ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް، އެންމެ މަތީ ފަންތީގެ ޕްރޮފެޝަނަލް ޚިދުމަތަކަށް ހެދުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ރޭ ބޭއްވި ފުލުހުންގެ 34ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ, ފުލުހުންނަކީ ރައްޔިތުންގެ ޚިދުމަތުގައި ތިބޭ ބައެއް ކަމަށާއި ފުލުހުންގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުން ކަމަށެވެ.

ފުލުހުންގެ ކޮންމެ އޮފިސަރަކީވެސް، އެމީހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ރައްޔިތުންގެ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ނެގެހެއްޓުމަށް މަސައްކަތްކުރާ ފުލުހަކަށް ވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގަންނަވާފައެވެ.

"ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް އެންމެ މަތީ ފަންތީގެ ޕްރޮފެޝަނަލް ޚިދުމަތަކަށް ހެދުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް." ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާގެ ޕްރޮފެޝަނަލްކަމާއި ޤާބިލްކަމާމެދު، ބައިނަލްއަޤުވާމީ މުޖުތަމަޢުގައިވެސް އިތުބާރާއި ޔަޤީންކަން އޮތްކަން ފާހަގަކޮށް ރައީސް ވިދާޅުވީ, އިންޓަޕޯލްގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ، ބައިނަލްއަޤުވާމީ ޞުލްޙަޔާއި ހަމަޖެހުން ޤާއިމުކުރުމުގައި މުހިންމު މަސައްކަތްތަކެއްކޮށް، އެހެން ޤައުމުތަކަށް މިސާލު ދައްކަމުން ކަމަށެވެ.

ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ފުލުހުންގެ ޚިދުމަތް ދެވޭނީ، ކޮންމެ މުޖުތަމަޢެއްގައި ވެސް ހުރި، އެ ބަޔަކު އެންމެ ކަންބޮޑުވާ ކަންކަން ޙައްލުކުރުމަށް އަމާޒު ހިފައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަވަށްޓެރި ފުލުހުންގެ ނިޒާމުގެ ބޭނުމަކީވެސް އެއީ ކަމަށާއި ލާމަރުކަޒީ އުޞޫލުން ފުލުހުންގެ ޚިދުމަތް ދީގެން، ކުށްމަދު އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކަނޑައެޅި ސިޔާސަތު ތަންފީޒު ކުރުމަށް ވެސް ފަސޭހަ ނިޒާމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ފުލުހުންގެ މަސައްކަތަކީ ކޮންމެ ދުވަސްވަރެއްގައި ވެސް އެއިރެއްގެ ޙާލަތަށް ބަލާއިރު ގޮންޖެހުން ގިނަ އަދި ބުރަ މަސައްކަތެއް. މީގެ އެތައް އަހަރެއް ކުރިން ފެށިގެން މިއަދާ ހަމައަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަ. ގޮންޖެހުންތައް ކިތަންމެ ގިނަޔަސް މަސްތުވާތަކެތީގެ ވިޔަފާރިއާއި އެ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުންނާއި ތަންފީޒީ އިދާރާތަކުން މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ," ރައީސް ވިދާޅުވިއެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަކީ ފުލުހުންގެ ޚިދުމަތުގެ ވަރަށް މުހިންމު ބައެއްކަން ފާހަގަކޮށް ރައީސް ވިދާޅުވީ, އެފަދަ މައްސަލަތަކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުވަމުންދާ ވަރަކަށް، އެފަދަ މައްސަލަތައް ސިއްރުނުކޮށް ރިޕޯޓްކުރާ ޢަދަދު އަންނަނީ އިތުރުވަމުން ކަމަށެވެ.

އައްޑޫ ސިޓީގައި ޤާއިމްކުރި ނޭޝެނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ބޭއްވި 34 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ:މޯލްޑިވްސް ޕޮލިސް

"އެކަމުގެ ސަބަބުން އެފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑަށް ފަސޭހަވެގެންދޭ. އަދި އެފަދަ އަނިޔާތަކުގެ ޝިކާރައަކަށްވާ މީހުންނާއި ކުދިންނަށް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވެސް މަގު ފަހިވެގެންދޭ," ރައީސް ވިދާޅުވިއެވެ.

ފުލުހުންނަށް ހުރި ގޮންޖެހުންތައް އަދިވެސް ވަރަށް ގިނަކަން ފާހަގަކޮށް ރައީސް ވިދާޅުވީ, އޭގެ ތެރެއިންވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަންވީ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ފުލުހެއްގެ ހައިސިއްޔަތުން ދަމަހައްޓަންޖެހޭ ޕްރޮފެޝަނަލިޒަމް ދަމަހައްޓަން ކަމަށެވެ.

"ތިޔައިން ކޮންމެ ފުލުހެއްގެ ހަނދާނުގައި ބަހައްޓަންވީ ކަމަކީ، ފުލުހުންގެ އިދާރާއަކީ ވެސް ބޮޑު އެއް ޢާއިލާކަން. މި ޢާއިލާގެ ބަދަހިކަމާއި، ރީތި ނަން ދެމެހެއްޓުމަކީ، ތިޔައިން ކޮންމެ ފުލުހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް," ރައީސް ވިދާޅުވިއެވެ.

އެންމެ ފުލުހަކަށް ހެދޭ ގޯހަކުން ވެސް، މުޅި މުއައްސަސާގެ އަގު ވެއްޓިގެން ހިނގައިދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ކަމެއްގެ ސަބަބުން ފުލުހުންގެ ޚިދުމަތާމެދު ކުރާ އިތުބާރާއި ޔަޤީންކަމަށް ބުރޫއަރާފާނެކަން އެމަނިކުފާނު ހަނދާން ކޮށްދެއްވިއެވެ. ތަމްރީނު ފުރިހަމަ ކުރައްވައިގެން ޚިދުމަތަށް ނުކުންނަވާ ހުރިހާ ފުލުހުންވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަންވީ އެއް ކަމަކީ، ފުލުހުންނާ މެދު އޮންނަ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.