ސ. ހިތަދޫން، މުހައްމަދު ނާއިލް ހަފީޒް

އެމްޑީޕީގެ ވެރިކަމެއްގެ ދެވަނަ ދައުރެއް ގެނެސް، ތަރައްގީ ގެނެވޭނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ހޮވައިގެންކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ބޭއްްވި ހިތަދޫ ދެކުނު ދާއިރާގެ ޑޯޓުޑޯ ހަރަކާތަށްފަހު ރައްޔިތުންނާ ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އައްޑޫއަށް ގެންނަ ތަރައްގީ ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ޓަކައި އެމަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކޮށްދިނުން މުހިންމު ކަމަށެވެ.

"އަޅުގަނޑަށް އިރާދަކުރެއްވިޔާ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މި އިންތިޚާބު ބޮޑުތަނުން ކާމިޔާބުވާނެކަމަށް. އެގޮތަށް އެކަން ގަބޫލުކުރެވެނީ މި ސަރުކާރު ވެރިކަމަށް އައިސް މި ހޭދަވި ހަތަރު އަހަރުގެ ތެރޭގައި ކޮވިޑުގެ ދަތިކަމާއެކީގައި އެ ދިޔަ ދެ އަހަރު ވެސް ހިމަނައިގެން އަޅުގަނޑުމެން އެކި ދާއިރާތަކަށް ކޮށްދެމުން އަންނަ މަސައްކަތް އެއީ ރައްޔިތުން ގަބޫލުކުރާ ރައްޔިތުން ބޭނުންވެފައި ހުރި ކަންތައްތަކެއްކަމަށް ވާތީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ރައްޔިތުން ބޭނުންވެގެން ކުރާ މަސައްކަތްތަކެއްކަމަށެވެ.

ރައްޔިތުން ދެކޭ ގޮތުގައި ތަރައްގީ ރާއްޖެއަށް ގެނެވޭނީ ވެރިކަމުގައި އެމްޑީޕީ އޮވެގެންކަމަށް ވެސް ވިދާޅުވިއެވެ. އަދި ވެރިކަމުގައި އެމްޑީޕީއަށް އޮވެވޭނެ ގޮތް ރައްޔިތުންނަށް ވަރަށް ސާފުކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް އައްޑޫ ސިޓީ ހިތަދޫގައި

ރައީސް ޞާލިހުވަނީ ކޯލިޝަނަކާއެކު ރިޔާސީ އިންތިޚާބެއްގައި ވާދަކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅު ތަކުރާރުކޮށް ހާމަކުރައްވާފައެވެ. އެގޮތުން އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ގިނަ ރައްޔިތުން ތިބި ޕާޓީކަމަށް ވީނަމަވެސް އެކަނި އިންތިޚާބެއް ކާމިޔާބުކުރުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ތަންދޭ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"...ސިޔާސީ މަސްރަހު މި އޮތް ގޮތުން އިންތިޚާބެއް ކާމިޔާބުކުރެވޭ ތަން މި ފެންނަނީ އަދި އަޅުގަނޑުމެންނާ އެކީގައި އެހެން ބަޔަކު ބައިވެރިވެގެން. އަޅުގަނޑުމެންގެ މާޒީއަށް ބަލާއިރުގައި މި ކަން ވެފައި އޮތް ގޮތް ވަރަށް ސާފުކޮށް ފެނޭ. އެހެންވީމާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ޓަކައި އެފަދަ ބަޔަކާއެކީ މަސައްކަތްކޮށް އެމްޑީޕީއަށް ވެރިކަން ހޯދޭނެ ގޮތަކާ ދޭތެރޭ އައްޑޫ ސިޓީގެ ރައްޔިތުންގެ ވިސްނުން ގެންގުޅުން އެއީ އަޅުގަނޑު އެދޭ އެދުމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދަށް އަނެއްކާވެސް ބަހުގެ ހަމަލައެއް

