12 Apr 2012, 17:20
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު(ކާނަލް) އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ކުރިމަތި ލައްވައިފި އެވެ.
އެމްޑީޕީން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެމުން އެ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލްވުމުގައި ޕާޓީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލިހުގެ މެންބަރު މުހައްމަދު މާހިރު އީސާ ވިދާޅުވީ ޗެއާޕާސަން ކަމަށް މޫސާ މަނިކު ކުރިމަތިލެއްވި އިރު މޫސައަށް ތާއިދުކުރާ 900 އެއްހާ ބޭފުޅުންގެ ސޮއި ހުށައަޅުއްވާފައިވާ އިރު ކާނަލް އަށް ތާއިދުކުރާކަމަށް ހުށައަޅާފައި ވަނީ 90 ވަރަކަށް ބޭފުޅުންގެ ސޮއިކަމަށެވެ. އަދި ފޯމްތައް ޗެކްކުރުމަށް ފަހު ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތްތައް އިއުލާން ކުރާނެ ކަމަށް ވެސް މާހިރު ވިދާޅުވި އެވެ.
"ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ ދެ ބޭފުޅުންގެ ތެރެއިން މޫސާ މަނިކު އެބަހުރި ގާތްގަޑަކަށް 979 މީހުން ތާއިދުކުރާކަމަށް ފޯމް ހުށައަޅާފައި. ކާނަލް ހުށައަޅާފައިވާ ތާއިދުކުރާ ފޯމްތައް މިވަގުތައް ބަލާލި އިރު 97 ފޯމް ހުށައަޅާފައި ވަނީ ދެން ހުރީ ރިޕީޓް ވެފައި ހުރި ފޯމްތަކެއް،" މާހިރު ވިދާޅުވި އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޗެއާޕާސަން މަގާމަށް ކުރިމަތިލާ ނަމަ އެފަރާތަކަށް ތާއީދު އޮންނަ ކަމަށް ބަޔާންކޮށް 300 މެންބަރުންގެ ސޮއި ހުށަހަޅަން ޖެހެ އެވެ.
ޗެއާޕާސަންގެ އިތުރުން ޗެއާޕާސަންގެ ނައިބު އިދާރީ މަގާމަށް ކުރިމަތިލައްވާފައި ވަނީ ހަމައެކަނި ސ. މަރަދޫ ފޭދޫ އަލަނާސިގެ އަލީ ސިޔާމް އެވެ. މީގެ އިތުރަށް ވެލިދޫ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ ވެލިދޫ އަމަން އަބުދުﷲ ޔާމީނާއި ދަފުތަރު 6981 އަބުދުﷲ މުހައްމަދު އެވެ. ގއ. ވިލިގިލީ ދާއިރާގެ ރައީސްކަމަށް ކުރިމަތިލައްވާފައި ވަނީ ގ. ފުލޯވީގެ ސަމީރު އަހުމަދާއި ކޮލަމާފުށީ އޯކިޑް ވިލާ އަބުދުﷲ ތަސްލީމް އެވެ. ލ. ފޮނަދޫ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ ގ. ދޫރެސްވިލާ މުހައްމަދު ޒާހިރު(އޯކޭ ޒާހިރު) އާއި ލ. މާމެންދޫ ފިތުރޯނުވިލާ މުހައްމަދު ޝިޔާމާއި، ގ. ޗާންދަނީމާގޭ ހަސަން ސުޖާއާއި، މ. ސޮނޯޑައުން މުހައްމަދު ނަސީރު އިބްރާހިމް އެވެ.
އެމްޑީޕީން ބުނީ އެޕާޓީގެ އިންތިހާބު އޮންނާނީ އަންނަ ޖޫން މަހުގެ ދެ ވަނަ ދުވަހު ކަމަށާއި އެ ދުވަހު ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ބާއްވާ އިންތިހާބު ވެސް އޮންނާނެ ކަމަށެވެ. ރިޔާސީ ކެނޑިޑޭޓަކަށް ކުރިމަތިލައްވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.