15 Jan 2023, 12:01
ބްރަޒީލިޔާ (15 ޑިސެންބަރު 2022): ބްރެޒިލްގެ ކުރީގެ ރައީސް ޖައިރު ބޮލްސޮނާރޯއަށް ތާއީދުކުރާ ފަރާތްތަކުން އެގައުމުގެ ވެރިކަން ބަޣާވާތަކުން ފޮރޮޅާލުމަށް ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅިގެން ބޮލްސޮނާރޯގެ ވެރިކަމުގައި ޖަސްޓިސް މިނިސްޓަރަކަށް ހުންނެވި އެންޑޮރޮސަން ތޫރިސް ހައްޔަރުކޮށްފިއެވެ.
ބްރެޒިލްގެ ސަރުކާރުން ބުނިގޮތުގައި ތޫރިސް ހައްޔަރުކުރީ ހަމަނުޖެހުން ހިންގާ މީހުންނާ ގުޅުންއޮތްކަމުގެ ހެކި ލިބިގެންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެމެރިކާގާއި އުޅުއްވުމަށްފަހު އެނބުރި ބްރަޒީލިޔާއަށް ވަޑައިގަތުމާއެކު ބްރަޒީލިޔާގެ އެއާޕޯޓުންނެވެ.
ބްރެޒިލްގެ އަމަނާބެހޭ ފަރާތްތަކާ ހަވާލާދީ އެގައުމުގެ ނޫހެއްކަމަށްވާ "ވްލިޔާ ދި ސައުޕާލޯ" ބުނިގޮތުގައި ތޫރިސްގެ ގެ ބަލައި ފާސްކުރުމުން ހަމަނުޖެހުން ހިންގުމަށް ރޭވުމާއިއެކަމަށް ޚަރަދުކުރުމާބެހޭ ލިޔުންތަކެއް އޭނާގެ ގެއިން ފެނިފައިވާ ކަމަށެވެ. މިލިޔުންތަކުގައި ބްރެޒިލްގެ މިހާރުގެ ރައީސް ލޫލާ ދަ ސިލްވާގެ ވެރިކަން ފުރޮޅާލުމަށްޓަކައި ބޮލްސޮނާރޯގެ ސަޕޯޓަރުން ރިޔާސީ ގަނޑުވަރާއި ޕާލަމެންޓްގެ ދެގެއަށާއި އަދި ސްޕްރީމްކޯޓަށް އަރައިގަނެ ހިންގި އެތަންތަނަށް ގެއްލުންދީ ހިންގި ޣައިރު ގާނޫނީ އަމަލުތަކުގައިވެސް ތޫރިސްގެ އަތެއްވާކަން ހާމެވައެވެ. ބްރެޒިލްގެ ރައީސް ދަ ސިލްވާ މިކަން ސިފަކުރައްވާފައިވަނީ އޭނާގެ ވެރިކަން ވައްޓާލުމަށް ހިންގާ ނުރައްކާތެރި ބަޣާވާތެއްގެ ގޮތުގައެވެ.

ހައްޔަރުކުރި ކުރީގެ މިނިސްޓަރު
ބްރެޒިލްގެ ފުލުހުން ތޫރިސްގެ ގެ ބަލައި ފާސްކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. މިލިޔުންތައް ފެނުމާއެކު ބްރެޒިލްގެ ހައިކޯޓުންވަނީ އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައެވެ.
ބޮލްސޮނާރޯ ސަޕޯޓަރުން ރައީސް ދަ ސިލްވާގެ ވެރިކަމާ ދެކޮޅަށް ކުރިއަށްގެންދާ މުޒާހަރާތަކާއި ހަމަނުޖެހުންތައް މިހާރު ކޮންޓްރޯލް ކުރެވިފައިވީނަމަވެސް މުޒަހަރާތައް އަދިވެސް ކުރިއަށް ގެންދެއެވެ. އެމުޒާހަރާތަކުގައި ބަޣާވާތެއް ގެނެސް ދަސިލްވާގެ ސަރުކާރު ވައްޓާލުމުގައި ބައިވެރިވުމަށް ސިފައިންނާއި ފުލުހުންނަށް ގޮވާލަމުން ގެންދާތީ ދަސިލްވާ ވަނީ ބޮލްސޮނާރޯ އަށް ވަފާތެރި ސިފައިންނާއި ފުލުހުން ގައުމުގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި ތިބެދާނެކަމަށް ވިދާޅުވެ ކަންބޮޑވާކަން ހާމަކުރައްވާފައެވެ.
މިއާއެކު ދަ ސިލްވާގެ ސަރުކާރުން ވަނީ ބޮލްސޮނާރޯ އަށް ވަފާތެރި ސިފައިންނާއި ފުލުހުން ދެނެގަނެ އެމީހުން ވަޒީފާއިން ވަކި ކުރުމުގެ މަސައްކަތްތަކެއް ފަށާފައެވެ. ނަމަވެސް މިކަންވެފައިވަނީ ދަތި އުނދަނގޫ ކަމަކަށެވެ.
