ދެކުނު އޭޝިއާގެ ބާސްކެޓް ފެޑްރޭޝަން (ސާބާ)ގެ ރައީސަކަށް ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ)ގެ ރައީސް، އަހުމަދު އާދަމް އިންތިޚާބުވެއްޖެއެވެ.

ސާބާގެ ރައީސަކަށް އެޑަމް އިންތިޚާބުވީ މިއަދު ބޭއްވި ސާބާގެ ކޮންގްރެސްގައެވެ. އެ ކޮންގްރެސްގައި ރާއްޖޭގެ އިތުރުން ނޭޕާލް، ބަންގްލަދޭޝް ސްރީލަންކާއިން ވަނީ ބައިވެރިވެފައެވެ.

ސާބާގެ ރައީސްގެ މަގާމަށް އެޑަމްގެ ނަން ހުށަހަޅާފައިވަނީ ބަންގަލަދޭޝްގެ ފަރާތުންނެވެ. އެ ހުށަހެޅުމަށް ކޮންގެރެސްގައި ބައިވެރިވި ހުރިހާ ގައުމަކުން ވަނީ ތާއީދުކޮށްފައެެވެ.

އެޑަމް ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސްކަމާ ހަވާލުވީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން ރާއްޖޭގެ ބަސްކެޓު ކުރިއެރުވުމަށް އޭނާ ވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ.

އެގޮތުން ބާސެކެޓުގެ އަންހެން ޓީމު އަދި ޖޫނިއާ ޓީމުތައް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއް ދީގެން އެޑަމް ވަނީ ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން ހުރިހާ ކުޅިވަރު ހުއްޓާލިއިރު ވެސް ބާސްކެޓު ޓީމުގެ ކުޅުންތެރިންނަށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު އެޑަމް ވަނީ ފަހިކޮށްދީފައެވެ.

އެ ކޮންގްރެސްގައި ސާބާގެ ޖެނެރަލް ސެކެޓްރީގެ މަގާމަށް ވެސް ވަނީ މީހަކު އިންތިޚާބުކޮށްފައެވެ. އެ މަގާމަށް އިންތިޚާބުކުރީ އިންޑިއާގެ ޗަންދްރަމުކީ ޝަރުމާއެވެ.