15 Jan 2023, 09:03
ތަފާތު އެކި މައްސަލަތަކުގައި ހިމެނޭ ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ސިއްރު ހަފުލާއެއްގައި ކައިވެނިކޮށްފައިވާ ކަން ހާމަވެއްޖެއެވެ.
އެންޓި ސެމިޓިކް ކޮމެންޓުތަކަކާ ގުޅިގެން ބޮޑެތި ކުންފުނިތަކުން ގުޅުން ކަނޑާލާފައިވާ ކާންޔޭ ވީނުވީއެއް ނޭނގި އުޅެނިކޮށް ފެނިފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. ނަމަވެސް ކާންޔޭ ފެނުނު އިރު މިހާރު ދައްކަމުން އަންނަނީ މުޅިން ތަފާތު ވާހަކައެކެވެ.
އެމެރިކާގެ މުނިފޫހިފިލުވުމާ ގުޅޭ ނޫހެއް ކަމަށްވާ "ޓީއެމްޒީ"އަށް އެނގިފައިވާ ގޮތުގައި ކާންޔޭ ފެނުނު އިރު އޭނާ ކައިވެނިކޮށްފައިވާ ވާހަކަތަކެއް އިވެންފެށިއެވެ. އެންމެފަހުން އެކަން ހަގީގަތަކަށް ވެފައިވާ ކަމަށް ޓީއެމްޒީއިން ބުނެއެވެ.
ޓީއެމްޒީއިން ބުނެފައިވަނީ ކާންޔޭ ވަނީ ބިއަންކާ ސެންސޯރީ ނަމަކަށް ކިޔާ އަންހެނަކާ ކައިވެނިކޮށްފައިވާ ކަމަށެވެ. ދެމީހުން ކައިވެނީގެ ހަފުލާ ބޭއްވި ނަމަވެސް ކައިވެނީގެ ސެޓްފިކެޓަށް އަދި ހުށަހަޅާފައިނުވާ ކަމަށް ޓީއެމްޒީއިން ބުނެއެވެ.
https://twitter.com/SaycheeseDGTL/status/1613959587081736194
ދެމީހުން ސިއްރުން ބޭއްވި ހަފުލާގައި ބައިވެރިވެފައިވަނީ ކޮން ބައެއް ކަމެއް ހާމަވެފައެއް ނުވެއެވެ.
ކާންޔޭ ކައިވެނި ކުރި ބިއާންކާ އަކީ އާކިޓެކްޗުރަލް ޑިޒައިނަރެކެވެ. ދެމީހުންނަށް އެކަކު އަނެކަކު އެނގޭތާ ވަރަށް ދުވަސް ވެއްޖެ ކަމަށް ޓީއެމްޒީއިން ބުނެއެވެ. އެއީ އެޑިޑާސްގެ ދަށުން ކާންޔޭ ކުރިން ހިންގި "ޔީޒީ" ބްރޭންޑުގައި އެތައް އަހަރެއް ވަންދެއް މަސައްކަތް ކޮށްފައިވާ ޑިޒައިނަރެކެވެ.
"ސެންސޯރީ އޯވަލޯޑު"ގެ ނަމުގައި ކާންޔޭ ވަނީ މިދިޔަ މަހު ލަވައެއް ނެރެފައެވެ. ބިއަންކާގެ ފަހަތު ނަމާ އެއްގޮތް ކޮށް ލިޔެ ތައްޔާރުކުރި މި ލަވައަކީ ބިއަންކާއަށް ހާއްސަކޮށްފައިވާ ލަވައެކެވެ.
މިއީ ކާންޔޭގެ ދެވަނަ ކައިވެންޏެވެ. ކާންޔޭ ފުރަތަމަ ކައިވެނިކޮށްފައިވަނީ މަޝްހޫރު ރިއެލިޓީ ތަރި ކިމް ކާޑޭޝިއަން އާއެވެ. ދެމީހުން 2014ވަނަ އަހަރު ކައިވެނިކުރިއިރު ވަރީގެ ކަންތައް އެއްކޮށް ފައިނަލްވެ އެންމެ ފަހުން ވަރިވެފައިވަނީ މިދިޔަ އަހަރު ފަހުކޮޅުގައެވެ.