14 Jan 2023, 00:36
ސިޔާސީ ހިޔާލު ތަފާތުވުން ހުރި ނަމަވެސް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ ޒާތީކޮށް ދިމާ ނުކުރުމަށް އެމްޑީޕީީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައެވެ.
އެމްޑީީޕީގެ ވަޓްސް އެޕް ގްރޫޕަކަށް ރައީސް ނަޝީދު މިރޭ ކުރެއްވި މެސެޖެއްގައި ވަނީ، ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާނީ އެމަނިކުފާން ކަމަށެވެ. ނަމަވެސް، އިންތިހާބު ކާބިޔާބު ކުރުމަށް އެމަނިކުފާނުގެ ވަރަށް ބޮޑު އެދިލެއްވުމެއް ވާކަމަށް އެ މެސެޖުގައި ވެއެވެ.
"އަޅުގަނޑު އެދެނީ އެެއްވެސް ބޭފުޅަކު މިނިސްޓަރު ފަޔާއާއި އަދި ފަޔާ ފެމިލީއާ ޒާތީކޮށް ދިމާ ނުކުރެއްވުމަށް،" އެ މެސެޖުގައި ވެއެވެ.
މިނިސްޓަރު ފައްޔާޒު ވަނީ މި މެސެޖުގެ ސްކްރީންޝޮޓެއް ޓްވީޓު ކުރައްވާފައެވެ. އަދި މީޑިއާގަޔާއި އެހެންގޮތްގޮތަށް ވެސް އޭނާ އާ ދިމާ ކުރެވިދާނެކަމަށް އެ ޓްވީޓުގައި ލިޔުއްވާފައި ވެއެވެ.
މީގެ އިތުރުން ފައްޔާޒުު ކުރެއްވި ޓްވީޓުގައި ވަނީ، މަގުމަތިން އަނބިދަރިންނާ ދިމާކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށެވެ.
"އެކަން އެހެން ނުކުރުމަށް ކެމްޕެއިން ޓީމަށް އިލްތިމާސް ކުރެއްވީތީ ރައީސް ނަޝީދަށް ޝުކުރު ދަންނަވަން،" އެ ޓްވީޓުގައި ވެއެވެ.
މި މަހުގެ 28ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހެވެ.
ފައްޔާޒަކީ ރައީސް ޞާލިޙް ފަޅީގެ ބޭފުޅެކެވެ.
ޕްރައިމަރީ ކެމްޕެއިންގެ ފޯރި ގަދަވެފައިވާ މި ވަގުތު ދެ ރައީސުން ވެސް ދަނީ އެކަކު އަނެކަކަށް ވަރުގަދަ ބަހުގެ ހަމަލާތަށް ދެމުންނެވެ.