12 Apr 2012, 16:41
ތިލަފުށީގެ ބިން ހިއްކުމަށް، ހަވާލުކޮށްފައިވާ ހެވީ ލޯޑުން ޕްރޮޖެކްޓް ގެރެންޓީއެއްގެ ގޮތުގައި ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އަށް ދޫކޮށްފައިވާ 16.1 މިލިއަން ރުފިޔާގެ ޗެކަށް ކޭޝްކުރަން ހުށަހެޅުމުން އެ ޗެކް ބައުންސް ވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ޓެކްނިކަލް ފައިނޭންޝިއަލް އެޑްވައިޒާ ޓުދަ މިނިސްޓަރު، އަލީ ޝަރީފް ސަން އޮންލައިންއަށް މިއަދު ވިދާޅުވީ އެ ޕްރޮޖެކްޓްގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމުގެ ކުރިން އަލުން މަސައްކަތް ފެށުމުގެ ގެރެންޓީއެއްގެ ގޮތުން 16.1 މިލިއަން ރުފިޔާގެ ޗެކެއް ހެވީލޯޑުން ޓީސީއެލްއަށް ދޫކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ގައި ކަމަށާއި ޗެކްގެ މުއްދަތު ހަމަވެފައިވަނީ މިއަދު ހަވީރު 3:00 ޖެހިއިރު ކަމަށެވެ. ޝަރީފް ވިދާޅުވީ އެ މަސައްކަތް އަދިވެސް ނުފަށާތީ ހެވީލޯޑުގެ ގެރެންޓީ ދަމަހައްޓަން ޖެހޭނޭ ކަމަށާއި އެ ޗެކްގެ މުއްދަތު އިތުރުކުރުމަށް މިިދިޔަ އާދިއްތަޔާ ހަމައަށްހެވީލޯޑަށް ފުރުސަތު ދިން ކަމަށެވެ. އެކަމަށް ހެވީލޯޑުން އިޖާބަދީފައި ނުވާކަމަށްވެސް ވިދާޅުވި އެވެ.
"އެބޭފުޅުން މުއްދަތު އިތުރުކޮށްދެއްވާނަމޭ ވިދާޅުވި. ނަމަވެސް މިއަދާ ޖެހެންދެންވެސް އިތުރުކޮށްދީފަ އެއްނެތް. އެހެންވެ އަޅުގަނޑުމެން ޗެކްގެ މުއްދަތު ހަމަވުމުގެ ކުރިން ކުރިއާލާ ކޭޝްކޮށްފައި ގެރެންޓީގެ ގޮތުގައި ފައިސާ ބަހައްޓަން އުޅުނީ. އެކަމަކު ޗެކް ބައުންސް ވެގެން އައިސްފައި އެބަ އޮތް،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޗެކަށް ފައިސާ ނަގަން ޗެކް ފޮނުވީ މިދިޔަ ހޯމަދުވަހު ކަމަށާއި ނަމަވެސް އެ ޗެކް ބައުންސްވިކަން އެންގީ މިއަދު ކަމަށެވެ. އަދި ވިދާޅުވީ މަސައްކަތް ނުފެށެނީސް އެ ސެކިއުރިޓީ ދޫކޮށްލެވެން ނޯންނާނޭ ކަމަށާއި ހެވީލޯޑުން އާ ޗެކެއް ނޫނީ ޗެކަށް ވާ ފައިސާ ޓީސީއެލްގެ އެކައުންޓްގައި ބަހައްޓަން ޖެހޭނެ ކަމަށެވެ.
"އެހެން ވުމާ އެކު އަޅުގަނޑުމެން މިދަނީ އެކަމާ މެދު އަޅާނެ ގާނޫނީ ފިޔަވަޅެއް ހޯދަމުން. ކޮންމެ ގޮތެއްވިޔަސް އެބަޖެހޭ އެ ގެރެންޓީ ރިނިއު ކުރަން. އެބޭފުޅުން ވެސް ވިދާޅުވެފައި އޮތީ ކޮށްދޭނަމޭ. އެކަމަކު އަދިވެސް ޖަވާބެއް ނާދޭ،" ޝަރީފް ވިދާޅުވި އެވެ.
ޓީސީއެލްއިން ބުނީ އެ ޗެކަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ އެކައުންޓަކުން ދޫކޮށްފައިވާ ޗެކެއް ކަމަށެވެ. އެ ޗެކްގައިވާ 16.1 މިލިއަން ރުފިޔާއަކީ 21 މިލިއަން ޑޮލަރުގެ އެ ޕްރޮޖެކްޓުގެ ފަސް ޕަސެންޓް ފައިސާ އެވެ.
ތިލަފުށީ ޕްރޮޖެކްޓަކީ ޕްރޮޖެކްޓް ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަންގާފައި ވަނިކޮށް ފައިސާގެ މައްސަލަތަކެއް ދިމާވެ އެ ޕްރޮޖެކްޓް މެދުކަނޑާލީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އެ ޕްރޮޖެކްޓާ ގުޅޭ މައްސަލަތަކެއް އޭސީސީ އަދިވެސް ބަލަމުންދާ އިރު ސިވިލް ކޯޓުގައި ވެސް އެ ޕްރޮޖެކްޓާ ގުޅޭ މައްސަލައެއް ކުރިއަށްދެ އެވެ.