ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަނުގެ ރައީސް ފުޢާދު ތައުފީގު ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހުގައި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި އެ ބުރު ބާއްވާނީ ސެޕްޓެމްބަރު މަހުގެ 30ގައި ކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 280,000އަށް އަރާނެ ކަމަށް އީސީން ލަފާކުރެއެވެ. އެއީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި އަޅާބަލާއިރު 21،000ގެ އިތުރުވުމެކެވެ. އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓު އާންމުކުރާނީ މޭ މަހުގެ ދެވަނަ ދުވަހުއެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖޫން މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.

އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުން ފޯމު ހުށަހެޅުއްވުމުގެ ފުރުސަތު ޖުލައި 23 އިން އޮގަސްޓު 3 އާ ހަމައަށް ހުޅުވާލާނެއެވެ. ކުރިމަތިލާ ބޭފުޅުންގެ ނަންތައް ތަރުތީބު ކުރުމަށް ފަހު، އޯގަސްޓު މަހުގެ 10ވަނަ ދުވަހު ކެމްޕޭން ކުރުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާނެއެވެ. އެ ފުރުސަތު ބަންދުވާނީ ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހެވެ.

މިފަހަރު އިންތިޚާބުގައި މާލޭގައި 145 ވޯޓު ފޮށި، ހުުޅުމާލޭގައި 47، ވިލިމާލޭގައި 10، ރަށްރަށުގައި 327، ރާއްޖޭން ބޭރުގައި 12 ފޮށި ބަހައްޓަން ވަނީ ހަމަޖެހިފައެވެ.