މިދިޔަ ހަފުތާގައި ބޮލްސޮނާރޯގެ ސަޕޯޓަރުން ބްރެޒިލްގެ ރިޔާސީ ގަނޑުވަރާއި ސުޕްރީމް ކޯޓް އަދި ޕާލަމެންޓްގެ އިމާރާތަށް ވަދެ ހަމަނުޖެހުން ހިންގައި އެތިން އިމާރާތަށްވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު ފުލުހުންގެ ތެރޭގައި މިކަމަށް އެއްބާރުލުން ދޭ ބަޔަކު ނެތްނަމަ އެމީހުންނަށް އެތިން އިމާރާތަށް ވަދެނުގަނެވުނީސް ކަމަށް ބްރެޒިލްގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވައެވެ.
ބްރެޒިލްގެ ނޫހެއްކަމަށްވާ "ވްލިޔާ ދި ސައުޕާލޯ" ބުނާގޮތުން ހަމަނުޖެހުން ހިންގާ މީހުންނަށް ސިއްރުން އެއްބާރުލުން ދޭކަމަށް ބޮޑަށް ތުހުމަތު ކުރެވެނީ މިލިޓްރީ ފުލުހުންގެ މައްޗަށެވެ. ބޮލްސޮނާރޯގެ ސަޕޯޓާރުން އެތިން އިމާރާތަށް ވަދެގަނެ އެތަންތަނަށް ގެއްލުންދީ ހަމަނުޖެހުންތައް ހިންގަމުން ގެންދިޔައިރު ފުލުހުންނާ އަދި މިލިޓްރީ ފުލުހުން ތިބީ އެކަމާ އަޅާނުލައި ކުޅި ބަލަންކަމަށާއި އެކަން ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމުގެ ތުހުމަތު ސަލާމަތީ ބާރުތަކުގެ މައްޗަށްވަނީ ކުރެވިފައެވެ.
ބޮލްސޮނާރޯގެ ސަޕޯޓަރުން އެތިން އިމާރާތުން ނެރެ ހަމަނުޖެހުންތައް ކޮންޓްރޯލްކުރީ ރައީސް ދަ ސިލްވާގެ އަމުރަށް ބްރެޒިލްގެ ފެޑްރަލް ސިފައިންނެވެ. ފުލުހުންނާ އަދި މިލިޓްރީ ފުލުހުން އެއްބާރުލުން ދޭންފެށީ ފެޑްރަލް ސިފައިން ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ފެށުމުންނެވެ.
ރައީސް ދަސިލްވާ ވަނީ ހަމަނުޖެހުންތަކަށް ހިއްވަރުދީ ބަޣާވާތަކަށް މަގުފަހިކުރުމަށް މަސައްކަތްކުރި އެތަށް ބަޔަކު އަސްކަރީ ފުލުހުންގެ ތެރޭގައި ތިބިކަމުގެ ތުހުމަތު ރަސްމީގޮތުން ކުރައްވާފައެވެ. އަދި ހަތިޔާރު އެޅި ސިފައިންގެ ތެރެއިން ބައެއްމީހުންވެސް ބޮލްސޮނާރޯގެ ސަޕޯޓަރުންނަށް އެއްބާރުލުން ދިންކަމަށް ތުހުމަތު އޭނާ ކުރެއްވިއެވެ.
މިދިޔަ އޮކްޓޯބަރު މަހު ބްރެޒިލްގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮލްސޮނާރޯ ބަލިވެވަޑައިގެންނެވި ނަމަވެސް އޭނާވަނީ ބަލި ގަބޫލުކުރަން ދެކޮޅު ހައްދަވައި ވޯޓު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ އިންތިޚާބުގެ ނަތީޖާ ބަގޫލުކުރަންވެސް ދެކޮޅު ހައްދަވާފައެވެ. އަދި ބޮލްސޮނާރޯ ވަނީ ބްރެޒިލްގެ ގާނޫނު އަސާސީ އުވާލައި ވެރިކަމުގެ މުއްދަތު ހަމަވުމަށްފަހުވެސް ގަދަބާރުން ވެރިކަމުގައި ހުންނަވަންވެސް ނާކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައެވެ.
ނަމަވެސް ބްރެޒިލްގެ ސިފައިންނާއި ފުލުހުންގެ ގިނަ ބައެއްގެ ތާއީދު ނުލިބުމުން ބޮލްސޮނާރޯއަށް މިކަން ނުކުރެއްވުނީއެވެ. ބަޣާވާތަށް މަގުފަހި ކުރުމަށްޓަކައި އިންތިޚާބު ބާތިލުކުރުމަށް ބްރެޒިލްގެ ސިފައިންނާއި ފުލުހުންނަށް ގޮވާލައި ބޮލްސޮނާރޯގެ ސަޕޯޓަރުން އޭނާގެ ވެރިކަމުގެ ފަހުދުވަސްކޮޅު ސިފައިންގެ މައި މަރުކަޒުގެ ބޭރުގައި އެތައް ހަފުތާއެއްވަންދެން މުޒާހަރާކުރިއެވެ. ނަމަވެސް އެކަމާދެކޮޅަށް ފުލުހުންވެސް އަދި ސިފައިންވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.