14 Jan 2023, 10:03
ޝާހިދު ކަޕޫރުގެ ފުރަތަމަ ވެބް ސީރީޒް "ފަރްޒީ" ފިލްމެއްގެގޮތުގައި އުފެއްދުމަށް މަޝްވަރާ ކުރެވުނުކަމަށް އޭނާ ބުނެފިއެވެ.
އިއްޔެ ޓްރެއިލާ ލޯންޗުކުރި އިވެންޓުގައި ވާހަކަދައްކަމުން ޝާހިދު ކަޕޫރު ބުނެފައިވަނީ، "ފަރްޒީ"އަކީ ފުރަތަމަ ފީޗާ ފިލްމެއްގެގޮތުގައި ވުޖޫދަށް ގެންނަން ނިންމި ޕްރޮޖެކްޓެއްކަމުގައެވެ.
ޝާހިދުގެ އިތުރުން މިސީރީސްގެ މޭސްތިރިންކަމަށްވާ ކްރިޝްނާ ޑީކޭއާއި ރާޖް ބުނެފައިވަނީ "ފަރްޒީ" އުފެއްދުމުގެ ޚިޔާލު އެންމެ ފުރަތަމަ އައީ މީގެ އަށްވަރަކަށް އަހަރު ކުރިންކަމަށެވެ. އެގޮތުން ފުރަތަމަ ޝާހިދުއާއި މަޝްވަރާކުރެވުނީވެސް ދެ މީހުންގެ ފިލްމަކަށް ސޮއިކުރުމާއި ގުޅޭގޮތުންކަމަށް ރާޖްވަނީ ބުނެފައެވެ.
އެމޭޒަން ޕްރައިމްގެ ކާމިޔާބު ވެބް ސީރީޒް "ދަ ފެމިލީ މޭން"ގެ ޓީމުން ފިލްމަކަށް ހުށަހެޅުމުން ޝާހިދުގެ ޝައުޤުވެރިކަން ވެބް ސީރީސްއަކާމެދު ހުރިކަން އެނގުނު ހިސާބުން "ފަރްޒީ"ގެ ފޯމެޓް ބަދަލުވިކަމަށް އެކްޓަރުވަނީ ބުނެފައެވެ. މީގެ ކުރިން ވެސް "ފަރްޒީ" އުފެއްދުމުގެ ޚިޔާލު ޓީމުން ގެންގުޅުނުނަމަވެސް މިޕްރޮޖެކްޓުގެ ދިގުމިނާ ބަލާފައި ފިލްމަކަށް ނުފެތޭނެކަން އެނގުނު ހިސާބުން ޕްރޮޖެކްޓު މަޑުޖައްސާލީކަމަށް ރާޖް އަދި ކްރިޝްނާވަނީ ބުނެފައެވެ.
މީޑިއާއަށް މަޢުލޫމާތު ދެމުން ޝާހިދު ކަޕޫރު ބުނެފައިވަނީ ފިލްމެއްގެގޮތުގައި "ފަރްޒީ" ގެނެސްދިނުމަކީ މިވާހަކައަށް ވެވޭނެ ބޭއިންސާފެއްކަމަށެވެ. އެންމެ ރަނގަޅު އަދި ފުރިހަމަގޮތަކީ، ވެބް ސީރީޒް އެއްގެ ގެގޮތުގައި މިވާހަކަ ބެލުންތެރިންނަށް ހުށަހެޅުންކަމަށް ޝާހިދުވަނީ ބުނެފައެވެ.
ކުރިޔަށްއޮތް ފެބްރުއަރީ މަހުގެ 10ވަނަ ދުވަހު އެމޭޒަން ޕްރައިމްއިން މި ވެބް ސީރީސް ޕްރިމިއާކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފިލްމު "ކަބީރް ސިންގް"ގެ ކާމިޔާބީއަށްފަހު ޝާހިދު ފެނިގެންދިޔައީ މިދިޔަ އަހަރު ރިލީޒްވި ފިލްމު "ޖާޒީ"އިންނެވެ. މި ދެ ފިލްމަކީވެސް ތަމަޅަ ރިމޭކްއެކެވެ.