މީގެ ކުރީގެ ސަރުކާރުތަކުން ވެސް އައްޑޫ ތަރައްގީކުރަން މަސައްކަތްކުރި ނަމަވެސް އެއީ ވަގުތީ ހައްލެއްގެ ގޮތުން ކުރިކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް މުހައްމަދު ނަޝީދު އައްޑޫގައި ސާކް ސަމިޓު ބާއްވަން ވެގެން ކުރި މަސައްކަތްތަކަށް ރައީސް ޞާލިހުގެ ފާޑުކިޔުން އަމާޒުކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސާކްސަމިޓަށް އައްޑޫއަށް ގެނައި ބަދަލަކުން ވެސް މާ ބޮޑު ފައިދާއެއް އައްޑޫ ރައްޔިތުންނަށް ނުލިބޭކަމަށެވެ.

"ސާކް ސަމިޓާ ދިމާކޮށް ވެސް އަޅުގަނޑުމެން ކުރި ކަންތައް ކުރެވިފައި އެ ހުރީ ދާއިމީ ހައްލެއް ލިބޭ ގޮތަކަށް ނޫން. މަގު ހެދުން ކަމުގައި ވިޔަސް އަދި އެ ނޫން ކަންތައްތައް ކަމަށް ވިޔަސް. އަދި ސާކް ސަމިޓު ނިމިގެން ދިޔައިރުގައި ވެގެން ދިޔަ ގޮތް ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެތާ ހުރި ގޮނޑިކޮޅަށް އެއްޗެހި ހިފައިގެން ސަރުކާރުން އެ ތަނުން ފައިބައިގެން ދިޔައީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެއާ ޚިލާފަށް މި ސަރުކާރުން ގެންނަ ތަރައްގީއަކީ "އުފުރައިލައިގެން ގެންދެވޭނެ އެއްޗެއް ނޫން" ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙް އައްޑޫ ސިޓީ ހިތަދޫގައި ޑޯޓުޑޯ ކުރިއަށްގެންދަވަނީ

"ފާޚާނާއާއި ފެނާ ނަރުދަމާގެ ނިޒާމު ނިމިގެން އެ ދަނީ. މަގުތައް ހެދެމުން އެ ދަނީ. ބަނދަރުތައް ހެދެމުން އެ ދަނީ. އެއާޕޯޓު ތަރައްގީވަމުން އެ ދަނީ. ޓޫރިޒަމްގެ ތަރައްގީ މިތަނަށް މި އަންނަނީ. މިއީ ވެރިކަމެއް ބަދަލުވެގެން މި ތަނުން އުފުރައިލައިގެން ގެންދެވޭނެ އެއްޗެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ އެ މަނިކުފާނުގެ ހަތަރު އަހަރުގެ ތެރޭ އައްޑޫއަށް ތަރައްގީ ގެނެވިފައިވާ މިންވަރަށް އެހެން އެއްވެސް ސަރުކާރަކަށް އައްޑޫ ތަރައްގީކޮށްދެވިފައިނުވާކަމަށެވެ. އަދި އެއީ ދައުލަތުގެ ލިޔެކިޔުންތަކުން ފެންނާނެ ހަގީގަތެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ފެނާއި ނަރުދަމާއާއި ބަނދަރާއި، މަގު ހެދުމާއި، ސިއްހީ ޚިދުމަތާއި، ތައުލީމީ ޚިދުމަތް ގާތުން ދެމުން. އެހެންވީމާ އައްޑޫ ސިޓީއަކީ ބޮޑު އާބާދީއެއް އުޅޭ ތަނެއްކަމަށް ވިޔަސް މި ހުރިހާ ޚިދުމަތެއް ބޭނުންވޭ. ޒަމާންވީ އިރުގައި އަޅައިނުލެވި ދިއުމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކާ ކުރިމަތި ލާން ޖެހިފައި އޮތް ރައްޔިތެއް ދިރިއުޅެމުން އައި ތަނެއް މިއީ،" އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ތަރައްގީގެ މަސައްކަތްތައް ފަށަނީ އަސާސީ ޚިދުމަތްތައް ވެސް ފުއްދަވައިދެއްވައި، ކަށަވަރުކުރައްވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.