މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑިވޮލޮޕްމަންޓްގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ކުންފުނިތަކާއި ޕާޓްނާޝިޕް ސޮސައިޓީތަކާއި އަދި ވިޔަފާރިތަކާ ބެހޭ މައުލޫމާތު ފުލުހުންނަށް ހިއްސާ ކުރުމަށް "ބޮލި ސިސްޓަމް ޝެއާކުރުން" ނަމުގައި އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއަދު މެންދުރު ފަހު އިކޮނަމިކް މިނިސްޓްރީގައި ބޭއްވި ރަސްމިޔާތުގައި މޯލްޑިވްސް ޕޮލިސް ސާވީސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އެވެ. އިކޮނަމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު އަހްމަދު މުހައްދު އެވެ.

އެ އެއްބަސްވުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު އަހްމަދު ވިދާޅުވީ އެ އެއްބަސްވުމާ އެކު އިކޮނަމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ވިޔަފާރިތަކާއި ކުންފުނިތަކާ ބެހޭ ޑޭޓާބޭސް އިންޓަނެޓް މެދެވެރިކޮށް ފުލުހުންނަށް ބެލޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ އެއްބަސްވުމުގެ އެންމެ ބޮޑު މަގުސަދަކީ ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް ދިނުމުގައި ލުއިފަސޭހަ ގޮތްތައް ހޯދަދީ ހިދުމަތް ދިނުން އަވަސް ކޮށްދިނުން ކަމަށެވެ.

"ކޮންމެ ކަމަކާ ގުޅޭ ގޮތުން ސިޓީ ބަދަލުކޮށް އެ މައުލޫމާތު ލިބިގަތުމަށް ވުރެ މި ޑޭޓާބޭސްއެއް މެދެވެރިކޮށް، އިންޓަނެޓް މެދުވެރިކޮށް މި މައުލޫމާތު އެ އޮފީސްތަކުގެ ކަމާ ގުޅޭ މަސައްކަތައް ބޭނުންވާ މިންވަރަށް ފޯރުކޮށްދިނުމުގެ މަސައްކަތްމި ވަނީ ފެށިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ރަސްމިޔާތުގައި ކޮމިޝަނަރު ރިޔާޒު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ވިޔަފާރި އާ ގުޅޭ އެކި ކަހަލަ މައްސަލަތަކުގައި އެ ވިޔަފާރީ ބެހޭ ތަފްސީލް މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތް ހަމަޖެހިގެން ދިއުމަކީ މައްސަލަތަކުގެ ތަހްގީގު އަވަސް ކުރުމަށް ލިބިގެންދާނެ ފަސޭހައެއް ކަމަށެވެ.

"ވަރަށް ބޮޑު މަސައްކަތްތަކެއް ފަސޭހަވެގެން މި ދިޔައީ. ލުއިވެގެން މިދިޔައީ. ފުލުހުންނާއި މައުލޫމާތު ބަދަލުކުރެވޭނެ އެއްބަސްވުމެއް އެއްބަސްވެގެން ދިޔަ ދިއުމަކީ އަޅުގަނޑުމެން ދެކޭ ގޮތުގައި މައްސަލަތައް ތަހްގީގު ކުރުމަށް ވެސް ވަރަށް ބޮޑު ސްޕީޑެއް ލިބިގެންދާނެ ކަމެއް،" ރިޔާޒު ވިދާޅުވި އެވެ.

"މަލޭގައި ހިންގާ ބޮޑެތި ކުށްތައް އެބަހުރި، ސީދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގާ އޮގަނައިޒް ކުރައިމް ތައް. އެފަރާތްތަކާ ބެހޭ މައުލޫތު ވެސް އަޅުގަނޑުމެނަށް މިހާރު ރޭގަނޑު ދަންވަރު ހިނގާ ކަމެއް ވިޔަސް ވެސް އެތަނުގެ އޯނާސް ބެހޭ މައުލޫމާތު ލިބޭ ކަމަށްވަންޏާ އެބޭފުޅާ ސީދާ ގުޅައިގެން އެމީހެއްގެ މުދާ ޕޮރްޓެކްޓް ކުރުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އަޅުގަނޑުމެނަށް މީގެ ސަބަބުން ފަހި ވެގެންދާނެ." ކޮމިޝަރު ވިދާޅުވި އެވެ.

އަހްމަދު ވިދާޅުވީ އެފަދަ އެއްބަސްވުންތަކެއް މީގެ ކުރިން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތަރީޓީ (މީރާ) އާއި އަދި މޯލްޑްވިސް ކަސްޓަމްސް ސާވީސް އާއި އަދި ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އިތުރުން ޔޫތް އެންޑް ހިއުމަންރިސޯސެސް މިނިސްޓްރީ އާ އެކު ވެފައިއިވާ ކަމަށެވެ.