12 Apr 2012, 15:57
ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވި މުލިއާގެއިން މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ފެނުނު ބަނގުރާ ފުޅިތަކުގެ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީއަށް މިއަދު ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓް މަންޓުގެ ޑެޕިއުޓީ ހެޑް ސަބް އިންސް ޕެކްޓާ އިސްމާއިލް ފަރީދު މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު މިހާރު ނިމިފައިވާ ކަމަށާއި "ޓެކްނިކަލް" މައްސަލައެއް ދިމާނުވެއްޖެ ނަމަ އެ މައްސަލަ މިއަދު ޕީޖީއަށް ފޮނުވާނެ ކަމަށެވެ.
އެ މައްސަލަ ފޮނުވި ކަމެއް ފުލުހުން އަދި ޔަގީނެއް ނުކޮށްދެ އެވެ.
މުލިއާގެއިން ރާފުޅިތައް ފެނުނު މައްސަލައިގެ ތަހުގީގު ދިގުލައިގެން ދިޔައީ އެ ތަހުގީގުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ޖެހުމާ އެކު ތަހުގީގު ކުރަން ހުރި މައްސަލަތަކުގެ ގިނަ ކަމުން ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފަ އެވެ.
މުލިއާގެ އިން ފެނުނު ރާފުޅިތައް ފުލުހުން ނޫސްވެރިންނަށް ދެއްކި އިރު އޭގެ ތެރޭގައި ދިވެހި ދައުލަތުގެ ނިޝާން ޖެހި ޓެގް އަޅުވައިގެން ފޮށި ފޮށީގައި ބަންދު ކޮށްފައިވާ ރާފުޅިތައް ހުރި އިރު ބައެއް ފުޅިތަކަކީ ބޭރުގެ ބައެއް ފަރާތްތަކުން ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުވާފައި ހުރި ތަކެތި ކަން އެނގޭ ޓެގާއި ސިޓީއުރަ ވެސް ހުއްޓެވެ. އަދި ބޭރުގެ ބައެއް ބޭފުޅުން ރައީސް ނަޝީދަށް ހަދިޔާއަށް ފޮނުވާފައިވާ ކަމަށް ލިޔެފައިވާ ޓެގްތައް ހުރި ރާފުޅި ވެސް ހުއްޓެވެ.
ފުލުހުން އޭރު ބުނީ ބައެއް ފުޅިތައް މުލިއާގެ ތެރެއަށް ވައްދާފައި ހުރީ އޭފޯ ސައިޒުގެ ސިޓީ އުރައިގައި ކަމަށާއި، އޭގެ ބޭރުގައި ސިފައިންގެ ސުޕެޝަލް ޕްރޮޓެކްޝަން ގްރޫޕުން ސެކިއުރިޓީ ޗެކްކޮށްފައިވާކަން އަންގައިދޭ ސްޓޭމްޕް ވެސް ޖަހައިގެން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނަކީ ބަނގުރާ ބައްލަވާ ބޭފުޅެއް ނޫން ކަމަށާއި މުލިއާގޭގައި އެފަދަ އެއްޗެއް ނުހުންނާނެ ކަމަށެވެ.