އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން "ޓީމް މޯލްޑިވްސްފޯ އިންޑިއާ އެތުލެޓިކް ޓްރެއިނިން ކޭމްޕް 2023" އަށް ފުރުވާލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިންޑިއާގެ ބެންގަލޫރުގައި ހުންނަ ނެތާޖީ ސުބާޝް ސްޕޯޓްސް އޮތޯރިޓީގައި ކުރިއަށްދާ މި ކޭމްޕުގައި ރާއްޖޭގެ 10 އެތުލީޓަކާއި ތިން ކޯޗުން ދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކޭމްޕު ކުރިއަށް ދާނީ މިހިނގާ ޖަނަވަރީ މަހުން ފެށިގެން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށެވެ.

އެކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙްމަދު މަޙްލޫފާއި، އިންޑިޔާގެ ހައިކޮމިޝަނަރު މުނޫ މަހާވާރާއި، ކޮމިޝަނާ އޮފް ސްޕޯޓްސް، އަހުމަދު ސަލީމާއި، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އަހުމަދު އަޒީލެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން "ޓީމް މޯލްޑިވްސްފޯ އިންޑިއާ އެތުލެޓިކްޓްރެއިނިން ކޭމްޕް 2023" އަށް ފުރުވާލުމުގެ ރަސްމިއްޔާތު / ފޮޓޯ: ޔޫތު މިނިސްޓްރީ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފް ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އިންޑިއާއިން ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާ ކުރައްވާފައެވެ. އިންޑިއާއިން ފޯރުކޮށްދީފައިވާ 40 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓްއިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުޅިވަރުގެ ދާއިރާގެ އުމްރާނީ ތަރައްޤީއަށް ބޮޑު ބަދަލެއް ގެނެވިފައިވާކަން ފާހަގަކުރެއްވެވިއެވެ.

ރަސްމިއްޔާތުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި މި ކޭމްޕަކީ ޒަމާނުއްސުރެ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ރަހުމަތްތެރިކަމާއި، ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިވަމުންދާކަމުގެ ފުރިހަމަ މިސާލެއް ކަމުގައި ސިފަކުރެއްވިއެވެ. އަދި މި ކޭމްޕުގެ ކަސްޓަމައިޒްޑް ޓްރެއިނިން މޮޑިއުލްތަކުގެ ސަބަބުން އެތުލީޓުންގެ ހުނަރުތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގައި އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

އޭނާ ވަނީ 2023ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި އެހެނިހެން ޤައުމީ އަދި ބައިނަލްއަޤްވާމީ އެކިއެކި އިވެންޓްތަކުން ކާމިޔާބު ނަތީޖާތަކެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމުގައި ވިދާޅުވެފައެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން "ޓީމް މޯލްޑިވްސްފޯ އިންޑިއާ އެތުލެޓިކްޓްރެއިނިން ކޭމްޕް 2023" އަށް ފުރުވާލުމުގެ ރަސްމިއްޔާތު / ފޮޓޯ: ޔޫތު މިނިސްޓްރީ

ހަ މަމަސްދުވަހުގެ މި ކޭންޕަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޔޫތު މިނިސްޓްރީގެ އެދުމުގެ މަތިން އިންތިޒާމުކުރެވިފައިވާ ކޭމްޕެކެވެ.

މިއީ 2017ވަނަ އަހަރުން ފެށިގެން އިންޑިއާގެ ސްޕޯޓްސް އޮތޯރިޓީގެ ފެސިލިޓީތަކުގައި ހިންގޭ ފަސް ވަނަ ޓްރެއިނިން ކޭމްޕެވެ. އެންމެފަހުން މިފަދަ ކޭމްޕެއް ހިންގިފައިވަނީ 2019ވަނަ އަހަރެވެ.