16 Jan 2023, 09:53
ޕާކިންސަންސް ބައްޔަށް ފަރުވާއެއްގެ ގޮތުގައި ކުރީގެ ކަފްސިރަޕެއް ސައިންސްވެރިން ޓެސްޓް ކުރަމުންދާކަމަށް އޮންލައިން ރިޕޯޓްތައް ބުނެފިއެވެ.
އިންފްލުއެންޒާ އާއި ޕާކިންސަންސް ބައްޔަށް ފަރުވާ ކުރުމަށް މިބޭހުގެ ބޭނުން ކުރެވިދާނެތޯ ޓެސްޓް ކުރަމުންދާ މި ބޭހަކީ ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ބޭހެއް ނަމަވެސް އާ ދިރާސާތަކުން ދައްކާ ގޮތުގައި ޕްރޮގްރެސިވް ނިއުރޯޑިޖެންރޭޓިވް ޑިސްއޯޑާގެ އަލާމާތްތަކަށް ވެސް ފަރުވާ ދިނުމުގައި މި ބޭސް ބޭނުން ކުރެވިދާނެއެވެ.
ޕާކިންސަން ބައްޔަކީ ސިކުނޑީގެ އުދަނގޫތަކުގެ ސަބަބުން ނޭދެވޭ ނުވަތަ ކޮންޓްރޯލް ނުކުރެވޭ ފަދަ ހަރަކާތްތަކެއް ކުރުމާއި، ތުރުތުރު އެޅުމާއި، އަދި ބެލެންސް އާއި ކޯޑިނޭޝަން އަށް ދަތިވުން ފަދަ އަލާމާތްތައް ފެންނަ ބައްޔެކެވެ. އާންމުކޮށް އަލާމާތްތައް ފެށެނީ މަޑުމަޑުން ކަމަށްވިޔަސް ގިނަދުވަސް ވަމުންދާ ވަރަކަށް ބަލިބޮޑުވަމުންދެއެވެ. މިބަލި ބޮޑުވަމުންދާވަރަކަށް އެފަދަ މީހުންނަށް ހިނގާބިނގާވެ ވާހަކަ ދެއްކުމުގައި ދަތިތަކެއްވެސް ކުރިމަތިވެދާނެއެވެ.
އިނގިރޭސި ވިލާތުގެ ސައިންވެސްރިން ކުރިއަށްގެންދާ މިދިރާސާގައި ޕާކިންސަން ބަލީގެ 300 މީހުން ބައިވެރިވެފައިވާއިރު، މިއީ 1970ގެ އަހަރުތަކުގެ ފަހުކޮޅުއްސުރެ ކެއްސުމަށް ދޭ ބޭހެއްގެ ގޮތުގައި އާންމުކޮށް ބޭނުން ކުރަމުން އަންނަ ބޭހެކެވެ. މިދިރާސާގައި އިސްކޮށް އުޅުއްވާ ސައިންސްވެރިން ބަޔާންކޮށްފައިވާ ގޮތުގައި މި ޓްރަޔަލްތަކަކީ ޕާކިންސަންސް ބައްޔާ ގުޅުން ހުރި ކަންކަމާއި އެހެނިހެން މޮޓޯ އަލާމާތްތަކަށް ފަރުވާ ދިނުމުގައި މިބޭހުގެ ރައްކާތެރިކަމާއި އަސަރު ހުރި މިންވަރު ދެނެގަތުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޓްރަޔަލްތަކެކެވެ. އަދި މި ބޭހުގެ ސަބަބުން ބަލި ފެތުރުން ލަސްވެ، ބަލި މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރެވިދާނެތޯ ވެސް މި ދިރާސާތަކުން ބަލާނެއެވެ.
މިބޭހުން މަސައްކަތް ކުރަނީ ހަރަކާތް ކޮންޓްރޯލް ކުރުމަށް ޒިންމާވާ ސިކުނޑީގައި ހުންނަ ކެމިކަލް މެސެންޖަރެއް ކަމަށްވާ ޑޮޕަމައިންގެ މިންވަރު އިތުރުކޮށްގެން ކަމަށް ބެލެވެއެވެ. ޕާކިންސަންސް ބަލީގައި ސިކުނޑީގައި ޑޮޕަމިން އުފައްދާ ސެލްތައް މަރުވެ، ޑޮޕަމައިން ލެވެލް ދަށްވެ، މޮޓޯގެ އަލާމާތްތައް އުފެދެއެވެ. ޑޮޕަމައިން ލެވެލް އިތުރުކުރުމުން މިބޭހުގެ ސަބަބުން މި އަލާމާތްތައް ލުއިކޮށްދީ، އަސަރުކުރާ ސެލްތަކުގެ މަސައްކަތް ރަނގަޅުކޮށްދެއެވެ.
ކްލިނިކަލް ޓްރަޔަލްތައް ގިނަ މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، މިއީ މިބޭހުގެ ތިންނަވަ ޓަރަޔަލް މަރުޙަލާއެވެ. މި މަރުހަލާގައި ނަތީޖާ އުއްމީދީ ނަމަ ޕާކިންސަންސް ޑިޒީޒްގެ ފަރުވާއެއްގެ ގޮތުގައި މިބޭސް ބޭނުން ކުރުމުގެ ހުއްދަ ހޯދުމަށްފަހުވެސް މި ބޭސް ފަރުވާއެއްގެ ގޮތުގައި އާއްމުކުރުމުގެ ކުރިން ވަކި ޚާއްޞަ މަރުހަލާ ތަކެއްގައި އަދިވެސް ގިނަދުވަސްތަކެއް ވަންދެން ބޭނުންކުރާނެއެވެ.
ސައިންސްވެރިންގެ މިދިރާސާގެ އިބްތިދާއީ ނަތީޖާތަކަކީ ހިތްވަރު ލިބޭ ނަތީޖާތަކެއް ކަމަށާއި ޕާކިންސަންސް ބައްޔަށް އާ ފަރުވާއެއްގެ ގޮތުގައި މިބޭހުގެ ބޭނުން ކުރެވިދާނެކަމުގެ ފުރުސަތު އޮންނާނެ ކަމަށް ސައިންސެވެރިން އުންމީދުކުރެއެވެ.