ ބުންޏެވެ.

ސުހާނާ "ސަން" އަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ/ ނާއިލް ހުސެއިން
އެ މަސައްކަތަށް، ރާއްޖޭގެ ހަތަރު ސަރަހައްދަކަށް ދިޔުމަށް ސުހާނާ މިހާރު ވަނީ ނިންމާފައެވެ. އެއީ ހއ. އަތޮޅު އުތީމާއި މާރަންދޫގެ އިތުރުން އައްޑޫ ސިޓީ އާއި ތ. ބުރުނީ އެވެ.
އެ ހަތަރު ސަރަހައްދުގެ ކައުންސިލްތަކާ ގުޅިގެން ޕްރޮގްރާމް ކުރިއަށްގެންދާ އިރު، ކައިރި ރަށްރަށުން ވެސް މި ޕްރޮގްރާމުގައި މީހުން ބައިވެރިވާނެ ކަމަށް ސުހާނާ ބުންޏެވެ. އެގޮތުން މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެކި ރަށްރަށުން ޝައުގުވެރިކަން ފާޅުކުރަމުން ދާ ކަން އޭނާ ފާހަގަކުރިއެވެ.
މީގެ އިތުރުން، މި ޕްރޮގްރާމާ ގުޅުން ހުރި ހަފުލާއެއް އިއްޔެ ދޮން މަނިކު ސްކައި ވިއުގައި ވަނީ ބާއްވާފައެވެ. އެ ހަފުލާގެ ތެރެއިން، "ސުހާނާގެ ބަދިގެ" ޕްރޮގްރާމްގައި ހިމެނޭ ކުޑަކުދިންގެ ސެގްމެންޓަށް ބޭނުންވާ ކުޑަކުދިން ޚިޔާރުކޮށް، އެކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރި ކަމަށް ސުހާނާ ބުންޏެވެ.
"ސުހާނާގެ ބަދިގެ"އަކީ 2021 ވަނަ އަހަރު ފެށި ޕްރޮގްރާމެކެވެ. އަހަރަކަށް ވުރެ އަހަރެއް މި ޕްރޮގްރާމުގެ ފޯރި ގަދަވެ، އާންމުންގެ މެދުގައި މަގުބޫލުވެ، އާންމުން ބަލައިގަންނަ ޕްރޮގްރާމަކަށް މި ޕްރޮގްރާމް ވެއްޖެއެވެ. މި އަހަރުގެ ޕްރޮގްރާމަކީ ވެސް ޢާންމުންނަށް ކަމުދާނެ ޕްރޮގްރާމަކަށް ވާނެ ކަމުގެ ޔަގީންކަން ސުހާނާ ދެއެވެ.