15 Jan 2023, 09:07
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްވި ފިލްމު "ތޭންކް ގޯޑް"ގެ ޕްރޮޑިއުސަރުގެ އިތުރު ހުށަހެޅުމެއް އެކްޓަރު ސިދާތަށް ލިބިއްޖެއެވެ.
އެކްޓަރު ސިދާތު މަލްހޯތްރާގެ އިތުރުން އަޖޭ ދޭވްގަން، ރަކުލް ޕްރީތް އަދި ހިތްގައިމު ލަވައަކުން ނޯރާ ފަތޭހީ ފެނުނު މިފިލްމު ބޮކްސް އޮފީހުގައި ރޭޓްކޮށްފައިވަނީ އެވްރެޖް ފިލްމެއްގެގޮތުގައެވެ. ފިލްމުގެ މިއުޒިކަށް ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ލިބުނުއިރު ފިލްމުގެ ވާހަކައަށް ވެސް ބެލުންތެރިންގެ ތަރުޙީބުވެސް ލިބުނެވެ.
ޚަބަރު ލިބޭގޮތުގައި ފިލްމުގެ ޕްރޮޑިއުސަރު ކުރިއަށް އުފައްދަން ގަސްތުކުރާ ލޯބީގެ ކޮމެޑީ ފިލްމަށް ސިދާތް މަލްހޯތްރާ ގެންނަންވަނީ މަޝްވަރާކުރެވިފައެވެ. މިފިލްމާބެހޭ މަޝްވަރާތައް ކުރެވިފައިވަނީ، "ތޭންކް ގޯޑް"ގެ ފަހު ޝެޑިއުލްގެ މަސައްކަތްކުރިޔަށްދިޔަ ދުވަސްވަރުކަމަށް ރިޕޯޓުތައް ބުނެއެވެ. އޭރު ފިލްމަށް އަނގަބަހުން އެކްޓަރު އެއްބަސްވެފައިވާކަމަށްވެސް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ. ފިލްމުގައި ސިދާތު ފެނުނީ ލީޑް ރޯލްއިންކަމަށް ރިޕޯޓުތަކުގައި ބުނެފައިވާއިރު މިފިލްމަކީ، ބޮޑު ކާސްޓެއް ހިމަނައިގެން އުފައްދަން ނިންމާފައިވާ ފިލްމެކެވެ. މިފިލްމާބެހޭ ރަސްމީ އެނައުންސްމަންޓްތައް މީޑިއާއަށް ހާމަކުރުމަށް ވަރަށް އަވަހަށް ނިންމާފައިވާކަމަށާއި ފިލްމުގެ ލިޔެކިޔުންތަކުގެ މަސައްކަތް ނިމޭހާ އަވަހަކަށް ފިލްމު އިޢުލާނުކުރާނެކަމަށްވެސް ނޫސްތަކުގައިވަނީ ލިޔެފައެވެ.
އެކްޓަރު ސިދާތް މަލްހޯތްރާގެ ކުރިއަށްހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ އަވަހަށް ސިދާތު ފެންނާނީ ކުރިއަށްއޮތް ފިލްމު "މިޝަން މަޖްނޫ"އިންނެވެ. މިފިލްމުގައި ސިދާތްއާއެކު ފެނިގެންދާނީ ބަތަލާ ރަޝްމިކާއެވެ. ހަމައެއާއެކު ބަތަލާ ދިޝާ ޕަޓާނީއާއި ސައުތް ސިނަމާގެ ބަތަލާ ރާޝީ ކަންނާއާއެކު ފެންނަ ފިލްމު "ޔޯދާ"އަކީވެސް މިއަހަރު ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ސިދާތްގެ އުއްމީދީ ފިލްމެކެވެ.