މިއީ އެމްޑީޕީގެ ސަރުކާރެއް ނޫން ކަމަށާއި މިއީ އިއްތިހާދުގެ ސަރުކާރެއް ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިމަހު 28ގައި އޮންނަ އެމްޑީޕީގެ ޕްރައިމަރީއަށް ކެމްޕޭން ކުރެއްވުމަށް މިއަދު ތ. ތިމަރަފުއްޓަށް ވަޑައިގެން އެމަނިކުފާނު ވިދާޅުވީ މިއީ އިއްތިހާދުގެ ސަރުކާރެއް ކަމަށާއި އެމްޑީޕީގެ ސަރުކާރެއް ނޫން ކަމަށެވެ. އަދި، ސަރުކާރުން އެޕާޓީގެ ސިޔާސަތުތައް ތަންފީޒުނުކުރާ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"މިއީ އެމްޑީޕީ ސަރުކާރެއް ނޫން، މިއީ އިއްތިހާދުގެ ސަރުކާރެއް" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެޕާޓީގެ ސިޔާސަތަކީ ރަށު އާމްދަނީ އިތުރުކުރެވޭނެ މަޝްރޫއުތައް ހިންގުން ކަމަށާއި މުހިއްމީ އާންމު ރައްޔިތު މީހާގެ ޖީބަށް ވަންނަ އެއްޗެއް ބޮޑު ކޮށްދިނުން ކަމަށެވެ. އެކަމަކު، ސަރުކާރުން އެ ސިޔާސަތާ ފެޔަށް ޖެހި މަސައްކަތް ކުރައްވަނީ "ކުޑަ ރަށެއް ފަޅު ރަށެއް" ބަލައިނުލާ މަގު ހެދުން ފަދަ މަޝްރޫއުތައް ހިންގަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މީގެން ރަށެއްގައި އެއްޗެއް އުފައްދާ، އޭއްޗެއް ބޭނުން ކުރެވޭނެ ގޮތެއް ނުހޯދަނިސް ރަށްރަށް ތަރައްގީއެއް ނުވާނެ. [އެކަން ނުކުރަނީސް] މިއެދޭ މިސްރާބަކަށް އަޅުގަނޑުމެންނަކަށް ނުދެވޭނެ" އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ގަބޫލުފުޅުކުރައްވާ ގޮތުގައި ސަރުކާރުގެ މިސްރާބު ހުރީ އެމްޑީޕީއާ ބީރައްޓެހި ދިމާލަކަށެވެ. އެގޮތުން ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން ހިފަހައްޓާ އޮބަހައްޓަން ކަމަށް އެމަނިކުފާނު ވަނީ ތުހުމަތު ކުރައްވައިފައެވެ.

ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ތ. ތިމަރަފުށީގައި--- ފޮޓޯ/ އެމްޑީޕީ

"އެމްޑީޕީގެ އަބަދުވެސް އަމާޒަކީ ރައްޔިތުން ދޫކޮށްލުން. ނުހިފޭއްޓުން. މިނިވަންކަން. ފިތުރަތުގެ ގޮތަކީ ވެސް ހެދިފޯދި ދިއުން. އޮބެހެއްޓުމެއް ނޫން. އޮބަހައްޓައިގެން، ހިފަހައްޓައިގެން ކޮންޓްރޯލް ކޮށްގެން ލިބޭނެ ތަރައްގީއެއް ނެތް" އެމަނިކުފާނު ވިދާޅުވިއެވެ.

"ތަރައްގީއަކީ މިނިވަން މީހާ ހޯދާ އެއްޗެއް. އޭނާގެ އަމިއްލަ ވިސްނުމުން، އޭނާ އުފައްދާ އެއްޗެހިން، އޭނާ ގެންނަ ކަމެއް. އޭނާ އުފައްދާ އޭނާ ކުރާ ވިޔަފާރިން، ވިޔަފާރިވެރިޔާއަށް ފައިދާވެ، މުޅި ރަށަށް ފައިދާވެ، އިތުރު ވަޒީފާގެ ފުރުސަތުތައް އެ ވިޔަފާރީގެ ތެރެއިން އުފެދިގެން އައުން."

ނަޝީދު ގަބޫލުފުޅުކުރައްވާ ގޮތުގައި ސަރުކާރުގެ އަމާޒަކަށް ވާންވާނީ އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތައް ތަރައްގީކޮށް، އެ ކުރިއެރުވުމެވެ. ސަރުކާރުން އެ އަމާޒަށް މަސައްކަތް ނުކުރައްވާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

ޕްރައިމަރީގެ ކެމްޕޭން ފޯރިގަދަވަމުންދާއިރު، ނަޝީދު އެންމެ ބޮޑަށް ވިދާޅުވާ ވާހަކަފުޅަކީ އެއީއެވެ. ސަރުކާރުން އެމްޑީޕީ ސިޔާސަތުތައް ތަންފީޒުނުކޮށް، އެޕާޓީގެ އަސާސްތަކާ ފެޔަށް ޖެހޭ ކަމުގެ ތުހުމަތެވެ. އެކަމަކު، ސަރުކާރުން އަންނަނީ އެކަން ދޮގުކުރަމުންނެވެ.

އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