އެއްގައުމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު އިންޝުރެންސް ކުރާ ގަވައިދު މިއަދު ގެޒެޓްކޮށް ކުރިއަށް އޮތް ހަ މަސް ދުވަހު ތެރޭގައި އެ ގަވައިދަށް އަމަލު ކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓް އޮޓޯރިޓީ އިން ބުނެފި އެވެ.

އެ ގަވައިދުގައި ބުނެފައިވާ ގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ ހުރިހާ އުޅަނދެއް އިންޝުރެންސް ކުރަން ޖެހެ އެވެ.

ގަވާއިދުގައި ބުނަނީ ތާޑް ޕާޓީ އިންޝުރެންސު ދޭންވާނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އިންޝޫރެންސް ކުންފުންޔަކުން ކަމަށެވެ. އަދި ގަވައިދުގައިވާ ގޮތުން އެކުސިޑެންޓެއް ހިނގާތާ ހަތް ދުވަހުގެ ތެރޭގައި އިންޝުއަރެންސުގެ ދަށުން އެ އުޅަނދަށް ބަދަލުދޭން ޖެހޭނެ އެވެ.

މިއަދު ގެޒެޓް ކުރި ގަވާއިދުގައިވާ ގޮތުން އިންޝުރެންސް ކުންފުނިތަކުން ބަދަލު ދިނުމުގައި ގެންގުޅެން ޖެހޭނެ އެންމެ ދަށް މިންގަނޑަކީ އުޅަނދަކަށް ލިބޭ ޖިސްމާނީ ގެއްލުންތަކަށް 60000ރ. އެވެ. އަދި މަދަނީ ގެއްލުމަކަށް ބަދަލުގެ ގޮތުގައި 40000ރ. އެވެ. އިންޝުރެންސުގެ ޕުރިމިއަމް ކަނޑައަޅާނީ އެ އިންޝުރެންސް ކުންފުންޏަކުން ކަމުގައި ގަވައިދުގައިވެ އެވެ.
ގަވާއިދުގައިވާ ގޮތުން އިންޝުއަރެންސު ނުކޮށް އުޅަނދެއް ދުއްވާ ނަމަ 750ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު އޮތޯރިޓީ އަށް ލިބިދެ އެވެ.


ޓްރާންސްޕޯޓްގެ އޮޓޯރިޓީގެ ޗެއާމަން އަބުދުއްﷲ ނާފިޒް މިއަދު ވިދާޅުވީ އިންޝުރެންސް ކުންފުނިތަކާ އެކު ބައްދަލުންތަކެއް ބާއްވައި ވީހާ ވެސް ކުޑަ އަގެއްގައި އިންޝުއަރެންސްގެ ހިދުމަތް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއެއް އޭނާ ނުދެއްވަ އެވެ.

"މިއީ މުޅިން ރާއްޖޭގައި އަލަށް ކުރާ ކަމަކަށް ވާތީ ވީހާ ވެސް ލުއި ގޮތެއްގައި މިކަން ކުރުމަށް ޓަކައި އަޅުގަނޑު މެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް މިދަނީ ކުރަމުން" ނާފިޒް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޒިންމާދާރު އިސްވެރިޔާ މުހައްމަދު ރަފީއު ވިދާޅުވީ ތާޑު ޕާޓީ އިންޝުރެންސަކީ ތިމާ އާއި އަނެކާގެ ގެއްލުމަށް ބަދަލު ދިނުމުގެ ގޮތުން ކުރެވޭ އިންޝުރެންސެއް ވަމަށެވެ.

”މި އިންޝުރެންސުގެ ސަބަބުން ގެއްލުން ލިބޭ މީހާ އަށް ބަދަލު ލިބިދެވޭނެ ގޮތެއް ގާއިމު ވެގެންދާނެ." ރަފީއު ވިދާޅުވި އެވެ.

ތާޑު ޕާޓީ އިންޝުއަރެންސުގެ ގަވައިދަށް އަމަލު ކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެނެވެ.