ނިމިދިޔަ އަހަރަށް ވުރެ މި އަހަރުގެ ފުރަތަމަ 11 ދުވަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 14 އިންސައްތަ އިތުރުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީ އިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާާ ގޮތުގައި އަހަރުގެ ފުރަތަމަ 11 ދުވަހު ރާއްޖެއަށް 59،071 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 51،816 ފަތުރުވެރިންނެވެ. ރަޝިޔާ އަކީ ނިމިދިޔަ އަހަރު ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރި ގައުމެވެ. ނިމިދިޔަ އަހަރު ރަޝިޔާއިން ދެލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

މީގެ ތެރެއިން ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކުރީ ރަޝިޔާގެ ފަތުރުވެރިންނެވެ. އެގޮތުން ރަޝިޔާ އިން ރާއްޖެއަށް 10،697 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މި އަހަރުގެ ފުރަތަމަ އެގާރަގައި ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކުރި ގައުމުތަކަކީ:

1- ރަޝިޔާ: 10،697 (މާކެޓުގެ 18 އިންސައްތަ)

2- އިޓަލީ: 7،320 (މާކެޓުގެ 12.4 އިންސައްތަ)

3- އިންޑިއާ: 5،119 (މާކެޓުގެ 8.7 އިންސައްތަ)

4- އިނގިރޭސިވިލާތް: 4،436 (މާކެޓުގެ 7.5 އިންސައްތަ)

5- ޖަރުމަނު: 3،727 (މާކެޓުގެ 6.3 އިންސައްތަ)

ނިމިދިޔަ އަހަރު ނިމުނު އިރު ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ އިންޑިއާއިންނެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ މެދު ރާއްޖެތެރޭގެ އަތޮޅުތަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކ، އއ، އދ އަދި ވ އަތޮޅެވެ. މީގެ ތެރެއިން ގިނަ ފަތުރުވެރިންނަކީ މާފުށި އަދި މާލެ ސިޓީއަށް އައި ފަތުުރުވެރިންނެވެ.

މީގެ އިތުރުން މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން 69 އިންސައްތަ ފަތުރުވެރިންނަކީ ރިސޯޓުތަކަށް އައި ފަތުރުވެރިންނެވެ. އަދި 23 އިންސައްތަ ފަތުރުވެރިން ގެސްޓް ހައުސް ތަކަށް އައިއިރު، ސަފާރީ ތަކަށް އައީ ފަސް އިންސައްތަ ފަތުރުވެރިންނެވެ.

ނިމިދިޔަ އަހަރަށް ވުރެ މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އިތުރުވާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ. އޭގެ ރަސްމީ އަދަދެއް އަދި އިއުލާން ނުކުރި ނަމަވެސް، ޗައިނާ މާކެޓުން ފްލައިޓްތައް މި މަހުގެ 17 ގައި އަންނަން ފެށުމާއެކު، ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށްވެސް ސަރުކާރުން ދެކެއެވެ.